އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ ބޭފުޅުން އިސްވެ ތިއްބަވައި އުފެއްދެވުމަށް މަސައްކަތް ކުރައްވަމުން އަންނަ ދަ ޑިމޮކްރެޓްސްގެ ހަރުގެ ރަސްމީކޮށް މިރޭ ހުޅުވަން ނިންމައިފި އެވެ.
"ހައުސް އޮފް ޑިމޮކްރެޓްސް" ގެ ނަމުގައި ހުޅުވާ ހަރުގެ ހުޅުވަނީ ކުރިން އެމްޑީޕީގެ މައި ހަރުގޭގެ ގޮތުގައި ބޭނުންކުރި ތަނުގައި އެވެ.
ޑިމޮކްރެޓްސް އިން ބުނީ މި ހަރުގެ ހުޅުވައިދެއްވާނީ ރައްތިޔުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކަމަށެވެ. އަދި މި ޖަލްސާގައި ރައީސް ނަޝީދު ވާހަކަފުޅު ދައްކަވާނެ ކަމަށް ވެސް އެ ޕާޓީން ބުނެ އެވެ.
ރައީސް ނަޝީދު ވަނީ ޑިމޮކްރެޓްސް އުފެއްދުމަށް ބޭއްވި ޖަލްސާގައި ވެސް ވާހަކަ ދައްކަވާފަ އެވެ.
އެމްޑީޕީން 12 މެމްބަރުން މަޖިލީހުން ވަކިވެ ޑިމޮކްރެޓްސްއާ ގުޅިވަޑައިގެންފައިވާ އިރު ޑިމޮކްރެޓްސްއަކީ މިހާރު މަޖިލީހުގެ މައިނޯރިޓީ ޕާޓީ ވެސް މެއެވެ. ނަޝީދު ވިދާޅުވީ ދަ ޑިމޮކްރެޓްސްއަކީ އެމްޑީޕީގެ އެއް ބައި ކަމަށާއި އެ ޕާޓީއާ ގުޅިވަޑައިގެންނެވީ އެމްޑީޕީން ވަކި ވެގެން އައި ބައެއް ކަމަށެވެ.
އެމްޑީޕީ އެތެރޭގައި ހިޔާލު ތަފާތުވެ އެ ޕާޓީން ބައެއް މެންބަރުން ވަކިވެފައިވަނީ ރިޔާސީ ޕްރައިމަރީއަށް ފަހު ރައީސް ސޯލިހާއި ރައީސް ނަޝީދާ ހިޔާލު ތަފާތުވެގެންނެވެ.
ޑިމޮކްރެޓްސް އުފެއްދުމުގައި ނަޝީދު އިސްކޮށް ހުންނެވި ނަމަވެސް މިހާތަނަށް ޑިމޮކްރެޓްސްއަށް ސޮއި ކުރައްވާފައެއް ނުވެ އެވެ. ނަމަވެސް ޑިމޮކްރެޓްސް އުފެއްދުމަށް ބޭއްވި ޖަލްސާގައި ނަޝީދު ވިދާޅުވެއްފައި ވަނީ އަދި ސޮއި ކުރައްވާނެ ކަމަށެވެ.