ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމާއި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް މިއަދު ބައްދަލު ކުރައްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ނަޝީދު އާއި ގާސިމް އަދި ނާޒިމްގެ ބައްދަލުކުރެއްވުން އޮތީ ޖުމްހޫރީ ޕާޓީގެ ހެޑްކުއާޓަރު މ. ކުނޫޒު ގަ އެވެ. ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ މެންދުރު އެކެއް ޖަހާއިރު އެވެ.

މިއީ މި ތިން ބޭފުޅުން އެކުގައި މިފަދަ ގޮތަކަށް ބައްދަލުވާ ފުރަތަމަ ފަހަރެވެ.

މީގެ ކުރިން ނާޒިމް ގާސިމާއި ބައްދަކުކޮށްފައިވާއިރު ނަޝީދު ވެސް ވަނީ ގާސިމްއާ ބައްދަލުކޮށް މަޝްވަރާތައް ކޮށްފަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިބައްދަލުކުރެއްވުމަކީ ސެޕްޓެންބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި އެކުގައި މަސައްކަތް ކުރުމާ ގުޅޭ ގޮތުންނާއި ރައްޔިތުންގެ މަޖިލީހުގައި ގުޅިގެން މަސައްކަތް ކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ބާއްވާ ބައްދަލުވުމެކެވެ.

ތިން ބޭފުޅުން ބައްދަލުކުރައްވާއިރު ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ގާސިމް އަދި އެމްއެންޕީން ނާޒިމް ވާދަކުރައްވާނެ ކަމަށް ވަނީ އިއުލާނު ކުރައްވާފަ އެވެ.

އެމްޑީޕީން ވަކިވެވަޑައިގެން ރައީސް ނަޝީދު ދަ ޑިމޮކްރެޓްސްއަށް ގުޅިވަޑައިގެންފައިވާއިރު، އެ ޕާޓީން ވެސް އަންނަ ރިޔާސީ އިންތިހާބުގައި ކެންޑިޑޭޓަކު ވާދަކުރާނެ ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ.

ރިޔާސީ އިންތިހާބުގެ ވޯޓުލުން އޮންނާނީ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު އެވެ.