ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ހުއްޓުވުމުގެ ޒިންމާ ނަންގަވަން ޖެހިވަޑައިގަންނަވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.

ޕެރަޑައިސް އައިލެންޑް ރިސޯޓުގައި އިއްޔެ ބޭއްވި ޖުމްހޫރީ ޕާޓީގެ 158 ވަނަ ކައުންސިލް ބައްދަލްވުމުގައި ގާސިމް ވދާޅުވީ މަޖިލީހުގެ މަސައްކަތްތައް ހުއްޓިފައި ވަނީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ސަބަބުން ކަމަށެވެ.

"އެ މީހުންނަށް ނޭނގޭތަ ރައީސް އާއި ނައިބު ރައީސްގެ ނޯ ކޮންފިޑެންސް ވޯޓު ލީމާ ރައްޔިތުންގެ މަޖިލިސް ޑެޑްލޮކަށް ދާނެކަން. އިތުބާރުގެ މައްސަލަތައް ވެއްދުމުގެ ކުރިން ގާނޫނުއަސާސީ އާއި މަޖިލީހުގައި ގަވާއިދު އެމީހުން ނުބަލަނީތޯ،" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ ދައުލަތުގެ އެއްބާރުގައި މަރުތަޅު އެޅުވިގެން ނުވާނެ ކަމަށާއި އެކަމުގެ ޒިންމާ ރައީސް ސޯލިހު ނަންގަވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ. އަދި ދެވަނަ ދައުރެއް ހޯއްދަވަން އެމަނިކުފާނު އުޅުއްވުމުގެ އެއްވެސް މާނައެއް ނެތް ކަމަށް ގާސިމް ވދިާޅުވި އެވެ.

ޕެރަޑައިސް އައިލެންޑް ރިސޯޓުގައި ބޭއްވި ޖުމްހޫރީ ޕާޓީގެ 158 ވަނަ ކައުންސިލް ބައްދަލުވުމުގައި އެ ޕާޓީގެ ކައުންސިލް މެމްބަރުން ބައިވެރިވަނީ. ފޮޓޯ: ޖޭޕީ

މަޖިލީހުގެ ގަވާއިދުގެ ތެރެއިން ލޫޕްހޯލް ދެއްކުމަށް ފަހު ބޭނުން އެއްޗެއް ނުހެދޭނެ ކަމަށާއި ބާރުގައި ހުރެ އެފަދަ ކަންކަން ކުރުން ރަނގަޅު ނުވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.

މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބަރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވައްދަފައިވާތީ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ވަނީ ހުއްޓިފަ އެވެ.

މިދިޔަ ހަފްތާ މަޖިލީހުގެ ޖަލްސާތަކުގައި ރިޔާސަތު ބެލެހެއްޓެވީ ވިލިފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް އެވެ.

އަފީފް ރިޔާސަތުގައި އިންނަވަނީ އިތުބާރު ނެތް މައްސަލައަކާއި ގުޅިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނާއިބު ރައީސް އީވާ ރިޔާސަތުގައި އިންނެވުމަށް އުޒުރުވެރިވުމުންނެވެ. އެކަމަކު އޭގެ ތެރޭން އެއްބޭފުޅަކު ރިޔާސަތުގައި އިނުން މަޖިލީހުގެ ގަވާއިދު މަނަލެއް ނޫނެވެ.