މ. ނާލާފުށީ އައު އިންޖީނުގެއާ ފެނަކަ އޮފީސް އިމާރާތް ހުޅުއްވައި ދެއްވައި، މ. މުލީ ފެނުގެ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫއު ނިމުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގެންފި އެވެ.

ނާލާފުށީ އިންޖީނުގެއާ ފެނަކަ އޮފީސް އިމާރާތް ހުޅުއްވައި ދެއްވީ، ރައީސް ސޯލިހު މިހާރު މުލަކަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު މެންދުރުފަހު އެރަށުގައި ބޭއްވި ރަސްމިއްޔާތުގަ އެވެ. ނާލާފުށީގައި އަލަށް އިމާރާތްކުރެވުނު އިންޖީނުގެއާ ފެނަކަ އޮފީސް އިމާރާތަކީ، އެންމެ މިޒަމާނުގެ ފެންވަރަށް އިމާރާތްކޮށްފައިވާ އިންޖީނުގެއަކާ އޮފީސް އިމާރާތެކެވެ. އޮފީސް އިމާރާތުގައި ދަތިކަމެއް ނެތި 15 މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ އެވެ. އަދި އައު އިންޖީނުގޭގެ ކެޕޭސިޓީ އަކީ، 538 ކިލޯވޮޓް އެވެ. ކުރިން ނާލާފުށީ އިންޖީނުގެ ހުރީ ރަށގެ މެދުގައި ނަމަވެސް އައު އިންޖީނުގެއާ ފެނަކަ އޮފީސް އިމާރާތް އަޅާފައި ވަނީ މީހުން ދިރިއުޅޭ ސަރަހައްދާއި ދުރުގަ އެވެ.

ނާލާފުށި އާ އިންޖީނުގެ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ރައީސް ސޯލިހު މުލަކަތޮޅަށް ކުރައްވާ މިދަތުރުފުޅުގައި މިއަދު ހަވީރު ވަނީ މުއްޔަށް ވަޑައިގެން އެރަށުގެ ފެނުގެ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫޢު ނިމުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފަ އެވެ.

މުލީގައި ގާއިމްކުރެވުނު ފެނުގެ ނިޒާމަކީ، އިންޑިއަން އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން، ކުރިޔަށް ގެންދެވުނު މަޝްރޫއުކެވެ. މިމަޝްރޫއުގެ މަސައްކަތްކޮށްފައި ވަނީ، އެސްއެމްސީ އިންފްރާސްޓްރަކްޗާ ޕްރައިވެޓް ލިމިޓެޑާއި ހަވާލުކުރައްވައިގެންނެވެ.