ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިނގާދިޔަ އަނިޔާވެރިކަން ދިވެހީން އަނބުރާ ބޭނުން ނުވާ ކަމަށް ވިދާޅުވެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަނެއްކާ ވެސް ވަރަށް ފާޑު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިން އިފްތިތާހު ކުރުމަށް ށ. ފޯކައިދޫގައި ރޭ ބޭއްވި ޖަލްސާގައި އިމްރާން ވިދާޅުވީ ކުރިން އިސްވެދިޔަ އަނދިރި ދުވަސްތަކަށް ދިވެހީން އަލުން އަނބުރާ ދާން ބޭނުން ނުވާ ކަމަށެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ހިނގާދިޔަ ބައެއް ހާދިސާތައް ހަނދާން އައު ކުރައްވަމުން އިމްރާން ވިދާޅުވީ ރޭގަނޑު ނިދާފަ އޮއްވާ ޑިފެންސް މިނިސްޓަރުގެ ގެއަށް ފިސްތޯލައެއް ގެންގޮސް "ގަންނަވައެއް" ނުލާނެ ކަމަށާއި ސިޔާސީ ހަރަކާތްތަކުގެ ލީޑަރުންނާއި ސިޔާސީ މަސައްކަތެއް ކުރިހާ މީހަކު ދާ ޖަހައިގެން ގެންގޮސް ގޮޅިތަކުގެ ތެރެއަށް އަޅާލެވުނު ދުވަސް ދިވެހީން ދެކެން ބޭނުން ނުވާނެ ކަމަށެވެ.

ރައީސް ޔާމީނަށް ފާޑު ވިދާޅުވަމުން އިމްރާން ވިދާޅުވީ އެތައް މިލިއަން ރުފިޔާއެއް އިންވެސްޓްކޮށްފައިވާ ރަށްތަކާއި ފަޅުތައް ނޭނގި ހުއްޓާ އަތުލައި، ހޮސްޕިޓަލަށް ހާލުގައިވައްދާ ބޭރަށް ފުރުވާލެވޭ ދުވަސް ތަކުރާރުވާކަށް ދިވެހިން ނޭދޭ ކަމަށެވެ.

"ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނަގައި، ފަނޑިޔާރުން ގައިދުކޮށް، ބިކަކުރުން ތަކުރާރުވާކަށް ދެނެއް ޖާގަ ދޭކަށް ނުވާނެ. މަޖިލީހުގެ މެމްބަރުންގެ އިއްޒަތްތެރިކަމުގެ އިއްޒަތް ކަނޑައި، ކަންނެލި އުކާހެން މެމްބަރުން އުކޭ ދުވަސް އެއީ ރާއްޖޭގެ އިއްޒަތް ގެއްލޭ ދުވަސް އެދުވަސް މިރާއްޖެ ދެކޭކަށް އެންމެ ރައްޔިތަކުވެސް ނޭދޭ،" ރައީސް ޔާމީނަށް އަބަދުވެސް ފާޑުވިދާޅުވަމުން ގެންދަވާ އިމްރާން ވިދާޅުވި އެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޞާލިހުގެ ކެންޕެއިން ލޯންޗް ކުރުމަށް ށ. ފޯކައިދޫގައި ބޭއްވި ޖަލްސާ.

ދިވެހީން ބޭނުންވަނީ އުފާވެރި މުސްތަގުބަލެއް ކަމަށާ ދިވެހީން އެ ބޭނުންވާ އަމާން ދުވަސްތަކާ އުފާވެރި އަމާން ރާއްޖެ ލިބޭނީ ރައީސް ސޯލިހު އާއެކު ކަމަށް ހަގީގަތް ގަބޫލުކުރަ ކޮންމެ ދިވެހި ރައްޔިތެއް ވެސް ގަބޫލު ކުރާނެ ކަމަށް އިމްރާން ވިދާޅުވި އެވެ.

ރައީސް ސޯލިހުގެ ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޔާމީންއަށް އިމްރަން ފާޑުވިދާޅުވެ ވާހަކަ ދައްކަވާފައިވާއިރު ހޯމް މިނިސްޓަރު އިމްރާންއަކީ ރައީސް ޔާމީނާ ޒާތީ ބޭފުޅެއް ކަމަށް ޕީޕީއެމް ކޯލިޝަނުން މީގެ ކުރިން ބުނެފައިވެ އެވެ.

މިވަގުތު ޖަލުގައި ހުންނެވި އިދިކޮޅު ކެންޑިޑޭޓް ރައީސް ޔާމީންއަށް ޖަލުގައި އެތައް އަނިޔާތަކެއް ދެމުންދަނީ އިމްރާންގެ އޯޑަރަށް ކަމަށް ވެސް އިދިކޮޅު ކޯލިޝަނުން ބުނެ އެވެ.