ކިތަންމެ ވަރަކަށް ރަށްރަށަށް ވަޑައިގެން ކެމްޕެއިން ކުރެއްވި ނަމަވެސް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ޞާލިހަށް ރިޔާސީ އިންތިހަބު ކާމިޔާބު ނުކުރެއްވޭނެ ކަމަށް އިދިކޮޅު ކޯލިޝަން ހިންގުމާ ހަވާލުވެ ހުންނެވި، ޕީއެންސީގެ ރައީސް އަބްދުއްރަހީމް (އަދުރޭ) ވިދާޅުވެއްޖެ އެވެ.
ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ގަބޫލުކޮށް، އެ ފައިސާ ލޯންޑާ ކުރިކަން ސާބިތުވެ ޔާމީނުގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމްގެ އިސްތިއުނާފު މައްސަލަ ލަސްވާތީ ޕީޖި އޮފީހަށާއި ޖޭއެސްސީ އަށް އިދިކޮޅު ލީޑަޝިޕްގެ ބޭފުޅުން މިއަދު ވަޑައިގެންނެވުމަށް ފަހު، ވިދާޅުވީ، ރައީސް ޔާމީން މިނިވަން ކުރުމަށް ކުރަމުންގެންދާ މަސައްކަތްތަކަށް ޕީޖީހުސައިން ޝަމީމް އާއި ޖޭއެސްސީގެ ރައީސް ހިސާން ހުސައިން އަދި އެޓާނީ ޖެނެރަލް އިބްރާހީމް ރިއްފަތު ހުރަސް އަޅަމުން ގެންދަނީ ރައީސް ސޯލިހު އަންގަވައިގެން ކަމަށެވެ.
ޕީޖީ އައި ބައްދަލުކުރުމަށް ވަޑައިގަންނަވާތާ ތިން ދުވަސް ވެއްޖެ ކަމަށާ އެހެން ނަމަވެސް ޕީޖީ އޮފީހުގެ އެއްވެސް ބޭފުޅަކާ ބައްދަލު ނުވާ ކަމަށް އަދުރޭ ވިދާޅުވި އެވެ. އަދި ގާނޫނާ ގަވާއިދުތަކާ ހިލަފަށް ކަންކަން ކޮށްފައި ފިލައިގެން ނޫޅެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ރައީސް ޔާމީނަށް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލުވާލަން އެކުރާ މަސައްކަތް ކާމިޔާބު ނުވާނެ ކަމަށާ ރައީސް ޞާލިހު އިންތިހާބުން ބަލިވާނެ ކަމަށް އަދުރޭ ވިދާޅުވި އެވެ.
"ކިތަންމެ ކެމްޕެއިނެއް ކުރިޔަސް ރައީސް ޞާލިހު މިއިންތިހާބުގަ ބޮޑުތަނުން ބަލިވާ މަންޒަރު އެބަފެނޭ، ރައްޔިތުން ބުނަނީ އަނިޔާވެރިކަމަކަށް ޖާގައެއް ނުދޭ ނަމޭ، ރައީސް ޞާލިހު ރައްޔިތުންނަށް އަނިޔާވެރިވެއްޖެ އޭ ގައްދާރު ވެއްޖެއޭ އޭނަ ބޭރު ކުރާށޭ ކޮންމެ ރަށަކުން މިފެންނަނީ އަޑި އިވެނީ މިވާހަކަތައް،" އަދުރޭ ވިދާޅުވި އެވެ.
އެކަމަކު ގަދަފައި ވިއްދާފައި ބާރާ ނުފޫޒު ބޭނުންކޮށްގެން ދައުލަތުގެ ވަސީލަތްތަކާ މުވައްޒަފުން ބޭނުން ކޮށްގެން އިންތިހާބު ކާމިޔާބު ކުރުމަށް މަސައްކަތް ކުރަމުން ގެންދާއިރު ރައީސް ޔާމިނަށް އަނިޔާ ދެމުން ދާއިރު ޖޭއެސްސީ އާއި ޕީޖީ އޮތީ ނިދާފައި ކަމަށް އަދުރޭ ވިދާޅުވި އެވެ.
ރައީސް ޔާމީނަށް އިންތިހާބުގައި ވާދަނުކުރެވޭގޮތް ވެއްޖެ ނަމަ އެހެން ބޭފުޅަކު އިދިކޮޅު ކޯލިޝަން އިން އިންތިހާބަށް ނެރޭނެތޯ ސުވާލުކުރުމުން ތަކުރަރުކޮށް އަދުރޭ ވިދާޅުވީ ޕީޕީއެމް ޕީއެންސީގެ ވިސްނުން ބަދަލު ނުވާ ކަމަށާ އިންތިހާބުގައި ރައީސް ޔާމީން ނޫން ކެންޑީޑޭޓެއް ނުނެރޭނެ ކަމަށެވެ.
ހައިކޯޓުގައި ކުރިއަށްދާ ރައީސް ޔާމީންގެ އިސްތިއުނާފު މައްސަލައިގެ އަޑުއެހުމެއް އިއްޔެ ބާއްވަން ތާވަލް ކުރި ނަމަވެސް އެއަޑުއެހުން ކެންސަލްވިކަން ފަހުންވަނީ އަންގާފަ އެވެ. އެ އަޑުއެހުން ކެންސަލް ކުރަން ޖެހުނީ ފަނޑިޔާރު ހުޒައިފާ މުހައްމަދު އެމަޖެންސީ ޗުއްޓީއެއް ނެންގެވުމުންނެވެ.
އަދުރޭ ބުނީމާ ޖެހޭނީ ގަބޫލު ކުރާށެވެ. ހިސާބު އިލްމަށް ޚާއްސަކޮށް ވޯޓް ހިސާބަށް އަދުރޭ ވަރެއް ނުހުންނާނެއެވެ. އިލްމާއި ތަޖްރިބާގެ އަލީގައި އެކަންވަނީ އަހަރުމެންނަށް ސާބިތުކޮށްދީފައެވެ. ސަލާމް
މީގެ ކުރިންވެސް ތަނަކައް އަރާހުރެ ހިސާބުތަކެއް ޖެއްސެވި ދިޔައީޗޮކުން