ސަރުކާރަށް ހޯދުނު އެންމެ ބޮޑު ކާމިޔާބީ އަކީ ޝަރުއީ ދާއިރާ މިނިވަންކޮށް މިނިވަންކަމާއެކު ޝަރީއަތްތައް ކުރުމުގެ މިނިވަންކަން ހޯދައިދިނުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ އެމަނިކުފާނުގެ ކެމްޕެއިން އަށް ށ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހަވީރު ށ. ނޫމަރާ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.
ރައީސް ވިދާޅުވީ މިވެރިކަމުގައި ކުރެވުނު އެންމެ މުހިންމު ކަމަކީ ސިޔާސީ ނުފޫޒުން ޝަރުއީ ދާއިރާ މިނިވަން ކުރުން ކަމަށެވެ. އަދި ގާނޫނީ ހަމަތަކުގެ ތެރެއަށް ރުޖޫއަވެ ގާނޫނީ އިމުގެ ތެރެއިން ކަންކަން ކުރުންކަމަކީ ބޮޑު ކާމިޔާބީއެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ވިދާޅުވީ ހުރިހާ ކޯޓުތަކަށްވެސް މިނިވަންކަމާއެކު ޝަރީއަތްތައް ކުރިއަށް ގެންދިއުމުގެ މިނިވަންކަން ހޯދައިދެއްވާފައިވާ ކަމަށެވެ.
"މިސަރުކާރުން ކުރި އެންމެ މުހިންމު އެއް ކަމަކީ ގާނޫނީ ހަމަތަކުގެ ތެރެއަށް ރުޖޫއަވުން، ގާނޫނީ އިމުގެ ތެރެއިން ކަންތައްތައް ކުރުން. ޝަރުއީ ދާއިރާއަށް ނުފޫޒު ނުފޯރުވާ މިނިވަން ކަމާއެކީގާ ޝަރީއަތްތައް ކޮށް ހުކުމް ކުރުމުގެ ބާރާ އިހްތިޔާރު ފުރިހަމައަށް ކޯޓުތަކަށް ދިނުން" ރައީސް ޞާލިހު ވިދާޅުވި އެވެ.
މީގެ އިތުރުން ހަލަބޮލިކަމާ ސިޔާސީ ހަމަނުޖެހުމުން ނިކުމެ ތިބެ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުން އެއީވެސް ސަރުކާރުގެ ކާމިޔާބީއެއް ކަމަށް ރައީސް ވިދާޅުވި އެވެ.
ޝަރުއީ ދާއިރާއަށް ފުރިހަމަ މިނިވަންކަން ހޯދައިދެއްވާފައިވާ ކަމަށް ރައީސް ވިދާޅުވި ނަމަވެސް އިދިކޮޅު ޕީޕިއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން ހުންނެވީ ނުހައްގު ހުކުމެއްގައި ޖަލުގައި ކަމަށް ޕީޕީއެމްގެ މެމްބަރުން ދަނީ ބުނަމުންނެވެ. އަދި ޝަރޫއީ ދާއިރާއަށް ސަރުކާރުން ނުފޫޒު ފޯރުވަމުންދާ ކަމަށްވެސް ބުނެ އެވެ.
ށ. ނޫމަރާ އަށް ރައިސް މިއަދު ވަޑައިގެންނެވި އިރު އެރަށުގައި ޕީޕީއެމްގެ މެމްބަރުން ވަނީ ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ މުޒާހަރާވެސް ކޮށްފަ އެވެ.
ރައީސްގެ ކެމްޕެއިން ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގެންނެވީ ށ. ކޮމަންޑޫ އަށެވެ. އެއަށް ފަހު މަރޮށްޓަށެވެ. ރައީސް މި ދަތުރުފުޅު ނިންމަވާލައްވާނީ މިރޭ ށ ފޯކައިދޫންނެވެ.
އާން ހޫމް ވަރަށް މިނިވަން. އަތް ނުބާނާ ތަނެއް ނެތް