އެމެރިކާގެ ވެރިރަށް ވޮޝިންޓަން ޑީސީގައި ދިވެހިރާއްޖޭގެ އެމްބަސީއެއް އަނެއްކާވެސް ހުޅުވައިފި އެވެ.

އެމްބަސީ ހުޅުވައިދެއްވީ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު އެވެ.

އެމެރިކާގައި ހުންނަ ދެކުނު އަދި ސެންޓްރަލް އޭޝިއާގެ ސްޓޭޓް ޑިޕާޓްމަންޓުގެ އެސިސްޓެންޓް ސެކްރެޓަރީ ޑޮނަލްޑް ލޫ ވެސް އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތެވެ.

ރާއްޖޭގެ އެމްބަސީ އެމެރިކާގައި ހުޅުވުމުން އެތައް ގޮތަކުން ފަސޭހަވެގެން ދާނެ އެވެ. މިހާރު ރާއްޖެއާއި އެމެރިކާ ކުރިއަށްގެންދާ އެކި މުއާމަލާތްތައް ކުރިއަށް ގެންދަނީ ލަންކާގައި ހުންނަ އެމެރިކާ އެމްބަސީ މެދުވެރިކޮށެވެ. އަދި އެމެރިކާގައި ރާއްޖެ ތަމްސީލު ކުރަނީ ވެސް އދ. ގައި ހުންނަ ރާއްޖޭގެ މިޝަން މެދުވެރިކޮށެވެ. އެހެންކަމުން މިހާރު ހުރިހާ މުއާމަލާތެއް އެމްބަސީ މެދުވެރިވެ ކުރިއަށް ގެންދެވޭނެ އެވެ.

ޝާހިދު އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގައި އެގައުމުގެ ހާރިޖީ ވަޒީރު އެންތަނީ ބްލިންކެންއާ ވަނީ ބައްދަލުކުރައްވައިފަ އެވެ.

ރާއްޖެއާއި އެމެރިކާއާ ދެމެދު ސިޔާސީ ގުޅުން ގާއިމު ކޮށްފައިވަނީ 1966 ވަނަ އަހަރު އެވެ.

ރާއްޖޭގައި ވެސް އެމެރިކާގެ އެމްބަސީއެއް ހުޅުވުމަށް އަންނަނީ ތައްޔާރުވަމުންނެވެ. އެ އެމްބަސީ ހުޅުވަން ނިންމާފައި ވަނީ ހުޅުމާލޭގައި ހުންނަ އުމަރު ޒާހިރު އޮފީސް އިމާރާތުގަ އެވެ.