ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނީ ރާއްޖޭގައި މިހާތަނަށް ހަދާ އެންމެ ބޮޑު ކޯލިޝަންއާއެކު ކަމަށާއި އިންތިހާބު އެއްބުރުން ކާމިޔާބުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ އެމަނިކުފާނުގެ ކެމްޕޭން މޯޓިވޭޝަނަލް ސެޝަންގައި މިއަދު ހެނދުނު ޣިޔާސުއްދީން ސުކޫލްގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

ރައީސް ވިދާޅުވީ މި އިންތިހާބު ގައި އެމަނިކުފާނު ވާދަކުރައްވަނީ ރާއްޖޭގައި މިހާތަނަށް ހެދި އެންމެ ބޮޑު ކޯލިޝަން އާއެކު ކަމަށެވެ.

ރައީސް ޞާލިހުގެ ކެމްޕޭން މޯޓިވޭޝަނަލް ސެޝަން ބޭއްވުމަށް މިއަދު ކުރިއަށް ގެންދިޔަ ރަސްމިއްޔާތުގެ ތެރެއިން

ރައީސް ވިދާޅުވީ އެމްޑީޕީ އާއި އަދާލަތު ޕާޓީ އާއި އެމްޑީއޭ އެކުގައި ނިކުމެ މި އިންތިހާބު އެއްބުރުން ކާމިޔާބު ކުރައްވާނެ ކަމަށެވެ.

"މިފަހަރު މި ރިޔާސީ އިންތިހާބަށް ނިކުންނަ އިރު ކޯލިޝަންއެއް ހެދިފައި މިއޮތީ މީ ރާއްޖޭގައި މިހާތަނަށް ނިކުންނަ މެމްބަރޝިޕް އެންމެ ބޮޑު ކޯލިޝަން 77،700 މެމްބަރުން މިކޯލިޝަންގައި އެބަ ތިއްބެވި،" ރައީސް ވިދާޅުވި އެވެ.

ރައީސް ޞާލިހުގެ ކެމްޕޭން މޯޓިވޭޝަނަލް ސެޝަން ބޭއްވުމަށް މިއަދު ކުރިއަށް ގެންދިޔަ ރަސްމިއްޔާތުގެ ތެރެއިން

ތަފާސްހިސާބުތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ 2013ގައި ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވިއިރުގައި ޕީޕީއެމްގެ މެންބަޝިޕްއަކީ ސާޅީސް ހާހެއްހާ މެމްބަރުން ކަމަށާ ފުރަތަމަ ބުރުގައި އަށްޑިހަ ނުވަހާސް ވޯޓު ހޯއްދެވި ކަމަށެވެ.

ރައީސް ވިދާޅުވީ މިފަހަރު އެމްޑީޕީ މިނިކުންނަނީ 77700 (ހަތްދިހަ ހަތްހާސް ހަތްސަތޭކަ) މެމްބަރުންގެ ބޮޑު ކޯލިޝަނަކާއެކު ކަމަށާ އެހެންވީމާ މިއީ ފަސޭހައިން ކާމިޔާބު ކުރެވޭނެ ކަމެއް ކަމަށެވެ. އެކީގައި މަސައްކަތް ކުރެވިއްޖެ ނަމަ މިއީ ނިމިފައި އޮތް ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީީހުގެ މެނިފެސްޓޯ ޑިސްކަޝަންވެސް މިއަދު ވަނީ ފަށާފައެވެ. އެހަރަކާތުގައިވެސް ރައީސް ބައިވެރިވެވަޑައިގެންނެވި.

ރައީސް ސޯލިހުގެ ރިޔާސީ ކެމްޕެއިން ހަރަކާތްތައް މާލެ އާއި އަތޮޅުތަކުގައި އިއްޔެ ވަނީ ފަށައިފަ އެވެ.

އެމްޑީޕީން ބުނީ ރައީސް ސޯލިހުގެ ކެމްޕެއިން ހަރަކާތެއްގެ ގޮތުން ތާއީދު ހޯދުމަށް މާލޭގައި ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތެއް އިއްޔެ ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އެގޮތުން އެމްޑީޕީގެ މާލޭ ކެމްޕޭން ޓީމުން އިއްޔެ ދޮރުން ދޮރަށް ހިނގީ މާފަންނު މެދު ދާއިރާގަ އެވެ. އެކަމުގައި އިސްކޮށް އުޅުއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އެވެ.

ބޮޑު އީދުގެ ބަންދަށް ފަހު ރައީސް ސޯލިހު ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ރަސްމީކޮށް އަތޮޅުތަކަށް ދަތުރުތައް ފަށަނެ ކަމަށް އެމްޑީޕީން ބުނެ އެވެ.