ޖިޔޯ ސިނަމާއިން ދައްކަމުން އަންނަ އިންޑިއާގެ އެންމެ މަގުބޫލު އެއް ރިއަލިޓީ ޝޯ "ބިގްބޮސް އޯޓީޓީ 2" ދެ ހަފްތާގެ މުއްދަތަށް އިތުރުކޮށްފި އެވެ.

މިދިޔަ މަހުގެ 17 ވަނަ ދުވަހު "ބިގްބޮސް އޯޓީޓީ 2" ފަށާފައިވާއިރު ކުރިން ޝޯ ކުރިއަށް ގެންދިޔުމަށް ނިންމާފައިވަނީ ހަ ހަފްތާއަށެވެ. އެހެން ނަމަވެސް މިޝޯގެ ހޯސްޓް ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސަލްމާން ޚާން ވަނީ "ބިގްބޮސް އޯޓީޓީ 2" އަށް ބޮޑު ތަރުހީބެއް ލިބެމުން އަންނާތީ އިތުރު ދެ ހަފްތާއަށް ޝޯ ކުރިއަށްދާނެ ކަމަށް އިއުލާނު ކޮށްފަ އެވެ. މިފަހަރުގެ ސީޒަންގެ ފުރަތަމަ ދެ ހަފްތާގައިވެސް 400 ކްރޯޑް މިނެޓް ބަލާފައިވާ ކަމަށް ސަލްމާން ބުންޏެވެ.

ކޮންމެ ހަފްތާއެއްގެ ދެ ދުވަހު "ވީކްއެންޑް ކާ ވާރް"ގައި ސަލްމާން ބައްދަލުކުރާއި އެހަފްތާގައި ހިނގާފައިވާ ކަންތައްތަކާ ބެހޭ ގޮތުން ސުވާލުކޮށް ވާހަކަ ދައްކަ އެވެ. އަދި ބައިވެރިންގެ ފަރާތުން ފެނިގެންދާ ނޭދެވޭ ކަންތައްތައް ރަގަޅު ކުރުމަށް ނަސޭހަތްތެރިވެ އެވެ. އަދި ރަގަޅަށް ކަމެއް ކޮށްފައިވާ ނަމަ އެކަމެއް ފާހަގަ ކުރެ އެވެ.

މިހަފްތާގެ "ވީކް އެންޑް ކާ ވާރް" ގައި ސަލްމާން ވަނީ ބިގްބޮސްގައި ވާދަވެރިކަން އިތުރު ކުރުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭ ގޮތުން ވާހަކަ ދައްކާފަ އެވެ. އަދި ބިގްބޮސް ހަވާލުކުރާ ގޭމްތައް އެންމެ ފުރިހަމައަށް ގެނެސްދިނުމަށް ބައިވެރިނގެ ކިބައިން ވަނީ އެދިފަ އެވެ.

ކޮންމެ ބައިވެރިޔަކު އެމީހެއްގެ ހިޔާލު ފާޅުކުރުމަށްވެސް ނަސޭހަތްތެރިވި އެވެ.

"ބިގް ބޮސް"ގެ ގޭގައި މި ވަގުތު ތިބި ބައިވެރިންގެ ތެރޭގައި ހިމެނެނީ ޖިޔާ ޝަންކަރް، މަނީޝާ ރާނީ، އަބީޗެކް މަލްހާން، ސައިރަސް ބްރޯޗާ، ޕޫޖާ ބަޓް، ފަލަކް ނާޒް އަދި ޖެކް އާއި ބެބިކާ އެވެ.

މިހަފްތާގެ ބިގްބޮސް ގޭގެ ކެޕެޓަނަކީ ޖިޔާ ޝަންކަރް އެވެ. އެހެން ނަމަވެސް ބައިވެރިން ވަނީ ޖިޔާގެ ކެޕްޓަންގެ ރޯލު ރަގަޅަށް އަދާނުކުރާ ކަމަށް ބުނެފަ އެވެ.

މީގެ އިތުރުން ބިގްބޮސް ގޭގައި ބައިވެރިންގެ މެދުގައި އޮންނަ ގުޅުންތައް މޫސުމަށް އަންނަ ބަދަލުތަކާއި އެއް ގޮތަށް ބަދަލުވެގެންދާތަން ފެނިގެންދެ އެވެ. އެކުވެރިކަމުން ނަފުރަތަށް ބަދަލުވުމާއި ލޯބީގެ ގުޅުންތައްވެސް ފެނިގެން ދެ އެވެ.

މި ޝޯ ޖިއޯ ސިނަމާ އިން އޮންލައިންކޮށް ކޮންމެ ރެއެއްގެ 9:00 ގައި ހިލޭ ބަލައިލެވޭނެ އެވެ.