ކޮންމެ ފަސް އަހަރަކުން އެއް ފަހަރު އޮންނަ ފޯރިގަދަ ރިޔާސީ އިންތިހާބު ބޯމަތިވެއްޖެ އެވެ. އެ އިންތިހާބަށް ދެން އޮތީ ތިން މަހަށް ވުރެ ވެސް ކުރު މުއްދަތެކެވެ.

ބޮޑެތި ހުރިހާ ސިޔާސީ ޕާޓީތަކުން އަންނަނީ އެ ޕާޓީއަކުން ރިޔާސީ ރޭހުގައި ވާދަކުރައްވާނެ ކެންޑިޑޭޓުން ކަނޑައަޅާ އިއުލާނު ކުރަމުންނެވެ. އެމްޑީޕީން ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. ޕީޕީއެމުން ރައީސް ޔާމީނެވެ. އެމްއެންޕީން މުހައްމަދު ނާޒިމެވެ. ޖުމްހޫރީ ޕާޓީން ގާސިމް އިބްރާހިމެވެ. ދެން ތިއްބެވީ އަމިއްލަ ގޮތުން ވާދަކުރައްވާނެ ކަމަށް އިއުލާނު ކުރައްވާފައި ތިއްބެވި ކެންޑިޑޭޓުންނެވެ. ކުރީގެ މިނިސްޓަރު އުމަރު ނަސީރާއި ކުރީގެ ބަންޑާރަ ނާއިބު ޑރ. މުހައްމަދު މުނައްވަރެވެ. އެ ނޫން ބައެއް ބޭފުޅުން ވެސް އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ވިދާޅުވަމުންގެންދަވަ އެވެ.

ރިޔާސީ އިންތިހާބު ބޯމަތިވީއިރު އެންމެ ބޮޑު މައްސަލައެއް ކުރިމަތިވެފައި އޮތީ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއަށެވެ. ބަދަހިކޮށް އޮތް އެ ޕާޓީގެ ސަފުތައް ވަނީ ރޫޅި ބައިބައިވެފަ އެވެ. ރައީސް ސޯލިހާއި ރައީސް މުހައްމަދު ނަޝީދާ ދެމެދު އެއްވެސް ގުޅުމެއް ނެތްތާ ކިތަންމެ ދުވަހެކެވެ.

އެންމެ ފަހުން ނަޝީދުގެ ވަފާތެރި މެންބަރުން އެމްޑީޕީ ދޫކޮށްލާ އާ ޕާޓީއެއް އުފައްދަން ވަނީ ހުށައަޅާފަ އެވެ. "ދަ ޑިމްކޮރެޓްސް" ނަމުގައި އެ ޕާޓީ އުފައްދަން 3،565 މެންބަރުންގެ ސޮޔާއެކު އޮތީ ހުށައަޅާފަ އެވެ. އެ ޕާޓީ އުފެއްދާކަން އިއުލާނު ކުުރި ދުވަހު ރިޔާސީ ރޭހަށް ކެންޑިޑޭޓަކު ނެރޭނެކަން އޮތީ ހާމަކޮށްފަ އެވެ. ނަމަވެސް ޕާޓީ ރަޖިސްޓްރީކުރުން ފަސްވެ، އެ އުންމީދަށް މިވަނީ ހުރަސް އެޅިފަ އެވެ.

ދަ ޑިމޮކްރެޓްސް ޕާޓީ ރަޖިސްޓްރީކޮށް ދޭން އެދި ހުށައެޅިިއިރު ކޮމިޝަނުން ދިން ޔަގީން ކަމަކީ ސައްހަ ފޯމްގެ އަދަދު 3،000 ހަމަވާ ނަމަ މަދުވެގެން ތިން ހަފްތާ ތެރޭގައި ޕާޓީ އުފެއްދުމުގެ ޖަލްސާ ބާއްވަން ހުއްދަ ދޭނެ ކަމެވެ. އެ މުއްދަތު މިދިޔަ ހަފްތާގެ ނިޔަލަށް ވަނީ ހަމަވެފަ އެވެ. އެކަމަކު މިދިޔަ ހަފްތާގައި ވެސް ކޮމިޝަނުން ވަނީ ބުރާސްފަތި ދުވަހު ބައްދަލްވުމެއް ބާއްވައި "ދަ ޑިމޮކްރެޓްސް" އުފެއްދުމުގެ ހުއްދަ ދިނުމާމެދު ގޮތް ނިންމާނެ ކަމަށް ބުނެފަ އެވެ. ބުރާސްފަތި ދުވަހު އެކަން ނުކުރެވިއްޖެނަަމަ ޔަގީނުން ވެސް އާދިއްތާގައި އެ ހުއްދަ ދެވޭނެ ކަމުގެ ޔަގީންކަން ވެސް އޭރު އޮތީ ދީފަ އެވެ.

