ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި އުފައްދަވަން ނިންމެވި "ދަ ޑިމޮކްރެޓްސް" ޕާޓީ އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން މިއަދު ދީފި އެވެ.

"ދަ ޑިމޮކްރެޓްސް"ގެ ނަމުގައި ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދި، މޭ 21 ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ޕާޓީގެ މުއައްސިސް އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފުގެ ނަމުގަ އެވެ.

ޕާޓީ އުފެއްދުމުގެ ހުއްދަ ދިނުމާ އެކު ދަ ޑިމޮކްރެޓްސްގެ މެންބާޝިޕް ފޯމު ފުރުމުގެ މަސައްކަތް ޕާޓީ ރަޖިސްޓްރީކުރަން 3،560 ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ މިދިޔަ މަހުގެ ފުރަތަމަ ދުވަހު އެވެ.

އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، 'ދަ ޑިމޮކްރެޓްސް'ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް ޖަލްސާ ބޭއްވުމުގެ ހުއްދަ، އެ ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދިވަޑައިގަތް، ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު ހަސަން ލަތީފަށް އެ ކޮމިޝަނުން މިއަދު ދީފައިވާ ކަމަށެވެ.

އެ ހުއްދަ މިއަދު ދިނުމަށް ނިންމާފައިވާކަން ކޮމިޝަނުން ފުރަތަމަ އިއުލާން ކުރީ މިދިޔަ ހަފްތާގެ އާދިއްތަ ދުވަހު އެވެ.

ޑިމޮކްރެޓްސްއިން އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަންގެ މަޖިލިސް މެންބަރުންނާއެކު މިހާރު ވެސް އަންނަނީ މަޝްވަރާތައް ކުރިއަށް ގެންދަމުންނެވެ. އަދި މެނިފެސްޓޯއެއް އެކުލަވާލުމަށް ކުރަންޖެހޭ މަޝްވަރާތައް ވެސް ދަނީ ކުރަމުންނެވެ.