އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ޓީމު ރަށްރަށަށް ވަޑައިގަންނަވާއިރު އިދިކޮޅު ފަރާތްތަކުން މުޒާހާރާ ކުރަމުންދާތީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަރުގަދަ އިންޒާރެއް ދެއްވައިފި އެވެ.

އިމްރާން އެގޮތަށް ވިދާޅުވީ ރައީސް މިހާރު މ. އަތޮޅަށް ކުރައްވާ ރިޔާސީ ކެމްޕެއިން ދަތުރުފުޅާ ދިމާކޮށް ބައެއް ރަށްރަށުގައި އިދިކޮޅު ފަރާތްތަކުން މުޒާހަރާކުރަމުން ދާތީ އެ ކަމަށް ރައްދު ދެއްވަމުންނެވެ.

މ. ދިއްގަރުގައި ބޭއްވި ރައީސް ސޯލިހުގެ ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުން ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން ވިދާޅުވީ ރައީސް ސޯލިހުގެ ޓީމު މުޒާހަރާއަށް ނުކުމެއްޖެ ނަމަ ޑިމޮކްރެޓްސްއާއި ޕީޕީއެމަށް ހިފަހައްޓައި ނުލެވޭނެ ކަމަށެވެ.

"ޑިމޮކްރެޓްސް ބޭފުޅުން ކަމަށް ވިޔަސް، ޕީޕީއެމް ބޭފުޅުން ކަމަށް ވިޔަސް އެނޫން ޕާޓީއެއްގެ ބޭފުޅުން ކަމަށް ވިޔަސް އަޅުގަނޑުމެން ރަށްރަށަށް އަރާއިރުގައި ތި ސަކަރާތް ޖަހަން ދެން ނުހަދާ. ހުރިހާ ރަށަކުން، ތި ސަކަރާތް ޖަހަން ހައްދަވައިފިއްޔާ އަޅުގަނޑުމެން މާ ވަރުގަދަވާނެ،" އިމްރާން ވިދާޅުވި އެވެ.

ދިއްގަރަށް ރައީސް ސޯލިހު ވަޑައިގަތުމުން އެރަށުގައި ކުރި މުޒާހަރާއާ ބެހޭ ގޮތުން އިމްރާން ވިދާޅުވީ އެއީ ދެހާހުގެ ކުރީކޮޅު ފެނުނު ފަދަ މަންޒަރެއް ކަމަށެވެ. އޭރު ސިޔާސީ ހަރަކާތްތަކުގައި ގަޔަށް ބޮލަށް އަތްލައި، ވެލި އުކައި ފެންޖަހައި ހެދި ކަމަށާއި އެކަން މާޒީވެ ގޮސްފައިވާ ކަމަށް އިމްރާން ވިދާޅުވި އެވެ.

ސިޔާސީ ހަރަކާތް ހިންގަން ރާއްޖެ މިއަދު ތަސައްރަފު ފުދިފައި އޮތީ ވައުދު ވިއްކައިގެން ކަމަށާއި ގަޔަށް ބޮލަށް އަރައިގެން ކަންކަން ކުރި ދުވަސްވަރު މާޒީވެގެން ގޮސްފައިވާ ކަމަށްވެސް އިމްރާން ވިދާޅުވި އެވެ.

ރައީސް ސޯލިހުގެ ކެމްޕޭން ޖަލްސާގެ ތެރެއިން.. ފޮޓޯ: އެމްޑީޕީ

އިމްރާން ވިދާޅުވީ ދެން މުޒާހަރާ ކުރުމުގެ ފުރުސަތު ނުދެއްވާނެ ކަމަށެވެ.

"މިރާއްޖޭގައި ސިޔާސީ ހަރަކާތް ހިންގާކަށް ދެނެއް ގަޔަށް ބޮލަށް އަރާ ވެލި އުކާ ފެން އުކާކަށް ދެން ޖާގައެއް ނުދޭނަން. ސިޔާސީ ހަރަކާތް ހިންގަން އަބަދު ކުރަން އޮތް ކަމަކީ މުޒާހަރާކުރުން ކަމަށް ދެން ފުރުސަތެއް ނުދޭނަން،" އިމްރާން ވިދާޅުވި އެވެ.

އިމްރާން އިތުރަށް ވިދާޅުވީ އެމްޑީޕީގެ ޓީމު ނުކުމެއްޖަމަ، ޕީޕީއެމް މީހުން އަދި ޑިމޮކްރެޓްސް މީހުންނަށް ވެސް އެ ޓީމު ހިފަހައްޓާ ނުލެވޭނެ ކަމަށެވެ.

އިމްރާން މިހެން ވިދާޅުވިއިރު ރައީސް ސޯލިހު މިހާރު މ. އަތޮޅަށް ކުރައްވާ ކެމްޕޭން ދަތުރުތަކުގައި މ. އަތޮޅުގެ ރަށްތަކުގައި އަންނަނީ މުޒާހަރާ ކުރަމުންނެވެ. އަދި މިމުޒާހަރާތަކުގައި މީހުން ހައްޔަރުކުރެ އެވެ.

އަދާލަތު ޕާޓީ އާއީ އެމްޑީއޭ އިން އަންނަނީ އަންނަ ސެޕްޓެމްބަރު މަހު 9 ގައި އޮންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީއާއެކު ކޯލިޝަން ހަދަން ނިންމައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކެމްޕެއިން ކުރަމުންނެވެ.