އިދިކޮޅު ކޯލިޝަނުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުއާ ބައްދަލުކުރެއްވުމަށް ރައީސް އޮފީހަށް ވަޑައިގަތުމުން މިއަދުވެސް ރައީސް އާ ބައްދަލެއް ނުވި އެވެ.

ރައީސް ޞާލިހުއާއި ބައްދަލުކުރެއްވުމަށް އިދިކޮޅު ޕާޓީތަކުން ވަޑައިގަތީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީނަށް ދެމުންދާ އަނިޔާތަކާއި ހުރި ކަންބޮޑުވުންތައް ހިއްސާ ކުރެއްވުމަށެވެ.

ޕީއެންސީގެ ރައީސް އަދި މިވަގުތު އިދިކޮޅު ކޯލިޝަން ހިންގެވުމާ ހަވާލުވެހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް (އަދުރޭ) ވިދާޅުވީ ރައީސް އާއި ބައްދަލުކުރެއްވުަމށް އެދިވަޑައިގަތީ މިވަގުތު ގައުމުގައި ހުރި ކަންބޮޑުވުންތަކާއި ޖަލުގައި ރައީސް ޔާމީން އަށް ދެމުންދާ އަނިޔާތަކާހުރި ކަންބޮޑުވުންތައް ހިއްސާ ކުރެއްވުމަށް ކަމަށެވެ.

އަދުރޭ ވިދާޅުވީ ރައީސް ސޯލިހުއާއި ބައްދަލުކުރައްވަން ބޭނުންފުޅުވަނީ މިސަރުކާރު އައިފަހުން ރައީސް ޔާމީން އެއޮންނަވަނީ ޖަލުގަ ކަމަށާ މިހާރު ގައުމަށް ދިމާވެފަ މިއޮތް ދަތި ހާލަތުން މެދުވެރިވާން ދިމާވި ސަބަބުތައް އޮޅުން ފިލުވާން ކަމަށެވެ.

ރާއްޖެ ސަލާމަތްނުވާ ވަރަށް އިންޑިއާއިން ދަރަނި ނަގާފަ އޮތުމާ އިންޑިއާ ސިފައިން ރޭއްޖޭގައި ބައިތިއްބައިގެން ރާއްޖޭގެ މިލިޓަރީއަށް ވުރެ އެމީހުންގެ ބާރުގަދަ ކުރުމަށް ކުރަމުންގެންދާ މަސައްކަތްތަކާ އިންޑިއާ އަށް ރާއްޖެއިން ފަޅުރަށްތަކާ ފަޅުތައް ވިއްކަމުންދާތީ އެކަމުގެ ކަންބޮޑޫވުންތައް ހިއްސާކުރުމަށް ކަމަށް އަދުރޭ ވިދާޅުވި އެވެ.

އިދިކޮޅު ކޯލިޝަނުން މިއަދުވެސް ވަނީ ރައީސް ޞާލިހުއާއި ބައްދަލުކުރެއްވުމަށް ރައީސް އޮފީހަށް ވަޑައިގެންފަ އެވެ.

ރިޔާސީ އިންތިހާބަށް މިހާ ގާތްވެފަ އޮތް އިރު ރައްޔިތުންނަށް ގައުމުގެ ހާލަތު އިންގެންޖެހޭ ކަމަށެވެ. އަދި އެކަމުގެ ޒިންމާ ވާދަވެރިޕާޓީއެއްގެ ހައިސިއްޔަތުން ނަގަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ދެވަނަ ދައުރަކަށް މީހަކަށް ވޯޓު ދޭން ބަލާ އިރު މިތިބަ ރިޔާސީ ކެންޑިޑޭޓުންތެރެއިން ރައީސް ޞާލިހުއަށް ވޯތު ދޭން ޖެހެނީ ނުވަތަ ނުޖެހެނީ ކީއްވެގެންކަން ރައްޔިތުންނަށް އޮޅުންފިލުވައިދޭން އެބަޖެހޭ،" އަދުރޭ ވިދާޅުވި އެވެ.

އިއްޔެވެސް ރައީސް ސޯލިހާ ބައްދަލުކުރުމަށް އިދިކޮޅު ކޯލިޝަނުން ރައީސް އޮފީހަށް ވަޑައިގަތެވެ. އެހެން ނަމަވެސް ރައީސް އާއި ބައްދަލެއް ނުކުރެވުނެވެ.

މީގެ ކުރިން ވެސް އިދިކޮޅު ކޯލިޝަނުން ރައީސް އޮފީހަށް ވަޑައިގެންނަމަވެސް ރައީސް އާއި ބައްދަލު ކުރެއްވޭނެ ގޮތެއް ނުވި އެވެ.

މިދިޔަ އާދިއްތަ ދުވަހު ވެސް ރައީސް އާއި ބައްދަލުކުރެއްވުމަށް ރައީސް އޮފީހުން އިދިކޮޅު ކޯލިޝަނަށް ގަޑި ދިން ނަމަވެސް ރައީސް އާއި ބައްދަލެއް ނުކުރެއްވުނެވެ.