ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރަން ވ. އާރަށް ކުއްޔަށްދޫކުރުމުގެ މުއާމަލާތާ ގުޅިގެން އުފުލި މަނީ ލޯންޑަރިންނާއި ރިޝްވަތު ހުށަހެޅުމުގެ ދައުވާ ސާބިތުވެ ޔާމީނަށް އިއްވި 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފު އަޑުއެހުންތައް އަވަހަށް ނިންމުމަށް ޝަރީއަތްތައް ދިގުކޮށް ގެންގޮސްދިނުމަށް ރައީސް އަބްދުﷲ ޔާމީން މިއަދު އެދިވަޑައިގެންފި އެވެ.

އެ މައްސަލާގައި 52 މިލިއަން ރުފިޔާ ދެއްކުމަށް ޖޫރިމަނާ ކޮށް އަދި 11 އަހަރަށް ޖަލަށް ލުމަށް ވަނީ ހުކުމް ކޮށްފަ އެވެ. މިއަދު ބޭއްވި އިސްތިއުނާފް އަޑުއެހުމަކީ 11 އަހަރަށް ޖަލަށް ލުމަށް ކުރި ހުކުމުގެ އިސްތިއުނާފް އަޑުއެހުމެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ރައީސް ޔާމީން ވާހަކަ ދެއްކެވުމަށް ފުރުސަތު ދެއްވުމުން ވިދާޅުވީ އިސްތިއުނާފް އަޑު އެހުންތައް އަވަސް ކުރުމަށް ވަގުތު ދިގުކޮށް ކައިރިކައިރީގައި ޝަރީއަތްތައް ބައްވައިދިނުމަށް އެދޭ ކަމަށެވެ.

"މިއީ އިސްތިއުނާފް މައްސަލައަކަށް ވާތީ، އަޅުގަނޑު ހަމަ ނިހާޔަތަށް އެދެން މި މައްސަލަ ތަންކޮޅެއް ފްރިކުއެންޓުކޮށް ވަގުތު ދިގުލައިގެންދާ ގޮތަށް ގެންގޮސްދިނުން،" ރައީސް ޔާމީން ވިދާޅުވި އެވެ.

ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ޝަރީއަތްތަކަށް އިޝަރާތްކުރައްވާ ރައީސް ޔާމީން ވިދާޅުވީ ކްރިމިނަލް ކޯތުގައި ކުރިއަށްދާ މައްސަލަތައްވެސް ލަސްކުރަން ދައުލަތުން އިއުތިރާޒް ނުކުރާތީ އިސްތިއުނާފް އަޑުއެހުންތައްވެސް އަވަހަށް ގެންދެވޭނެ ގޮތެއް ހައްދަވައިދެއްވުމަށް އެދޭ ކަމަށެވެ.

ރައީސް ޔާމީން މިގޮތަށް އެދިވަޑައިގެންފައި ވަނީ ފުއްގިރި މައްސަލާގެ ހެކިބަސް ނެގުން ވެސް ކްރިމިނަލް ކޯޓުގައި އަންނަ ހަފްތާގެ ތިން ދުވަހު ތާވަލް ކޮށްފައި ވާތީ އެވެ.

މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި އިންނަވާ ފަނޑިޔާރު ހަސަން ޝަފީއު ވިދާޅުވީ އެ މައްސަލައިގެ ލިޔެކިޔުންތައް ވަރަށް ގިނަ ކަމަށެވެ. އެހެން ނަމަވެސް އަވަހަށް މައްސަލަ ކުރިއަށް ގެންދެވޭތޯ މަސައްކަތް ކުރައްވާނެ ކަމަށް ފަނޑިޔާރު ޝަފީއު ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން ވ. އާރަށް ކުއްޔަށް ދިން މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވައި، ފަންސާސް ދެ މިލިއަށް ރުފިޔާގެ ޖޫރިމަނާ އެއްކޮށް ހުކުމް އިއްވާފައި ވަނީ މިދިޔަ އަހަރުގެ މިދިޔަ އަހަރުގެ ޑިސެމްބަރު 25 ގައި އެވެ. ރައީސް ޔާމީންގެ މައްޗަށް އިއްވާފައި ވަނީ ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އެވެ.

މި ދައުވަގައި ހިމެނޭ 52 މިލިއަންރުފިޔާ އިން ޖޫރިމަނާ ކުރަން ކޮށްފައިވާ ހުކުމް ޔާމީންގެ ފަރާތުން އިސްތިއުނާފް ކޮށްފައި ވަނީ މިމަހުގެ 14 ވަނަ ދުވަހު އެވެ. އަދި މިމައްސަލާގައި ޔާމީންގެ މައްޗަށް ކޮށްފައިވާ 11 އަހަރުގެ ޖަލު ހުކުމް ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހު ވަނީ ހައިކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ.