ރައީސުލްޖުމްހޫރިއްޔާ އިބްރަހީމް މުހައްމަދު ޞާލިހު އދ.ގެ 76 ވަނަ އާންމު މަޖިލީހުގައި ތަގުރީރުކުރެއްވުމަށް ނިއުޔޯކް އަށް ވަޑައިގެންނެވި ދަތުރުފުޅުގެ ޚަރަދު ސިއްރު ކުރުމަށް އެދި ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.

2021 ވަނަ އަހަރު ބޭއްވި އދ. ގެ 76 ވަނަ އާންމު މަޖިލީހުގައި ރައީސް އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގެ ހަރަދުތަކުގެ ރަސީދާއި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންގެ އަދަދު ހޯދަން ވަނީ ދިޔަރެސް ނޫހުން ވަނީ ހުށަހަޅާފަ އެވެ. އެދަތުރުފުޅުގައި ގިނަ އަދަދެއްގެ ބޭފުޅުންތަކެއް ބައިވެރިވި އެވެ. އަދި ސަރުކަރުގެ މަގާމުތަކުގައި ހިމެނިވަޑައިނުގަންނަވާ ބަޔަކުވެސް ބައިވެރިވެފައިވެ އެވެ.

އެ ޚަރަދުތައް ހޯދަން އިންފޮމޭޝަން ކޮމިޝަނަރަށް ހުށަހެޅުމުން ދައުލަތުން ވަނީ އެ ހަރަދުތަކުގެ ތަފްސީލް ނުދީ ސިއްރު ކޮށްފަ އެވެ. އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގައި ވެސް ދައުލަތުން ވަނީ އެތަފްސީލުތައް ހާމަނުކޮށް ހިފެހެއްޓުމަށް އެދިފައެވެ. އެހެން ނަމަވެސް އިންފޮމޭޝަން ކޮމިޝަނަރު ވަނީ އެއީ ހިފެހެއްޓޭނެ މައުލޫމާތު ތަކެއް ނޫން ކަމަށް ކަނޑައަޅާފަ އެވެ.

އެހެންވެ ދައުލަތުން ވަނީ އެ މައްސަލަ ހައިކޯޓަސްވެސް ހުށަހަޅާފަ އެވެ. ހައިކޯޓުންވެސް ނިންމީ އިންފޮމޭޝަން ކޮމިޝަނާ އެއްކޮޅަށެވެ.

އެހެންވެ ދައުލަތުން މިހާރު ވަނީ އެމައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅަފަ އެވެ. ސުޕްރީމް ކޯޓާސް އެމައްސަލަ އިސްތިއުނާފު ކުރީ މި މަހުގެ ދެވަނަ ދުވަހު އެވެ.