ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެއްޓުމަށްފަހު ކޮމެޓީތަކުގެ ރިޕޯޓު މެމްބަރުންނަށް އަލުން ފޮނުވައިގެން މަސައްކަތްތައް ކުރަން ކަމަށް ބުނެ ރިޔާސަތުން މިއަދު ޖަލްސާ ނިންމާލުމަކީ ގަނޫނާ ހިލާފަށް ހިންގި އަމަލެއް ކަމަށް އެމްޑީޕީން ބުނެފި އެވެ.

މަޖިލީހުގެ ދައުރުން ބޭރު ޖަލްސާއެއް މިއަދަށް ތާވަލުކުރީ މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީން އެދިގެންނެވެ. މިއަދުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައި އޮތީ މަޖިލިހުގެ ދާއިމީކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތްތަކެވެ.

ޖަލްސާ ފެއްޓެވުމަށް ފަހު ރިޔާސަތުން ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފު ވިދާޅުވީ ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދާއި އަދި މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ޗެކްމާކް ރަޝީދު) އެމްޑީޕީން ވަކިވެވަޑައިގެންފައިވާތީ ޕާޓީތަކުގެ މެމްބަރުންގެ އަދަދަށް ބަދަލު އައިސްފައިވާކަމުގަ އެވެ.

ހަސަން އަފީފު ވިދާޅުވީ ދެން ޖަލްސާ ކުރިޔަށް ގެންދަވާނީ މިހާރު އައިސްފައިވާ ބަދަލުތަކާއެކު ރިޕޯޓު އަލުން މެމްބަރުންނަށް ފޮނުއްވުމަށްފަހު ކަމަށެވެ.

އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕުގެ މެމްބަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ ޖަލްސާގެ އެޖެންޑާ ދިނުމަށް ފަހު، މަޖިލީހުގެ ކޮމެޓީތަކަށް އަންނާނެ ބަދަލާ އެމްޑީޕީން ދެ މެމްބަރުން ވަކިވުމާ ގުޅިގެން އެ ސްލޮޓުތައް ދޫކުރަނެ ކޮމެޓީތައް ނިންމާފައި ކަމަށެވެ.

ޖަލްސާ ފެއްޓެވުމަށް ފަހު ރިޔާސަތުން އނެއްކާ އަލުން މެމްބަރުންނަށް ކޮމެޓީ ރިޕޯޓު ފޮނުވައިގެން އިސްލާހު ހުށަހަޅައިގެން، ކުރިއަށް ގެންދިއުމަކީ ގާނުނު ދަންނަ ކަމެއް ނޫން ކަމަށް އަސްލަމް ވިދާޅުވި އެވެ.

"މަޖިލީހުގެ ގަވާއިދުން ކޮމިޓީތައް އެކުލަވާލުން ލާޒިމުކުރާ ގޮތެއް ނޫން މިއީ ކޮމިޓީ ރިޕޯޓު އަލުން މެންބަރުންނަށް ފޮނުވައިގެން، އިސްލާހު ހުށަހަޅައިގެން، އަނެއްކާވެސް ކޮމިޓީ ރިޕޯޓު މެންބަރުންނަށް ފޮނުވާ މުއްދަތު ދީގެނޭ މިކަން ކުރަންޖެހޭނީ" އަސްލަމް ވިދާޅުވިއެވެ.

އަސްލަމް އިތުރަށް ވިދާޅުވީ މިމައްސަލަތަކަކީ މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ގެއްލިފައިވާތީ ހުށަހަޅަފައިވާ މައްސަލަތަކެއް ކަމަށެވެ. ޕާޓިއަކުން މަޖިލީހުގެ ރިޔާސަތަށް ހޮވޭ މެމްބަރަކު ޕާޓީ ބަދަލުކުރުމަށް ފަހު އެމަގާމުގައި އިންނެވުމަކީ ވަރަށް ހުތުރު އަމަލެއް ކަމަށެވެ.

އަސްލަމް ވިދާޅުވީ މަޖިލީހުގައި ކަންކަން މިހާރު ދަނީ ވަރަށް ކަންބޮޑުވާ ހާލަތަކަށެވެ.

އަޅުގަނޑުމެން މި މަސައްކަތް ކުރަނީ މަޖިލީހުގެ ގަވާއިދާ އެއްގޮތަށް މަޖިލީހުގެ މަސައްކަތްތައް ކުރިއަށްގެންދެވޭނެ ގޮތެއް ހޯދަން އެކަމަށް އޮތް އެންމެ ފުރިހަމަ މަގަކީ މަޖިލީހުގެ ރައީސްއާއި ނައިބު ރައީސް އިސްތިއުފާ ދެއްވުން އަދި އިތުބާރު ނެތް ކަމުގެ މައްސަލާގަ ވޯޓަށް ދިއުމުގެ ކުރީން އެއީ މިގައުމަށްވެސް އެންމެ ފައިދާ ހުރި އެންމެ ރަނގަޅު ގޮތަކީ" އަސްލަމް ވިދާޅުވި އެވެ.

މިއަދުގެ ޖަލްސާގެ އެޖެންޑާގައި ހިމެނޭ އެހެން ކަންކަމަށް ފުރުސަތު ނުދެއްވާ ޖަލްސާ ނިންމަވާލެއްވިކަން އިއުލާން ކުރައްމުން ގެންދެވިއިރު އެމްޑިޕީގެ މެމްބަރުން ނިޒާމީ ނުކުތާ ނެގުމަށް މަސައްކަތް ކުރަމުންދިޔަ ނަމަވެސް އަފީފު ޖަލްސާ ނިންމަވާލައްވާފައިވަނީ އެއްވެސް ނިޒާމީ ނުކުތާއަކަށް ފުރުސަތު ނުދެއްވަ އެވެ.

އަދި ދެން ޖަލްސާއެއް އޮންނާނެ ދުވަހެއްވެސް އަފީފު އިއުލާން ކުރައްވާފައެއް ނުވެ އެވެ.