މިއީ 1990ގެ އަހަރުތަކެއް ނޫނެވެ. އޭރު ސަރުކާރާ މެދު ހިތްހަމަނުޖެހިގެން ސަރުކާރާ ދެކޮޅަށް އެއްވެއުޅުމުގެ މިނިވަންކަމެއް ލިބިފައެއް ނުވެ އެވެ. އެހެން ނަމަވެސް އެތައް ބަޔަކު ކުރި ބުރަ މަސައްކަތުގެ ނަތީޖާއަކަށް ވެގެންދިޔައީ ދިވެހިންނަށް އެއްވެއުޅުމުގެ މިނިވަންކަމާ ބަސްބުނުމުގެ މިނިވަންކަން ލިބުމެވެ.
ސަރުކާރުން އޮބިއަޅައިގެން ގެންގުޅުނު އެތައް ހައްގުތަކެއް އަލަށް އަމަލުކުރަން ފެށި ގާނޫނު އަސާސީއާއެކު 2008 ވަނަ އަހަރުން ފެށިގެން ވީއްލި، މާޒީވެގެން ހިނގައްޖެ އެވެ. އެއާއެކު ވެރިންގެ ނުރަނގަޅު ވާހަކައާއި ސަރުކާރުގައި ހިނގާ ކޮރަޕްޝަންގެ ވާހަކަ އާއި ދެން ވެސް ރައްޔިތުން ހިތްހަމަނުޖެހޭ ސިޔާސަތުތަކަށް އަންނަނީ ފާޑުކިޔައި ސަރުކާރަށް ޕްރެޝާކުރަމުންނެވެ. ސަރުކާރަށް ލިބިފައިވާ ބާރުގެ ބޭނުން ހިފާ ނަމަ އެ ވާހަކަ އަދިވެސް ދައްކާނެ އެވެ. އެހެން ނަމަވެސް ސަރުކާރަށް ގާނޫނުން ލިބިދޭ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފާ ރައްޔިތުން ސައިޒުކުރަން ނޫޅޭށެވެ. މުޒާހަރާ ކުރުމާއި އެއްވެ އުޅުމުގެ މިނިވަން ކަމަކީ ރައްޔިތުންނަށް ގާނޫނު އަސާސީން ލިބިދޭ އަސާސީ ވަރަށް މުހިންމު ހައްގެކެވެ. ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ކިތަންމެ ބޭނުންވިޔަސް އެ ހައްގެއް ނިގުޅައެއް ނުގަނެވޭނެ އެވެ.
އެއްވެ އުޅުމުގެ މިނިވަންކަން ރައްޔިތުންނަށް ހޯދައިދިން ކަމަށް ބުނާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުން ހޯމް މިނިސްޓަރު ވަނީ އެއްވެ އުޅުމުގެ މިނިވަންކަން ނިގުޅައިގަންނާނެ ކަމަށް ފާޅުގައި ވިދާޅުވެފަ އެވެ.
"މިރާއްޖޭގައި ސިޔާސީ ހަރަކާތް ހިންގާކަށް ދެނެއް ގަޔަށް ބޮލަށް އަރާ ވެލި އުކާ ފެން އުކާކަށް ދެން ޖާގައެއް ނުދޭނަން. ސިޔާސީ ހަރަކާތް ހިންގަން އަބަދު ކުރަން އޮތް ކަމަކީ މުޒާހަރާކުރުން ކަމަށް ދެން ފުރުސަތެއް ނުދޭނަން،" އިމްރާން ވިދާޅުވި އެވެ.
މިނިސްޓަރު އެ ވިދާޅުވީ ހަމަނުޖެހުން އުފެދޭ ގޮތަށް އެއްވެ އުޅުމުގެ ފުރުސަތު ނުދޭނެ ކަމަށް ވެދާނެ އެވެ. އެކަމަކު އެ ބަސް ވިދާޅުވި ގޮތުން ގިނަ ބަޔަކު އަންނަނީ އިމްރާނަށް ފާޑުކިޔަމުންނެވެ.