ނަމަވެސް ކުއްލިއަކަށް މުޅި މަންޒަރު ވަނީ ބަދަލުވެފަ އެވެ. އާދިއްތަ ދުވަހާއި ހަމަށް ދިޔައިރު ވެސް ފޯމްތަކުގެ ސައްހަކަން ކަށަވަރުކުރުމުގެ މަސައްކަތް ނިންމައެއް ނުލެވުނެވެ. އެހެން ކަމުން ޑިމޮކްރެޓުން ކޮމިޝަންގެ ތެރެއަށް ވަދެ ކޭމްޕްކުރި އެވެ. އެ ހުުއްދަ ލިބުމުން ނޫނީ ނުނިކުންނަ ގޮތަށެވެ. ފޯމްތައް ޗެކުކޮށް ނިމި، އެ ރޭ އަށެއް ޖެހިއިރު ކޮމިޝަންގެ މެންބަރުން ބައްދަލުވެ ނިންމީ އެ ހުއްދަ އަދި ނުދޭށެވެ. އެއީ ދެ މެންބަރުން އެ ގޮތަށް ވޯޓް ދިނުމުންނެވެ.

އެ ކޮމިޝަންގެ ރައީސާއި ނާއިބު ރައީސް ވޯޓް ދެއްވީ ޕާޓީ އުފެއްދުމުގެ ޖަލްސާ ބޭއްވުމުގެ ހުއްދަ ދިނުމަށެވެ. އެކަމަކު ދެ ވޯޓުން އެއްވަރުވުމުން ކޮމިޝަނުން ނިންމީ ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ މިވަގުތަށް ނުދޭށެވެ. ސަބަބެއް ކަމަށް ކޮމިޝަނުން ބުނީ އިތުރަށް ފޯމްތައް ޗެކުކުރުމެވެ. އަދި ފޯމްތައް ޗެކްކުރުމަށް ކޮމިޝަނަށް ތިން މަސް ދުވަހުގެ މުއްދަތެއް ގާނޫނުން ދީފައި އޮތުމެވެ.

ދަ ޑިމޮކްރެޓްސް އުފެއްދުމަށް އެދިފޯމު ހުށަހަޅަން ބޭއްވި ބައްދަލުވުމުގައި ކޮމިޝަނުގެ މެމްބަރުން ބައިވެރިވަނީ.

ނަމަވެސް މިއީ މިހާތަނަށް ކޮމިޝަނުން އަމަލުކުރި ގޮތެއް ނޫނެވެ. މި ފަހުން އުފެއްދި އެއްވެސް ޕާޓީއަކާމެދު އަމަލުކޮށްފައިވާ ގޮތެއް ނޫނެވެ. ދެތިން ހަތަރު ފަހަރު ފޯމްތައް ޗެކްކޮށްފައެއް ނުވެ އެވެ. ފޯމްތައް ބަލަން ތިން މަސް އޮތަސް ކޮމިޝަނުން ބެލީ ވީހާ ވެސް އަވަހަށް ޕާޓީތައް އުފެއްދުމަށް ފުރުސަތު ދިނުމެވެ.

ހަގީގަތުގައި ކޮމިޝަންގެ މަސްއޫލިއްޔަތާއި ޒިންމާއަކީ ވެސް އެއީ އެވެ. ފޯމްތައް ޕްރޮސެސްކޮށް ޕާޓީ އުފެއްދުމުގެ ޖަލްސާ ބޭއްވުމުގެ ހުއްދަ އެންމެ ގިނަވެގެން ތިން މަސް ދުވަހުގެ ތެރޭގައި ދޭންވާނެ ކަމަށް ގާނޫނުގައި ބުނަނީ ފޯމްތައް ބަލަ ބަލައި ތިން މަސް ވަންދެން ތިބެން ކޮމިޝަނަށް ފުރުސަތު ދޭކަށެއް ނޫނެވެ. ގާނޫނުގައި މުއްދަތެއް ކަނޑައަޅާފައި އެ ވަނީ އެންމެ ލަސްވެގެން އެކަން ކުރަން ޖެހޭނެކަން ބަޔާންކޮށް ދިނުމެވެ. ކޮމިޝަނުން މިހާތަނަށް މަސައްކަތް ކުރީ ވެސް އެ ވިސްނުމުގަ އެވެ.

