ދިވެހި މާހައުލުގައި އުޅެ ބޮޑެތިވަމުން އައިނަމަވެސް، ދިވެހި ބަހުން ރަނގަޅަށް ވާހަކަ ދައްކަން ނޭނގޭ ކުދިން ތިބޭކަމީ ފުންކޮށް ވިސްނަންޖެހޭ ގައުމީ މައްސަލައެއްކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ސްޓެލްކޯގެ ޖަލްސާކުރާ މާލަމުގައި ރޭ ބޭއްވި، ލިޔުންތެރިންގެ ގުޅުމުގެ ވާހަކަ ލިޔުމުގެ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށާއި އެޖަމިއްޔާގެ 13 ވަނަ އަހަރީ ޖަލްސާގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސްގެ ވާހަކަފުޅުގައި ދިވެހި ބަހާއި ދިވެހި އަދަބިއްޔާތުގެ ފަންނުތައް ދިރުވައި އާލާކުރުމަކީ، ދިވެހި ގައުމިއްޔަތު ނެގެހެއްޓުމުގެ ވަރަށް މުހިންމު މަސައްކަތެއްކަން ފާހަގަކުރައްވައި ދިވެހި ބަސް ދިރުވައި އާލާކުރުމާއި އަދަބީ ދާއިރާތަކުން، ލިޔުންތެރިންގެ ގުޅުމުގެ ފަރާތުން ކުރައްވާ އަގުހުރި މަސައްކަތްތައް ފާހަގަކުރެއްވި އެވެ.

ރައީސް ސޯލިހުގެ ވާހަކަފުޅުގައި އިސްލާމް ދީނުގެ ހިދާޔަތަށް ފަހުގައި ދިވެހިންނަށް ލިބުނު އެންމެ ބޮޑު ނިޢުމަތަކީ ދިވެހިންގެ މާދަރީ ބަސްކަން ފާހަގަކުރައްވައި ދިވެހިންގެ އަމިއްލަ ޅެންވެރިކަމާއި ލިޔުންތެރިކަމާއި އަދި ވަކި ފަންނެއްގެ ގޮތުގައި ވާހަކަ ދެއްކުންތެރިކަމާއި ބަހުސްކުރުން ފަދަ ދިވެންނަށް ލިބިފައިވާ އަދަބިއްޔާތުގެ މުއްސަނދިކަމުގެ މައްޗަށް އަލިއަޅުވާލެއްވި އެވެ.

ދިވެހިންގެ އަދަބީ ފަންނުތައް ދިރުވައި އާލާކުރުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެއްކަން ފާހަގަކުރައްވައި މަދަރަސީ މާހައުލާއި އަދި އާންމު މުޖްތަމައުގައި އަދަބީ ފަންނުތަކަށް ދަރިންގެ ސިކުނޑިތައް ހުޅުވައިދޭ ވެއްޓެއް އޮންނަންޖެހޭނެ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ. މީގެ އިތުރުން ކޮންމެ ބަހަކުން ތަޢުލީމު އުނގެނުނު ނަމަވެސް، އެ މީހެއްގެ މާދަރީ ބަހަށް މޮޅުވުމަކީ، އުނގެނެމުންދާ އަނެއް ބަހުގެ މުއްސަނދިކަން ލިބިގަތުމަށް އެޅޭ ވަރަށް ބޮޑު ބާރެއްކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ކުޑަކުދިންނާއި ޒުވާނުން ދިވެހި ބަހަށް އަހުލުވެރިވެފައިވާ މިންވަރާމެދު ކަންބޮޑުވެވަޑައިގަންނަވާކަން ފާހަގަކުރައްވަމުން ރައީސް ވަނީ ކުދިންގެ ތޫނުފިލިކަމާއި ޢިލްމީ ޤާބިލުކަން ވަރަށް މަތީގައި ހުރިނަމަވެސް ބައެއް ކުދިން ދިވެހި ބަހާ ވަރަށް ދުރުކަން ފާހަގަކުރައްވާފަ އެވެ. އަދި މި މައްސަލަ ހައްލުކުރުމަކީ ސަރުކާރާއި އަދީބުންނާއި ބަހުގެ އުސްތާޒުންނާއި އަދި މުޅި މުޖުތަމައުގެ ވެސް މަސްއޫލިއްޔަތެއްކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އަދި މިއީ އަވަސް ހައްލެއް ނުހޯދައިފިނަމަ އިއާދަ ނުކުރެވޭ ފަދަ ގެއްލުންތަކެއް އަދަބިއްޔާތަށް ކުރިމަތިވެދާނެ މައްސަލައެއްކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ އެކި އުމުރުފުރާތަކަށް އަމާޒުކޮށްގެން، އެ އުމުރުފުރަޔަކާ އެކަށީގެންވާ، އޮއްޓަރު ހުރި ފޮތްތައް ދިވެހި ބަހުން ލިޔެ އާންމުކުރަމުން ގެންދިއުމަށް އަދީބުންނަށާއި ބަހުގެ އުސްތާޒުންނާ އަދި ލިޔުންތެރިންނަށް އިލްތިމާސްކުރައްވާފަ އެވެ. އަދި ވަކިން ހާއްސަކޮށް ކުޑަކުދިން ކިޔަން އެކަށީގެންވާ އޮއްޓަރު ހުރި އިބްރަތްތެރި ދިވެހި ފޮތްތައް، ގިނަ ކުރުމަށް އެމަނިކުފާނު އެދިވަޑައިގެންނެވި އެވެ.

މި ޖަލްސާގައި ރައީސް ވަނީ ލިޔުންތެރިންގެ ގުޅުމުގެ ފަރާތުން ބޭއްވި ވާހަކަ ލިޔުމުގެ މުބާރާތުން 1، 2 އަދި 3 ވަނަ ހޯދި ފަރާތްތަކަށް އިނާމު ހަވާލުކޮށްދެއްވާފަ އެވެ.