ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމަށް ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ހިންގި ހިޔާނާތުގެ މައްސަލައިން ރިޝްވަތު ދިނުމުގެ ތުހުމަތުވާ އަހްމަދު ކްރިކް ރިޒާގެ މައްޗަށް ކޮށްފައިވާ ދައުވާތައް އަނބުރާ ނަގާ ކުރީގެ ރައީސް ޔާމީންގެ ޝަރީއަތް މާދަމާއަށް ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފި އެވެ.

ކްރިމިނަލް ކޯޓުގައި މާދަމާ ތާވަލް ކޮށްފައި ވަނީ ރައީސް ޔާމިންގެ މައްސަލަ އެވެ. ފުއްގިރި މައްސަލާގެ އަޑުއެހުމެއް މާދަމާ ހެނދުނު 9:00 ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފައިވެ އެވެ.

އެ މައްސަލަގައި ކްރިކް ރިޒާގެ ބައި މިއަދު ނެގުމަށް ކްރިމިނަލް ކޯޓުން ވަނީ ނިންމާފަ އެވެ. ކްރިމިނަލް ކޯޓުން އެގޮތަށް ނިންމީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެދުމުންނެވެ.

އެ މައްސަލާގައި ކްރިކް ރިޒާގެ ފަރާތުން ދިފާއީ ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވާ އޯޑިއޯ ތަހުލީލުކުރަން އިތުރު ވަގުތު ބޭނުންވާ ކަމަށް ފުލުހުންގެ ފަރާތުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ވަނީ ސިޓީއެއް ފޮނުވާފަ އެވެ.

އެ އޯޑިއޯ އަކީ ތަހުގީގުގެ ބޭރުން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ކްރިކް ރިޒާއާ ބައްދަލުކޮށް ދައްކާފައިވާ ވާހަކަތަކެކެވެ.

ޕީޖީ އޮފީހުން ބުނީ ކުރިކް ރިޒާ ހުށަހެޅި ހެކިތަކާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް, އަހްމަދު ކުރިކް ރިޒާގެ މައްޗަށް ކޮށްފައިވާ ދައުވާތައް މިވަގުތަށް މަޑުޖައްސާލުމަށްޓަކައި, އެ ދައުވާތައް ފަހުން ހުށަހަޅާ ގޮތަށް ކޯޓުން އަނބުރާ ފޮނުއްވައިދެއްވުމަށް ދަންނަވާފައިވާ ކަމަށެވެ.

މި މައްސަލާގެ ފަސް އަޑުއެހުމެއް ނުބޭއްވި ކެންސަލް ކުރަން ޖެހުނީ ވެސް ކްރިކް ރިޒާ ބަލިވެ އުޅޭ ކަމަށް ބުނެ ކޯޓަށް ހާޒިރުނުވުމުންނެވެ. ބަލިވެ އުޅޭ ކަމުގެ މެޑިކަލް ސެޓްފިކެޓް އައިޖީއެމްއެޗުން ހޯދައި ހުށަހަޅާފައިވެ އެވެ.

ނަމަވެސް އެއީ އެއްވެސް ޓެސްޓެއް ނުހަދާ ހުށަހެޅި ލިޔުންތަކެއް ކަމަށް ބެލެވޭތީ އެ ކަމުގައި ފިޔަވަޅުތަކެއް އެޅުމަށް ޕީޖީން މަސައްކަތްކުރާ ކަން އެނގިފައިވެ އެވެ. އެގޮތުން ރިޕޯޓުގެ މައްސަލަ މިހާރު ކޯޓަށް ހުށަހަޅާފައިވާ ކަމަށާއި، ކޯޓުން އެކަމުގައި ވަރަށް އަވަހަށް ގޮތްތަކެއް ނިންމަވާނެކަމަށްވެސް ޕީޖީ އޮފީހުން ބުނެ އެވެ.

މި މައްސަލާގައި ކްރިކް ރިޒާގެ އިތުރުން ކުރީގެ ރައީސް ޔާމީނާއި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން، އަދި ސަން އިންވެސްޓްމަންޓްގެ މައްޗަށް ދައުވާ ކޮށްފައިވެ އެވެ.

ފުއްގިރި މައްސަލާގައި ސަން ކޮންސްޓަރަކްޝަން އަށްވެސް ދައުވާ ނުކުރުމަށް ވަނީ ނިންމާފަ އެވެ.