ޕާސްޕޯޓަށް އެދުމުގައި ލުއިތަކެއް ދީ، އެ ހިދުމަތްދޭ ވަގުތުތައް މާދަމާއިން ފެށިގެން އިތުރުކުރަން ނިންމައިފި އެވެ.

މިހާތަނަށް ޕާސްޕޯޓު ދޫކުރަމުން ދިޔައީ ހެނދުނު 8:00 އިން މެންދުރު ފަހު 2:00 އާ ހަމައަށެވެ. ނަމަވެސް، ޕާސްޕޯޓު ސެކްޝަންގެ ޑިއުޓީ ރޭގަނޑު 9:00 އަށް މިހާރު ވަނީ މާދަމާ އިން ފެށިގެން އިތުރުކޮށްފަ އެވެ. ނަމަވެސް ޕާސްޕޯޓާ ހަވާލުވުމަށް ނަމްބަރު ދޫކުރާނީ ހެނދުނު 8:30 އިން މެންދުރު 12:00 އަށް އަދި މެންދުރު ފަހު 12:45 އިން ހަވީރު 5:00 އަށް ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

އިމުގަ ޕޯޓަލް މެދުވެރިކޮށް ޕާސްޕޯޓަށް އެދެވޭގޮތް ވެސް މިހާރު ވަނީ ހަމަޖައްސާފަ އެވެ.

އިމިގްރޭޝަނުން ބުނީ އޮންލައިންކޮށް މިހާތަނަށް 125،600 އަށް ވުރެ ގިނަ ޕާސްޕޯޓު ހައްދާފައިވާ ކަމަށެވެ. އަލަށް ގެނައި ބަދަލާއެކު ޕާސްޕޯޓް ހަދަން ހުށަހަޅާއިރު އައިޑީކާޑު އަދި ކުރީގެ ޕާސްޕޯޓު ކޮޕީ ހުށަހަޅާކަށް ނުޖެހޭނެ އެވެ. ޕާސްޕޯޓު އާ ކުރަން ހުށަހަޅާ ނަމަ ކުރީގެ ޕާސްޕޯޓުގެ ބަޔޯޑާޓާ އަދި އޮބްޒަވޭޝަން ޕޭޖްގެ ފޮޓޯ އަޕްލޯޑުކުރަންޖެހެ އެވެ.

ޕާސްޕޯޓުގައި ސޮއިކުރަން ވެސް ފަސޭހަ ގޮތެއްއިިމިގްރޭޝަނުން ބުނީ ޕާސްޕޯޓަށް އެދި ހުށަހެޅުމަށް ޑިޖިޓަލް ސޮއި ނުވަތަ އެ މީހެއްގެ ސޮއި ރަނގަޅަށް ސާފުވާނެ ގޮތަކަށް ހުދު ކުލައިގެ ކަރުދާސް ގަނޑެއް ފަދަ އެއްޗެއްގައި ގަލަމަކުން ސޮއިކޮށްލުމަށް ފަހު އޭގެ ފޮޓޯއެއް ނަގައި އަޕްލޯޑުކުރެވޭނެ ކަމަށެވެ. ނަމަވެސް، ޕާސްޕޯޓާ ހަވާލުވާން އިމިގްރޭޝަނަށް ދާއިރު އެ ސޮއިކުރަންޖެހޭނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.