އާންމުންގެ މެދުގައި މަގްބޫލުވެގެން ދިޔަ ފިލްމު "ބަވަތި"ގެ ކާމީޔާބީއަށް ފަހު ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ) ބެލުންތެރިންނަށް ގެނެސްދޭ ދެ ވަނަ ފިލްމު "ނިނާ"ގެ ރަސްމީ ޓްރެއިލާ ބެލުންތެރިންނަށް ދޫކޮށްލައިފި އެވެ. ގިނަ އެކްޝަން މަންޒަރުތަކެއް ފެނިގެންދާ މިފިލްމު އޮލިމްޕަހުގައި ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ އޮގަސްޓް މަހުގެ ހަ ވަނަ ދުވަހު އެވެ.

އައި ފިލްމްސްއިން ޕްރޮޑިއުސްކޮށް އިއްލެ ޑައިރެކްޓް ކުރާ މިފިލްމަކީ ޓްރެއިލާ ދޫކޮށްލާފައިވާއިރު މިފިލްމަކީ ހިތްވަރުގަދަ އަންހެނަކު އޭނާގެ ދިރިއުޅުމުގައި ދިމާވާ ކަންތައްތަކާ ކުރިމަތިލާގޮތް ދައްކުވައިދޭ ފިލްމެކެވެ.

މިފިލްމުގެ ޓްރެއިލާއިންބެލުންތެރިން ނޭވާ ހިފަހައްޓާލަންޖެހޭ ތަފާތު ކަންތައްތަކެއް ފެނިގެންދެ އެވެ. އަދި ނޭވާ ހިފަހައްޓާލަން ޖެހޭ އެތަކެއް މަންޒަރުތަކެއް ޓްރެއިލާއިން ފެނިގެންދެ އެވެ.

https://www.youtube.com/watch?v=aLMujpPhQIQ

ފިލްމުގެ ނަމާއި ވާހަކަ ނިސްބަތްވާ "ނީނާ"ގެ ރޯލުން ފެނިގެންދާނީ ނުޒުހަތު ޝުއައިބް (ނުޒޫ) އެވެ. ނުޒޫގެ ތަފާތު ތިން ލުކެއް ފިލްމުގައި ފެނިގެންދާނެ އެވެ. މިފިލްމުގައި ފިރިހެން ލީޑް ރޯލުން ފެނިގެންދާނީ މިހާރު ދިވެހި ފިލްމް އިންޑަސްޓްރީގައި ކުރިއަރަމުން އަންނަ ޝަރަފް ޢަބްދުﷲ އެވެ.

މިފިލްމުގެ މުހިއްމު ރޯލުތަކުން ފެނިގެންދާ އިތުރު ތަރިންނަށް ބަލާލާއިރު ކުރީގެ މަޝްޙޫރު ބަތަލާ މަރިޔަމް ރަޝީދާ، މަރިޔަމް ޝަކީލާ، އާދަމް ރިޒްވީ، ނަތާޝާ ޖަލީލް އަދި ޢަލީ އިނާޒް ހިމެނެއެވެ. ހަމައެހެންމެ ފީޗަރ ފިލްމަކުން އަލަށް ތަޢާރަފުވާ ބައެއް މޫނުތައްވެސް މި ފިލްމުގެ އެކި ރޯލުތަކުން ފެނިގެންދާނެއެވެ.

މި ފިލްމުގެ މަންޒަރުތައް ނަގާފައިވަނީ މާލޭ ސިޓީގެ އިތުރުން ލ. އަތޮޅުގެ ރަށްތަކުގަ އެވެ.