ކުރީގެ ރައީސް ޔާމީންއާ މެދު އަމަލުކުރަމުންދާ ގޮތުން ކަންބޮޑުވާ ކަންތައްތަކެއް ހުރުމުން އިދިކޮޅު ކޯލިޝަނުގެ ލީޑަޝިޕްގެ ބޭފުޅުން ހިއުމަން ރައިޓްސް ކޮމިޝަންގެ މެމްބަރުންނާ މިއަދު ބައްދަލުކޮށްފި އެވެ.
ދެ ދުވަހުގެ މަތިން އެޗްއާރުސީއެމްގެ މެމްބަރުންނާ ބައްދަލުކުރަން މަސައްކަތްކޮށް މިއަދު ހެނދުނު ވަނީ އެ ބައްދަލުވުން ބާއްވައިފަ އެވެ.
އެ ބައްދަލުވުމަށް ފަހު ނައިފަރުދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ އެޗްއާރުސީއެމްގެ މެމްބަރުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަސް ހުށަހަޅާނެ ކަމަށެވެ. އެޗްއާރިސީއެމް އަކީ ސަރުކަރުގެ ސިޔާސީ ނުފޫޒު އޮތް މުއައްސަސާއެއް ކަމަށް ވެސް ޝީޔާމް ވިދާޅުވި އެވެ.
ޝިޔާމް ވިދާޅުވީ ރައީސް ޔާމީންގެ ހައްގުތައް ނިގުޅައިގަނެ އެމަނިކުފާނަށް ނުހައްގުން އަނިޔާވެރިވަމުންދާ ކަމަށެވެ. އެހެން ނަމަވެސް އެޗްއާރުސީއެމްއަށް އެތަން ނުފެންނަ ކަމަށް ޝިޔާމް ވިދާޅުވި އެވެ.
"އެޗްއާރުސީއެމް އަށް މި ފެންނަނީ މީހަކު ކަންފަތް މަތީގައި ޖެހީމާ، އެއީ މީހަކަށް ލިބޭ އަނިޔާ ކަމަށް. މިއީ އަނިޔާ އަކަށް ނުވޭތޯ؟ ކިތައް ރައްޔިތުންގެ ހައްގުތޯ މި ގެއްލެނީ. ކިތައް ރައްޔިތުންގެ އުއްމީދާއި ގުޅިފައި ހުރި ބޭފުޅެއްތޯ ރައީސް ޔާމީން އަކީ." ޝީޔާމް ވިދާޅުވި އެވެ.
ޕީއެންސީގެ ނައިބު ރައީސް، މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވީ ރ. ފުއްގިރި މައްސަލާގައި ރައީސް ޔާމީންގެ ޝަރީއަތްތައް 13 ގަޑިއިރަށް ކުރިއަށް ގެންދިއުމަކީ އެއްވެސް ހަމަޔަކުން ކުރި ކަމެއް ނޫން ކަމަށެވެ. އަދި އެމައްސަލަ އދ އަށް ހުށަހަޅާފައިވާ ކަމަށް ސައީދު ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ ރައީށް ޔާމިންގެ އަސާސީ ހައްގުތައް ނިގުޅައިގަނެ އެމަނިކުފަނަށް އަނިޔާކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.
އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަންގައި ހިމެނޭ އިސްބޭފުޅުންތަކެއް މިއަދު ހެނދުނު އެޗްއާރުސީއެމްގެ މެމްބަރުންނާ ބައްދަލު ކުރެއްވުމަށް އެކޮމިޝަނަށް ވަޑައިގެން ނަމަވެސް ކޮމިޝަންގެ މެމްބަރަކާ ބައްދަލުކުރެވޭ ގޮތެއް ނުވި އެވެ.
އެ ކޮމިޝަންގެ މެމްބަރުން ވަނީ އެބޭފުޅުންނާ ބައްދަލުނުކުރައްވާ ވަޑައިގެންފަ އެވެ.
އެޗްއާރުސީއެމް ގައި އިދިކޮޅު ބޭފުޅުން ގާތްގަނޑަކަށް 4 ގަޑި އިރު ތިއްބެވި ނަމަވެސް ކޮމިޝަންގެ އެއްވެސް ބޭފުޅަކު ވަޑައިގެންފައެއް ނުވެ އެވެ.
އިދިކޮޅު ކޯލިޝަނުން މިދިޔަ މާޗް މަހުގެ 14 ވަނަ ދުވަހުވެސް އެޗްއާރުސީއެމްގެ މެމްބަރުންނާ ބައްދަލުކުރެއްވުމަށް މަސައްކަތް ކުރެއްވި އެވެ. އެހެންނަމަވެސް އެދުވަހު ވެސް ކޮމިޝަންގެ ބޭފުޅުންނާ ބައްދަލުކުރެވޭ ގޮތެއް ނުވި އެވެ.
އިދިކޮޅު ކޯލިޝަނުން ވަނީ ރައީސް ޔާމީންގެ ޝަރީއަތާއި ގުޅިގެން ހުރި ކަންބޮޑުވުންތައް ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ބައްދަލުކުރުމަށް ރައީސް އޮފީހަށް ވަޑައިގެންފަ އެވެ. އެހެން ނަމަވެސް ރައީސް ސޯލިހާ ބައްދަލުކުރެވޭ ގޮތެއް ނުވި އެވެ.