ނަމަވެސް ދަ ޑިމޮކްރެޓްސްއާ ހަމައިން އެ ވިސްނުން ބަދަލުވީ އެވެ. ކުރިން އޮތް ހުރިހާ އުސޫލެއް ދޫކޮށްލީ އެވެ. ގާނޫނުގައި ބަޔާންކުރާ ކަންކަން ކޮމިޝަނަރުން ބޭނުން ގޮތަކަށް މާނަކުރަން ފެށީ އެވެ. ނަމަވެސް މިއިން ކޮންމެ ކަމަކުން ބުނެ ދެނީ ކޮމިޝަންގެ މެންބަރުންގެ މައްޗަށް އޮތް ނުފޫޒެެވެ. ޑިމޮކްރެޓްސް ވުޖޫދުވުން ފަސް ކުރުމަށް ނުފޫޒެއްގައި މަސައްކަތް ކުރާ ކަމެވެ. އެކަމުގައި ސަރުކާރުގެ ނުފޫޒު އޮތް ކަމަށް ބުނުމުގެ ޖާގަ ވަނީ ހުޅުވިފަ އެވެ.

ޑިމޮކްރެޓްސް ރަޖިސްޓްރީ ކުރަން ހުށައަޅާފައިވާ 3،565 ފޯމްގެ ތެރެއިން 3،000 ފޯމް، އެއްވެސް ޝައްކެއް ނެތް މިންވަރަށް ސައްހަ ކަމަށް ކަށަވަރު ކުރެވިފައިވާ ކަމަށް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު އެބަ ވިދާޅުވެ އެވެ. ނާއިބު ރައީސް އިސްމާއިލް ހަބީބްގެ ވެސް ވިސްނުމަކީ އެވެ. ޑިމޮކްރެޓުންގެ ފޯމްތަކަކީ މިހާތަނަށް ޕާޓީއަކުން ހުށައެޅި އެންމެ ރަނގަޅަށް ފުރާފައިވާ ފޯމްތައް ކަމަށް އީސީގެ ސެކްރެޓަރީ ޖެނެރަލް ވެސް ވިދާޅުވެފަ އެވެ.

ޑިމޮކްރެޓްސް އުފެއްދުން ލަސްކުރާތީ އެ ޕާޓީގެ މެމްބަރުންތަކެއް އިލެކްޝަންސް ކޮމިޝަނުގައި މަޑުކޮށްލައިގެން.

މިކަން މިހެން އޮތްިއިރު ވީއެންމެ އަވަހަކަށް ޕާޓީ އުފެއްދުމުގެ ހުއްދަ ނުދޭންވީ އެއްވެސް ސަބަބެއް ނެތެވެ. ފޯމްތައް އިތުރަށް ބަލަން ބޭނުންވާ ކަަމަށް ބުނެ ހުއްދަ ނުދީ ހިފެހެއްޓޭނެ އެއްވެސް ހަމައެއް ނެތެވެ. އޮވެގެން ވެސް ނުވާނެ އެވެ. އެއީ އުޒުރެއް ކަމަށް ދައްކާ ކޮމިޝަންގެ ދެ މެންބަރަކު ބައްދަލުވުންތަކަށް ފިލައިގެން އުޅުމަކީ ވަރުގަދަ ނުފޫޒެއްގައި ތިބި ކަމުގެ ސާފު ހެއްކެކެވެ.

ޑިމޮކްރެޓް ޕާޓީ އުފެއްދުމަށް ހުރަސް އަޅާ ކަމަށް ތުހުމަތު ކުރެވޭއިރު އެ ޕާޓީގެ ވިސްނުމަކީ ރިޔާސީ ރޭހަށް ކެންޑިޑޭޓަކު ނެރުމެވެ. އިންތިހާބަށް ދެން އޮތީ 76 ދުވަހެވެ. ރިޔާސީ ކެންޑިޑޭޓުންނަށް ޖުލައި 23 ގައި ހުޅުވާލާ އެވެ. އެ ފުރުސަތު އޮގަސްޓް ހަތެއް ގައި ހަމަވާނެ އެވެ.

ރިޔާސީ އިންތިހާބު ބޯމަތިވެ އިންތިހާބުގެ ޑެޑްލައިންތައް ކައިރިވަމުންދާއިރު ޑިމޮކްރެޓުންނަށް ހުއްދަ ނުދީ ހިފެހެއްޓުމަކީ އެ ޕާޓީން ރިޔާސީ ރޭހަށް ކެންޑިޑޭޓަކު ނެރެން ހުރަސް އެޅުމެއް ކަމުގައި ދެކުމުގެ ފުރުސަތު ވެސް އެބައޮތެވެ. ކޮމިޝަންގައި ޑިމޮކްރެޓުންނާއި ދެކޮޅަށް މަސައްކަތް ކުރާ މެންބަރުންގެ ވިސްނުމާއި އެއްގޮތަށް އަދި އިތުރު ދެ މަސް ފޯމްތައް ޗެކްކުރަން ހޭދަކޮށްފިނަމަ ޑިމޮކްރެޓުންނަށް ކެންޑިޑޭޓަކު ނެރޭން ފުރުސަތެއް ނުލިބޭނެ އެވެ.

