އިދިކޮޅު ކޯލިޝަނުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުއާ ބައްދަލުކުރެއްވުމަށް މިއަދުވެސް ރައީސް އޮފީހަށް ވަޑައިގަތުމުން މިއަދުވެސް ރައީސް އާ ބައްދަލެއް ނުވި އެވެ.

ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ބުނީ ރައީސް އޮފީހުން ރައީސް އާއި ބައްދަލުކުރުމަށް ގަޑި ދީފައިވާ ކަމަށެވެ. އެގަޑިއަށް ރައީސް އޮފީހަށް ދިއުމުންވެސް ރައީސްއާއި ބައްދަލު ނުކުރެވުނު ކަމަށް އިދިކޮޅު ކޯލިޝަނުން ވަނީ ބުނެފަ އެވެ.

އިދިކޮޅު ކޯލިޝަނުން އިއްޔަވެސް ވަނީ ރައީސް އާއި ބައްދަލުކުރުމަށް ރައީސް އޮފީހަށް ދިޔަ އެވެ. އެހެން ނަމަވެސް އިއްޔަވެސް ރައީސް އާއި ބައްދަލުކުރެވޭ ގޮތެއް ނުވި އެވެ.

ރައީސް ސޯލިހާ ބައްދަލުކުރުމަށް ރައީސް އޮފީހަށް އިދިކޮޅު ކޯލިޝަނުން ދާތާ ތިން ދުވަސް ވެއްޖެ އެވެ. ރަސްމީކޮށް އެޕޮއިންޓްމެންޓް ނުހައްދާތީ އެއްވެސް ދުވަހަކު ރައީސްއާ ބައްދަލެއް ނުވެ އެވެ.

މިއަދުވެސް ރައީސް އާއި ބައްދަލުކުރުމަށް ރައީސް އޮފީހުން ގަޑި ދީފައިވީ ނަމަވެސް ރަސްމީ އެޕޮއިންޓްމަންޓު ނުހައްދާތީ ކަމަށް ބުނެ ބައްދަލެއް ނުކުރެވުނެވެ.

އިއްޔެ ވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވަޑައިގެން ރައީސް ސޯލިހާއި ބައްދަލު ކުރަން އެދުމުން އެއޮފީހުން ދެއްވީ އީމެއިލް އެޑްރެހެއް ކަމަށް ޕީޕީއެމްގެ ނައިބު ރައީސް ނައިފަރު ދާއިރަގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވިދާުވީ މިއަދު 11:00 އަށް ރައީސް އޮފީހުން ގަޑި ދީފައިވާ ކަމަށެވެ. އެކަމަކު މިއަދުވެސް ބައްދަލުނުކުރެވޭނެ ކަމަށް ރައީސް އޮފީހުން އަންގާފައިވާ ކަމަށެވެ. ޝިޔާމް ވިދޅާުވީ ރައީސް އާއި ބައްދަލު ކުރުމަށް އައީ ވަރަށް މުހިންމު މައްސަލަތަކެއްގައި ވާހަކަ ދައްކަން ކަމަށެވެ.

"އަޅުގަނޑުމެން ތަކުރާރުކޮށް މި ބުނަނީ މަޖިލިސް މިއޮތީ ހުއްޓިފައޭ، މުއައްސަސާތައް ނުހިނގައޭ. ދައުލަތުގެ އެންމެ އިސްވެރިޔާ އަރިހަށް މި އަންނަނީ ވާހަކަދެކެވި، ގަޑި ލިބިގެން،" ޝިޔާމް ވިދާޅުވި އެވެ.

އިދިކޮޅު ކޯލިޝަނުން ވަނީ މިގޮތަށް 3 ދުވަސް މަތީން އެޗްއާރުސީއެމްގެ މެމްބަރުންނާވެސް ބައްދަލު ކުރެއްވުމަށް ވަޑައިގެންފަ އެވެ.

މިއަދު އެބޭފުޅުންނަށް އެޗްއާރުސީއެމްގެ ބޭފުޅުންނާ ބައްދަލުކުރެވޭގޮތް ވަނީ ވެފަ އެވެ.

އިއްޔެވެސް އިދިކޮޅު ލީޑަޝިޕުން ވަނީ ރައީސް ޔާމީނަށް ކުރާ އަނިޔާއާ ދެކޮޅަށް އަޑު އުފުލުމަށް ރައީސުލްޖުމްހޫރިއްޔާއާއި ބައްދަލުކުރުމަށް ވަޑައިގެންފަ އެވެ. އިދިކޮޅު ލީޑަޝިޕާއި މެމްބަރުން އެސަރަހައްދަށް ދިއުމުން ފުލުހުންނާއި ސިފައިން އެސަރަހައްދުގައި ބެރިކޭޑްޖަހާ އެންމެން ފަހަތަށް ޖެއްސި އެވެ. އަދި 3 މީހުން ހައްޔަރު ވެސް ކުރި އެވެ.