ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ތާއިދު ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މާލޭގައި މިއަދު ދޮރުން ދޮރަށް ހިންގަވައިފި އެވެ.

ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތުގައި ރައީސް ސޯލިހު އެންމެ ފުރަތަމަ ޒިޔާރަތްކުރެއްވީ ގަލޮޅު ދެކުނު ދާއިރާގެ ގޭގެއަށެވެ.

އެ ހަރަކާތުގައި ރައީސްއާއެކު، ޑިފެންސް މިނިސްޓަރު އަދި މާލޭގެ ކެމްޕެއިން ކޯޑިނޭޓަރު މާރިޔާ އަހުމަދު ދީދީ އާއި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް އާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

ރައީސް ޞާލިހު ރިޔާސީ އިންތިހާބަސް ތާއިދު ހޯއްދެވުމަށް މިއަދު މާލޭގައި ކުރިއަށް ގެންދިޔަ ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތް

އެ ހަރަކާތަށް ފަހު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ މާލެ އިން ވަރަށް ބޮޑު ތަރުހީބެއް ރައީސް ޞާލިހު އަށް ލިބެމުންދާ ކަމަށެވެ. ގެގެއަށް ޒިޔާރަތް ކުރެއްވުމުން ރައީސް އަށް ތާއިދު އޮތް މިންވަރު އިނގޭ ކަމަށް މާރިޔާ ވިދާޅުވި އެވެ.

މާލެ އިން ވަރަށް ރަނގަޅު ނަތީޖާ އެއް ނެރެވޭނެ ކަމަށް މާރިޔާ ވިދާޅުވި އެވެ.

ރައީސް ޞާލިހު ރިޔާސީ އިންތިހާބަށް ތާއިދު ހޯއްދެވުމަށް މިއަދު މާލޭގައި ކުރިއަށް ގެންދިޔަ ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތް

ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ކެމްޕެއިން ހަރަކާތްތައް މާލެ އާއި އަތޮޅުތަކުގައި ފަށާފައި ވަނީ މިމަހުގެ 7 ވަނަ ދުވަހު އެވެ.

ބޮޑު އީދުގެ ބަންދަށް ފަހު ރައީސް ސޯލިހު ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ރަސްމީކޮށް އަތޮޅުތަކަށް ދަތުރުތައް ވަނީ ފަށާފަ އެވެ. އެގޮތުން އެންމެ ފުރަތަމަ ރައީސް ވަޑައިގެންނެވީ ށ. އަތޮޅަށެވެ. އެ އަތޮޅަށް ވަޑައިގެން އެއަތޮޅު ފޯކައިދޫގައި ކެމްޕެއިން ފެށުމަށް ބޮޑު ޖަލްސާ ވެސް ވަނީ ބާއްވާފަ އެވެ.