އަންނަ ސެޕްޓެމްބަރު 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި މިވެރިކަން ރައްޔިތުން ނިކުމެ ނިންމަން ޖެހޭ ކަމަށާ މިވެރިކަން ނުނިންމައިފިނަމަ ދަރީންގެ ދަރީންނަށް އޭގެ ހިތާމަކުރަން ޖެހޭނެ ކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

އެމްއެންޕީ އިން މިރޭ "މިއިވޭ އަޑު" ނަމުގައި ބޭއްވި ޕްރޮގްރާމުގައި ނާޒިމް ވިދާޅުވީ ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމު އޮތީ ފެއިލްވެފައި ކަމަށެވެ. ރިޔާސީ ނިޒާމެއްގައި މުއައްސަސާތައް ޒިންމާދާރު ކުރެވޭނެ ގޮތަށް އޮތް ނަމަވެސް އެކަން މި ސަރުކާރަށް ނުކުރެވޭ ކަމަށެވެ. ސަރުކާރުގެ ހިންގުމުގެ ނިޒާމު އޮތީ ފެއިލްވެފައި ކަމަށް ނާޒިމް ވިދާޅުވި އެވެ.

ރާއްޖޭގައި ކޮރަޕްޝަން އޮތީ އިންތިހާއަށް ކަމަށާ މިހާރު ފެންނަމުން ދަނީ އެފަދަ އެއްވެސް ކަމަކަށް އަޅާނުލާ ލޯމަރާލައިގެން އޮންނަ މަންޒަރު ކަމަށް ނާޒިމް ވިދާޅުވި އެވެ.

އެމްއެންޕީ އިން މިރޭ ބޭއްވި "މިއިވޭ އަޑު" ޕްރޮގްރާމުގައި ނާޒިމް ވާހަކަ ދައްކަވަނީ

ސަރުކާރުގެ އެކި މުއައްސަސާތަކުން ހިންގާ ކޮރަޕްޝަންގެ އަމަލުތައް ބަލާނެ އަދި ބެލޭނެ ބަޔަކުވެސް ނެތް ކަމަށް ނާޒިމް ވިދާޅުވި އެވެ.

"މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ލިބުނީމަ އެތިބީ ލޯމަރާލައިގެން މަޖިލީހުގެ ކޮމެޓީތަކަށް މީހުން ހާޒިރު ކުރެވޭތަނެއް ނުފެނޭ" ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ ސެޕްޓެމްބަރު މަހު 9 ވަނަ ދުވަހު ނަގާ ވޯޓުން މިސަރުކާރު ބަދަލުކުރަން ޖެހޭ ކަމަށާއި އެކަން ނުކޮށްފި ނަމަ އަންނަން އޮތް ޖީލުތަކަށް އޭގެ ހިތާމަ ލިބޭނެ ކަމަށެވެ.