ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބަށް އެހެން ޕާޓީތަކާއި އެކު ޕީޕީއެމްއިން ކޯލިޝަން ހަދައިގެން އެއް ކެންޑިޑޭޓަކަށް ތާއިދު ކުރުމަށް ބުނަމުންދާ ޕާޓީތަކަށް ޕީޕީއެމް ކޯލިޝަން ހިންގެވުން ހަވާލުވެ ހުންނަވާ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަރުގަދަ ރައްދެއް ދެއްވައިފި އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ޕީޕީއެމް އިން އަންނަނީ ޕާޓީތަކާއި އެކު މަޝްވަރާ ކުރަމުންނެވެ. އޭގެތެރޭގައި ރައީސް ނަޝީދު ގެ ދަ ޑިމޮކްރެޓްސް ޖުމްހޫރީ ޕާޓީ އަދި އެމްއެންޕީ ހިމެނެ އެވެ. ޑިމޮކްރެޓްސް އަށް ރޭ ސޮއި ކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ޑިމޮކްރެޓްސް އުފެއްދުމަށް ބޭއްވި ޖަލްސާގައި ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން ވެސް ވާދަ ނުކޮށް ކޯލިޝަނަކުން ކެންޑިޑޭޓަކު ނެރުމަށް ގޮވާލާފަ އެވެ.

ރިޔާސީ އިންތިހާބު ބޯމަތިވެފައިވާއިރު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އޮންނެވި ޖަލުގައެވެ. އެމަނިކުފާނަށް އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު ވަރަށް ކުޑަ އެވެ. އެހެން ނަމަވެސް ޕީޕީއެމް އިން ބުނަމުން އަންނަނީ އެޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށެވެ.

"ރައީސް ޔާމީން 2023" ނަމުގައި މިރޭ އާޓިފިޝަލް ބީޗް ސަރަހައްދުގައި ބޭއްވި ޖަލްސާގައި އަދުރޭ ވިދާޅުވީ ކުދިކުދި ޕާޓީތަކުން ޕީޕީއެމް ކަހަލަ ބޮޑެތި ޕާޓީތަކާ ދިމާލަށް އެއްޗެހި ބުނާއިރު ލަދުގަންނަން ޖެހޭނެ ކަމަށެވެ.

"ކިރިޔާ ފިރުކެންފަށާ ޕާޓީތަކުން ޕީޕީއެމް ކަހަލަ މާސިންގާ ޕާޓީއަކާއި ދިމާލަށް ހިތައް އެރިހާ އެއްޗެއް ބުނާއިރުކޮންމެސް ކަހަލަ ލަފެއް ހަޔާތެއް ހުންނަން ޖެހޭނެ" އަދުރޭ ވިދާޅުވި އެވެ.

ޕީޕީއެމް ކޯލިޝަން މިރޭ ބޭއްވި ރައީސް ޔާމީން 2023 ތެލީގެ ތެރެއިން.

އަދުރޭ ވިދާޅުވީ ޕީޕީއެމް އިން އެހެން އެއްވެސް ޕާޓީއެއްގެ ފަހަތަށް ނާރާނެ ކަމަށެވެ. އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށާ ޕީޕީއެމް އިން ނިކުންނާނީ ރައީސް ޔާމީން އާއި އެކު ވެރިކަން ހޯދަން ކަމަށް އަދުރޭ ވިދާޅުވި އެވެ.

ޕީޕީއެމް އިން އެހެން ޕާޓީތަކާއި އެކު މަޝްވަރާތައް ކުރަމުން އަންނަ އިރު އެ މަޝްވަރާތަކުގައި ހުރިހާ ޕާޓީތައް ގުޅިގެން އެއް ރިޔާސީ ކެންޑިޑޭޓެއް ނެރުމާއި މެދު މަޝްވަރާ ނުކުރާކަމަށް ޕީޕީއެމް އިން ވަނީ ބުނެފަ އެވެ.