މ. ކޮޅުފުށީގައި ސަރުކާރުން ކުރިޔަށްގެންދިޔަ ތަރައްގީގެ ބައެއް މަޝްރޫއުތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ރަސްމީކޮށް އިފްތިތާހު ކޮށްފި އެވެ.

ކޮޅުފުށީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ސޯލިހު ވަނީ ކޮޅުފުށީ ފެނުގެ ނިޒާމު އިފްތިތާހުކޮށްދެއްވައި ގޮނޑުދޮށް ހިމާޔަތްކުރުމުގެ ނިމުން އަދި މ. އަތޮޅު މަދަރުސާގެ މަލްޓި ޕާޕޯސް ހޯލާއި އާ އަށް ކްލާސް ރޫމްގެ އިމާރާތް ހުޅުއްވައިދެއްވާފަ އެވެ.

ރައީސް އޮފީހުން ބުނިގޮތުގައި މިދަތުރުފުޅުގައި އެއަތޮޅު އެހެނިހެން ރަށްރަށުގައި ނިމިފައި ހުރި މަޝްރޫއުތައް އިފްތިތާހު ކޮށްދެއްވާނެ ކަމަށެވެ.

ރައީސް ސޯލިހު މިހާރު މ. އަތޮޅަށް ކުރައްވާ ދަތުރުފުޅަކީ މިއަހަރު ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ކުރައްވާ ދަތުރުފުޅެކެވެ. އެގޮތުން މިދަތުރުފުޅުގެ ފުރަތަމަ މިއަދު ވަޑައިގެންފައިވަނީ މ. އަތޮޅު ކޮޅުފުއްޓަށެވެ. މިރަށަށް ރައީސް ވަޑައިގަތުމުން ވަނީ ހުނޫ މަރުހަބާއެއް ކިޔާފަ އެވެ.

އެމަނިކުފާނު ވަނީ ބަނދަރަށް އެއްވެފައިވާ ރައްޔިތުންނާއި ސަލާމް ކުރައްވާފައެވެ.

މ. އަތޮޅަށް މިއަދު ފެއްޓެވި ކެމްޕޭން ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ރައީސް ސޯލިހު ދެން ވަޑައިގަންނަވާނީ ވ. އަތޮޅަށެވެ.

މާދާމާ ވެސް މި އަތޮޅު ދެ ރަށަކަށް ވަޑައިގަންނަވާނެ އެވެ. އެއީ ވޭވަށާއި ރަތްމަންދޫ އެވެ.

މި ރަށްރަށުގައި ވެސް ކެމްޕެއިން ޖަލްސާތައް ބާއްވަވާ ރައްޔިތުންނާއި ބައްދަލު ކުރައްވާނެ އެވެ. އަދި ބައެއް މަޝްރޫއުތައް ފައްޓަވައި ދެއްވާނެ އެވެ.

ކޮޅުފުށީގެ ސްކޫލުގެ މަލްޓިޕާޕަސް ހޯލް ރައީސް ސޯލިހު ހުޅުވައިދެއްވަނީ

ރައީސްގެ ކެމްޕެއިން ރަސްމީކޮށް ފެށީ މިދިޔަ ހަފްތާގައި ށ އަތޮޅުންނެވެ. އޭގެ ފަހުން ކ އަތޮޅުގެ ބައެއް ރަށްތަކަށް ވަނީ ވަޑައިގެންފައެވެ.

މީގެ އިތުރުން މާލެ ސިޓީގައި ވަނީ ދޮރުން ދޮރަށް ހިންގަވާފައެވެ.

އެމްޑީޕީގެ ރިޔާސީ ޓިކެޓު ރައީސް ސޯލިހު ހޯއްދެވީ މިދިޔަ ޖެނުއަރީ މަހު ބޭއްވި އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ކާމިޔާބު ކުރައްވައިގެންނެވެ.