ޖުމްހޫރީ ޕާޓީގެ ސްލޮޓްތަކުގައި ސަރުކާރުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން އެޕާޓީން ވަކިވި ބޭފުޅުން މިރޭ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީ އަށް ސޮއި ކޮށްފި އެވެ.
ޖުމްހޫރީޕާޓީން ވަކީން މިއަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ނިންމުމާ ގުޅިގެން އެޕާޓީގެ ސްލޮޓްތަކުގައި ސަރުކާރުގެ އެކި މަގާމުތަކުގައި ތިބި ބޭފުޅުން ވަނީ މީގެ ދުވަސްކޮޅެއް ކުރީން އެޕާޓީން ވަކިވެފަ އެވެ.
އެބޭފުޅުން ޖޭޕީ އިން ވަކިވީ ރައީސް އިބްރާހީމް މުހައްމަދު ޞާލިހު އަށް ދެވަނަ ބުރެއް ހޯދައިދިނުމަށް ކަމަށް ބުނެ އެވެ.
އެހެން ނަމަވެސް އެބޭފުޅުން ޖޭޕީ އިން ވަކިވީ މަގާމުގެ ދިފާއުގައި ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.
އޭގެ ތެރޭގައި ފެން ކުންފުނީގެ އެމްޑީ ހަސަން ޝާހް އާއި ހަޔާ އެޑިއުކޭޝަންގެ ނާއިބު އައިމިނަތު މުހައްމަދު ސަލީމް އާއި ހެެރިޓޭޖް މިނިސްޓްރީގެ ނާއިބު ވަލީދާ ވަލީދާއި ފިލްމީ ތަރި އަހްމަދު އަޒްމީލް (އަޒޭ) ހިމެނެއެވެ. މީގެ އިތުރުން ޖޭޕީ ކައުންސިލްގެ ބައެއް މެންބަރުން ވެސް ހިމެނެއެވެ.
މީގެ އިތުރުން ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރުވެސް ވަނީ މިރޭ އެމްޑީޕީ އަށް ސޮއިކުރައްވާފަ އެވެ.
ސަމީރު ވަނީ މީގެ މާކުރިންވެސް ރައީސް އިބްރާހީމް މުހައްމަދު ޞާލިހުއަށް ތާއިދު ކުރައްވާކަން ހާމަކުރައްވާފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ލ. އިސްދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ހަމީދު ޖުމްހޫރީ ޕާޓީ ދޫކުރައްވައި އެމްޑީޕީއަށް ދުވަސް ކޮޅެއް ކުރީން ސޮއި ކުރެއްވި އެވެ.
ޖުމްހޫރީ ޕާޓީން ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެޕާޓީ ވަކީން ވާދަކުރުމަށާއި ޕާޓީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ގާސިމް އިބްރާހީމް ހަމަޖައްސާ ޕާޓީގެ ރިޔާސީ ޓިކެޓްވެސް ވަނީ ގާސިމަށް ދެއްވާފަ އެވެ.
އެބޭފުޅުން ސޮއިކުރީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޞާލިހުގެ ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދަވާ މައި އޮފީސް ސޯލްޓް ގައި އެވެ.