ދަ ޑިމޮކްރެޓްސް އަކީ ބަސްކިޔާ މައްސަލަތަކަށް ހައްލު ހޯދުމަށް މަސައްކަތް ކުރާނެ ޕާޓީ އެއް ކަމަށާ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ތަންމިނަށް ހުޅުވާލެވިފައިވާ ޕާޓީއެއް ކަމަށް އެ ޕާޓީގެ މުއައްސިސް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.
ދަ ޑިމޮކްރެޓްސް އުފެއްދުމަށް ޣިޔާސުންދީން ސުކޫލްގައި ރޭ ބޭއްވި ޖަލްސާގައި ހަސަން ލަތީފް ވިދާޅުވީ އެމްޑީޕީ ދޫކޮށް އެޕާޓީގައި ކުރިން ތިބި މެމްބަރުންވެގެން އާ ޕާޓީއެއް އުފައްދަން ޖެހުނީ ޕާޓީގެ އަސާސްތަކާ ހިލާފަށް ކަންކަން ކުރަމުން ގެންދާތީ ކަމަށެވެ.
ހަސަން ވިދާޅުވީ ޑިމޮކްރެޓްސް އަކީ ބަސްކިޔާ ކަންކަމުގައި ހައްލު ހޯދަން މަސައްކަތް ކުރާ ޕާޓީއެއް ކަމަށާއި ސަރުކަރުގައި އޮތަސް އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮތަސް މި ޕާޓީއަކީ ކުރާ ކަންކަމަށް ޖަވާބު ދާރީވާނެ ޕާޓީއެއް ކަމަށް ހަސަން ވިދާޅުވި އެވެ.
ޑިމޮކްރެޓްސް އުފައްދާ ހިންގަން މިތިބީ ސިޔާސީ ތަޖުރިބާ ލިބިފައިވާ ބައެއް ކަމަށާ ޕާޓީ ހިންގާނީ އެންމެންގެ ބައިވެރިވުމާއެކު ކަމަށް ހަސަން ވިދާޅުވި އެވެ. އަދި ޕާޓީން ނިންމާ ކަންކަން ނިންމާނީ ދެފުއް ފެންނަ ގޮތަށް ކަމަށް ވެސް ވިދާޅުވި އެވެ.
"ޕާޓީގެ އެތެރޭގަޔާ ސަރުކާރުގެ ތެރޭގައި ކަންކަމުގައި މަޝްވަރާ ކުރުމާ ކަންކަމުގައި ބައިވެރިވުން އޮތް މިންވަރާ ދެފުއް ފެންނަ ގޮތަށް ކަންކަން ކުރުމުގެ މުހިންމު ސިފަ އެކުގައި ނައްތާލައިފި. ޕާޓީގެ ގުނަން ތަކުގައި މަޝްވަރާ އެއް ނުހިނގި ރައްޔިތުންގެ މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާއަށް ސަނާ ކިޔުން ނޫން ގޮތަކަށް ވާހަކަ ދައްކާނަމަ އެއީ ސަރުކާރަށް ޖެއްސުން ކުރުން ކަމުގަ ދެކެން ފަށައިފި،" ހަސަން ވިދާޅުވި އެވެ.
ހަސަން އިތުރަށް ވިދާޅުވީ ސަރުކާރުން ހިންގަމުން ދިޔަ ނުރަނގަޅު ކަންކަން އިސްލާހު ކުރަން ބަސް ބުނުމުގެ ފުރުސަތު އެކުގައި ބަންދު ކޮށްފައިވާ ކަމަށެވެ. ރައްޔިތުންގެ އާންމު ހާލަތު ދަށަށް ދިޔަ ނަމަވެސް ރައްޔިތުންގެ ޖީބަށް ވަންނަ އާމްދަނީ ދެމެހެއްޓެނިވި ގޮތެއްގައި އިތުރުކޮށްދިނުމަށް މަސައްކަތް ތަކެއް މިސަރުކާރަށް ނުކޮށްދެވުނު ކަމަށް ހަސަން ވިދާޅުވި އެވެ.
"ރާއްޖޭގެ ދަރަނި އިންތިހާއަށް ބޮޑުވެގެން ދިޔަ އިރުވެސް ދަރަނި ކުޑަކުރުމަށް ކުރަންޖެހޭ އެއްވެސް މަސައްކަތެއް ނުކުރި، ސަރުކާރުގެ ބޭކާރު ދަރަނި ދިޔައީ އިންތިހާއަށް ބޮޑުކުރަމުން ރައްޔިތުންގެ އުފެއްދުންތެރި އެއްވެސް ކަމަކަށް އަހައްމިޔަތު ކަމެއް ނުދިން މިއީ އެމްޑީޕީ ދޫކޮށް ދަ ޑިމޮކްރެޓްސް އުފައްދަން ޖެހުނު ސަބަބަކީ،" ހަސަން ވިދާޅުވި އެވެ.
ޑީމޮކްރެޓްސް އުފެއްދުމަށް މިހާރު ކުރިއަށްދާ ޖަލްސާގައި ޖުމްލަ 611 މެމްބަރުން ބައިވެރިވެފައިވެ އެވެ. އެހެން ނަމަވެސް ހޯލުގައި ތިބީ 481 މެމްބަރުންނެވެ.
އެ ޖަލްސާގައި ޕާޓިގެ ލޯގޯ އާއި ކުލަ އަދި ޕާޓީގެ ދިދަ ވަނީ ފާސް ކޮށްފަ އެވެ.