ޕާޓީ އުފައްދަން ހުއްދަދިނުުމުން ޑިމޮކްރެޓްސް އުފެއްދުމުގެ ޖަލްސާ ބާއްވާ ޖަލްސާއަށް ފަހު ހުށައަޅަން ޖެހޭ ހުށައެޅުން ހުށައަޅާ ޕާޓީ ރަޖިސްޓްރީކޮށްދޭއިރު، އިންތިހާބަށް އޮންނާނީ ރަސްމީ ކެމްޕެއިން ފެށިފަ އެވެ. އެހެން ކަމުން މިހާރުވެސް ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނެރެ އިންތިހާބުގައި ބައިވެރިވުމަށް މިހާރު ވެސް މި ވަނީ ހުރަސް އެޅިފަ އެވެ. ނޫންނަމަ ހުރަސް އަޅާފަ އެވެ.

ޑިމޮކްރެޓްސް އުފެއްދުން ލަސްކުރާތީ އެ ޕާޓީގެ މެމްބަރުންތަކެއް އިލެކްޝަންސް ކޮމިޝަނުގައި މަޑުކޮށްލައިގެން.

ސިޔާސީ ޕާޓީ އުފައްދާ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެ އުޅުމުގެ ހައްގު ކޮންމެ ދިވެހި ރައްޔިތަކަށް މެ ގާނޫނު އަސާސީން ކަށަވަރު ކޮށްދެ އެވެ. އިންތިހާބުތަކުގައި ވާދަކުރުމުގެ ހައްގަކީ ވެސް ކޮންމެ ރައްޔިތަކަށް އޮތް ހައްގެކެވެ. ކޮންމެ ޕާޓީއަކަށް އެ ފުރުސަތު އޮންނަން ޖެހެ އެވެ.

އެކަމަކު އިލެކްޝަންސް ކޮމިޝަނުން މިހާރު އަމަލު ކުރާ ގޮތުން މި ހުރިހާ ހައްގު ބައެއްގެ ކިބައިން އެބަ ގެއްލެ އެވެ. ސިޔާސީ ޕާޓީ އުފެއްދުމުގެ ހައްގަކާއި ސިޔާސީ ހަރަކާތް ހިންގުމުގެ ހައްގަކަށް އަރައި އެބަ ގަނެވެ އެވެ. އިންތިހާބުގައި ވާދަކުރުމުގެ ފުުރުސަތު ގެއްލެ އެވެ. ޑިމޮކްރެޓަށް ކެންޑިޑޭޓެއް ނެރުމުގެ ފުރުސަތު ބަންދުވެ އެވެ.

އަނެއްކޮޅުން ފޯމްތައް އިތުރަށް ޗެކްކުރަން ކަމަށް ބުނެ ކޮމިޝަންގެ ބައްދަލްވުމުގައި ޑިމޮކްްރެޓްސް އުފައްދަން ހުއްދަ ނުދޭން ނިންމި ބައްދަލްވުމުގައި އެ ގޮތަށް ނިންމީ ވެސް އުސޫލާއި ހިލާފަށެވެ. ވޯޓް އައީ ދެކޮޅަށް ހަމަހަމަ ކޮށެވެ. އެހެން ކަމަށްވީއިރު ހުއްދަ ނުދޭން ނިންމޭނެ ހަމަ އެއް ނެތެވެ. ޓައިވުމުން -- ދެކޮޅު ހަަމަހަމަ ވުން ބަޔަކަށް ގެއްލުންވާނެ ގޮތަށް ގޮތް ނިންމުމުގެ އިހްތިޔާރާއި ބާރު ކޮމިޝަނަކަށް ނޯންނާނެ އެވެ. އުސޫލެއްގެ ގޮތުން އެއީ ޣައިރު ގާނޫނީ ނިންމުމެކޭ ވެސް ބުނެވިދާނެ އެވެ.

މި ހުރިހާ ކަމަކަށް ބަލާލުމުން ސާފުވަނީ ޑިމޮކްރެޓްސް އުފެއްދުމަށް އިލެކްޝަންސް އިން ހުރަސް އަޅާ ކަމެވެ. އެއީ އެ ޕާޓީއަށް ރިޔާސީ ރޭހުގައި ވާދަކުރުމުގެ ފުރުސަތު ގެއްލުވާލުމަށެވެ. އެކަން ކުރަނީ ކޮމިޝަންގެ މެންބަރުންތަކެއް މެދުވެރިވެ ސަރުކާރުގެ ނުފޫޒުގައި ކަަމަށް ބުނުމުގެ ޖާގަ އެބައޮތެވެ.