ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެމެރިކާގެ ހާރިޖީ ވަޒީރު އެންތަނީ ބްލިންކެން އާ ބައްދަލުކުރައްވައިފި އެވެ.

މިނިސްޓަރު ޝާހިދު، ބްލިންކެންއާ ބައްދަލުކުރެއްވީ އެމެރިކާގައި ރާއްޖޭގެ އެމްބަސީ ހުޅުވުމަށް މިހާރު އެގައުމަށް ކުރައްވާ ދަތުރުފުޅުގަ އެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރު ޝާހިދު އާއި ބްލިންކެން ވަނީ ޑިމޮކްރަސީ ކުރިއެރުވުމާއި ހަރުދަނާކުރުމާއި ގުޅޭ ގޮތުންނާއި އިގުތިސާދު ކުރިއެރުވުމާއި މޫސުމީ ބަދަލުތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފަ އެވެ.

މީގެ އިތުރުން ދިފާއީ ގޮތުން އެއްބާރުލުން ދިނުމާއި މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަށާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމާ ގުޅޭ ގޮތުން ވަނީ މަޝްވަރާ ކުރައްވާފަ އެވެ.

މިބައްދަލުކުރެއްވުމުގައި އެމެރިކާގެ ހާރިޖީ ވަޒީރު ވަނީ ރާއްޖެއާއި އެމެރިކާއިން ބާއްވާ ގުޅުން އިތުރަށް ބަދަހިކުރުމަށް ދެއްވާ އަހަމިއްޔަތުކަންވެސް ފާހަގަކުރައްވާފަ އެވެ. އެގޮތުން ރާއްޖެގެ އެމްބަސީއެއް އެމެރިކާގައި އަޅުން ގާއިމްކުރުމާއި ރާއްޖޭގައި އެމެރިކާގެ އެމްބަސީއެއް ގާއިމްކުރުމުގެ މަސައްކަތް އެމެރިކާގެ ހާރިޖީ ވަޒީރު ފާހަގަކުރެއްވި އެވެ.

ބްލިންކެންއާ ބައްދަލުކުރައްވާ މިނިސްޓަރު ޝާހިދު ވަނީ އެމެރިކާގެ ޔުނިވާސިޓީތަކުން ދިވެހި ދަރިވަރުންނަށް މަތީ ތައުލީމުގެ ފުރުސަތުތައް އިތުރުކޮށްދިނުމަށާއި ވިސާ ލިބުމުގައި ދިވެހިންނަށް ފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށް އެދިވަޑައިގެންފަ އެވެ.