ހުދު އިމްރާން ވެސް އެ ހިސާބަށް ވަޑައިގެންނެވުނީ ޕޯޑިއަމްތަކުގައި ސަރުކާރަށް ފާޑު ވިދާޅުވެ އަދި މަގުމަތީގައި ކުރި އެތައް މުޒާހަރާތަކުގައި ވެސް ބައިވެރިވެގެންނެވެ. ރައީސް ނަޝީދުގެ ވެރިކަމާ ދެކޮޅަށް ކުރި މުޒަހަރާތަކުގައި ވެސް އިމްރާންގެ ބައިވެރިވުން ބޮޑެވެ. އަދި ރައީސް ޔާމީންގެ ވެރިކަމުގައި ކުރިއަށްދިޔަ މުޒާހަރާތަކުގައި އިމްރާނުގެ ބައިވެރިވުން ވަރަށް ބޮޑެވެ. އޭރު ޖަލަށް ވެސް ވަޑައިގަންނަވަން ޖެހިވަޑައިގަތެވެ. މިއަދު ސިޔާސީ ގޮތުން އެ ހިސާބަށް ވަޑައިގެންނެވުނީ ވެސް އެހައްގު ކަށަވަރުވެފައި އޮތުމުންނެވެ.
ރައީސް ޔާމީންގެ ސަރުކާރާއި ދެކޮޅަށް 2015 ވަނަ އަހަރު މޭޑޭގައި ބޭއްވި "ގަޔަށްބޮލަށް" އެރި މުޒާހަރާ ލީޑު ކުރައްވާ "ނަގާކިޔަން" ހުންނެވީ ވެސް އިމްރާން އެވެ. އެދުވަހުގެ މުޒާހަރާގައި އެތައް އާންމުންނަކަށް އަނިޔާ ލިބުނެވެ. އެތައް އާންމުންނެއް ޖަލަށް ވެސްލިޔެވެ. މުޒާހަރާ ހޫނުވެ ވަކި ހިސާބަކުން ރައްޔިތުންނާ މުޒާހަރާ ހަވާލުކޮށްފައި އިމްރާނު ފިއްލެވީ އެވެ.
މިއަދު މަގާމުގެ ދަހިވެތިކަމުގައި ވިޔަސް ގައުމުގެ ދާހިލީ ވަޒީރަކަށް ހުންނަވާ ބޭފުޅަކު ރައްޔިތުންގެ އަސާސީ ހައްގަގުން މަހުރޫމު ކުރާނެ ކަމަށް ފާޅުގައި ވިދާޅުވުމަކީ ސީދާ ޑިކްޓޭޓަރުންގެ އުސޫލެވެ. އިމްރާނު އޭރު މުޒާހަރާ ކުރެއްވި މިންވަރާ ގާތަށް ވެސް މިހާރު މުޒާހަރާތަކެއް ކުރިއަކަށް ނުދެ އެވެ.
އިމްރާނަކީ މީގެ ކުރިން ވެސް އާންމުންގެ ސަމާލުކަން ހޯދަން މިފަދަ ވާހަކަ ދައްކަވާ ބޭފުޅެކެވެ. އެހެން ނަމަވެސް އެފަދަ މަގާމެއްގައި ހުރެ ރައްޔިތުންނަށް ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ހައްގެއް ނިގުޅައިގަންނާނެ ކަމަށް ވިދާޅުވުމަކީ ސަމާލުކަން ހޯދަން ވެސް ދައްކާން ހެޔޮވާވަރުގެ ވާހަކަ އެއް ނޫނެވެ.
އިމްރާނުގެ އެވާހަކަތަކާއި ގުޅިގެން ގިނަ ބައެއްގެ ނުރުހުމާ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. ގިނަ ބަޔަކު ވަނީ މީގެ ކުރީ ސަރުކާރުތަކުގައި އިމްރާނު އިސްވެ ހުންނަވާ ކުރެއްވި މުޒާހަރަތައް ހަނދާންކޮށްދެމުންނެވެ.
އިމްރަނަށް ކުރެވޭނެ އެއްކަމެއްވެސް ނޯންނާނެ، ދިޔަ އިޔާޒުއާ ޒައިދު އާ ދެމީހުން ކައިރީ ތި ފޮނު އަރުވާ މި އަހަރު ނިމުނީމާ އިމްރާނު ނިމުނީ