ބިންވެރިޔާ ސްކީމްގެ ތެރެއިން ގޯތި ލިބުނު ފަރާތްތަކަށް އަންނަމަހު ގޯތި ހަވާލުކުރުމުގެ މަސައްކަތް ފެށިގެންދާނެ ކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ގުޅިފަޅު ބިންހިއްކުމުގެ މަޝްރޫޢު ފަށްޓަވައިދެއްވައި ދެއްކެވި ވާހަކަފުޅުގަ އެވެ. މިރަސްމިއްޔާތު އޮތީ މިއަދު ހަވީރު ގުޅިފަޅުގަ އެވެ.

މިރަސްމިއްޔާތުގައި ރައީސް ސޯލިހު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ގުޅިފަޅު ބިންހިއްކުމުގެ މި މަޝްރޫއަކީ މާލެ ސަރަހައްދުގައި ހިންގާ މަޝްރޫޢަކަށް ވިޔަސް، މިއީ ތިލަދުންމަތީ އުލިގަމުން އައްޑޫ ގަމާ ހަމައަށް ފެތުރިގެން ދާނެ ތަރައްޤީގެ ބިޔަ މަޝްރޫއެއް ކަމަށެވެ. އަދި މިއީ މާލެ ސަރަހައްދުގެ ތަރައްގީއަށް ބޮޑެތި ބަދަލުތަކެއް ގެނުވާނެ މަޝްރޫއެއް ކަމަށާ، މި މަޝްރޫއާ ގުޅިފައިވާ އެންމެ މުހިންމު ކަމަކީ، މާލެ ސަރަޙައްދުގެ ބޯހިޔާވަހިކަމަށް ހެޔޮ ބަދަލުތަކެއް ގެނައުންކަމުގައި ރައީސް ވިދާޅުވި އެވެ.

މާލޭގެ ރައްޔިތުންނަށް، ބަންޑާރަ ގޯތި ދޫކުރުމަށް ކުރިޔަށް ގެންދާ ބިންވެރިޔާ ސްކީމުގެ މައުލޫމާތު ހިއްސާކުރައްވަމުން ރައީސް ސޯލިހު ވިދާޅުވީ، މިއަދު ފެށި ގުޅިފަޅު ބިންހިއްކުމުގެ މަޝްރޫއުގެ ދަށުން، އިތުރު 150 ހެކްޓަރުގެ ބިން ހިއްކައި، ގުޅިފަޅުން މަދުވެގެން 2000 ގޯތި ދޫކުރުމަށް ނިންމާފައިވާކަމަށެވެ. އަދި ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް މިހާރުވެސް ހިނގަމުންދާއިރު، މިހާރު އެފަޅުން 20 ހެކްޓަރުގެ ބިން ހިއްކިފައިވާ ކަމަށާއި، ސަރުކާރުން ނިންމާފައި ވަނީ ގިރާވަރުފަޅުންވެސް މަދުވެގެން 2000 ގޯތި ދޫކުރުމަށް ކަމުގައި ރައީސް ވިދާޅުވި އެވެ. އަދި ހުޅުމާލެއިން 2200 ގޯތި ދޫކުރާއިރު، މިބުރުގައި ޖުމުލަ 6200 ގޯތި ދޫކުރުމަށް ވަނީ ނިންމާފައި ކަމުގައި ރައީސް ވިދާޅުވި އެވެ. މީގެ އިތުރުންވެސް އިތުރު ގޯތި ދޫކުރެވޭނެ ގޮތްތައް ބައްލަވަމުން އަންނަ ކަމުގައިވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބޭ މީހުންގެ ލިސްޓަށް ޝަކުވާ ހުށައެޅުމަށް ހުޅުވާލާފައިވާ ފުރުޞަތުގައި، ލިބޭ ޝަކުވާތައް ބެލުމަށް ފަހު، ލިސްޓުގައި ހުރި މައްސަލަތައް ހައްލުކޮށް، އެންމެ ލަސްވެގެން މި އަންނަ އޮގަސްޓް މަހުގެ ތެރޭގައި ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް ފެށޭނެ ކަމަށެވެ. މީގެ އިތުރުން ރައީސް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ، ބިންވެރިޔާ ސްކީމުގެ ތެރެއިން ގޯއްޗަށް އެދި ހުށައަޅައި ޝަރުތު ހަމަވި އެންމެނަށް، ގޯތި ލިބެންދެން ލިސްޓް ދެމެހެއްޓުން ކަމަށެވެ. އަދި މިހިނދުން ފެށިގެން މިސަރުކާރުން ސޮއިކުރާ ކޮންމެ އެގްރިމެންޓެއް، އަޅާ ކޮންމެ ބިންގަލެއް އަދި ފަށާ ކޮންމެ މަޝްރޫއެއްގެ އަމާޒަކީ، ދިވެހިން އެދިއެދި ތިބި "އުފާވެރި އަމާން ރާއްޖެ" ދިވެހިންނަށް ހޯދައިދިނުންކަމުގައިވެސް ރައީސް ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި، ބިންވެރިޔާ ސްކީމަކީ، މާލެ ސަރަޙައްދުން ބަންޑާރަ ގޯތި ދޫކުރުމަށް، ރާއްޖޭގެ ތާރީހުގައި ވެސް މިހާތަނަށް ހިންގާ އެންމެ ބޮޑު މަޝްރޫއުކަން ފާހަގަކުރައްވައި، މިމަޝްރޫއުގެ ސަބަބުން މުޅިރާއްޖެއަށް އެތައް މަންފާއެއް ލިބޭނެކަން ފާހަގަކުރެއްވިއެވެ. މިގޮތުން މާލޭގެ ވިޔަފާރި ބަނދަރު ގުޅިފަޅަށް ބަދަލުކުރުމާއި އަދި ގުޅިފަޅުގައި ބައިނަލް އަޤުވާމީ ވިޔަފާރި ބަނދަރެއް ތަރައްޤީކުރުމުން ލިބިގެންދާނެ އިޤުތިޞާދީ މަންފާތަކުގެ މައްޗަށްވެސް ރައީސްގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވި އެވެ.

ގުޅިފަޅު ބިންހިއްކުމުގެ މަޝްރޫޢަކީ، ބޮސްކާލިސް ވެސްޓްމިންސްޓަރ ކޮންޓްރެކްޓިންގ ލިމިޓެޑާ ހަވާލުކުރައްވައިގެން ސަރުކާރުން ކުރިޔަށް ގެންދަވާ މަޝްރޫޢުއެކެވެ. މިމަޝްރޫޢުގެ ދަށުން ޖުމުލަ 150 ހެކްޓަރުގެ ބިން ހިއްކާނެއެވެ. މިބިމުގެ ތެރޭގައި ސަރުކާރުގެ ބިންވެރިޔާ ޕްރޮގްރާމްގެ ދަށުން ގޯތި ދޫކުރާ ބިމާއި، މާލޭ ވިޔަފާރި ބަނދަރު، ގުޅިފަޅަށް ބަދަލުކުރުމަށް ބޭނުންވާ ބިން ހިމެނެއެވެ.