ހިލްޓަންއަށް ދައްކަންޖެހޭ ފައިސާ ނުދައްކައިގެން ވިޔަފާރިވެރިޔާ އަދި ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދުގެ ޕާސްޕޯޓް ސިންގަޕޫރުގައި ހިފަހައްޓައި ފުރުން މަނާކުރި މައްސަލާގައި ދިވެހި ސަރުކާރުން ކުއްލި ސިޓީގެ ސިންގަޕޫރުގެ އެކި އިދާރާތަކަށް ފޮނުއްވައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިދިޔަ ހޯމަ ދުވަހު ސިންގަޕޫރަށް ދިޔުމުން ސަން ސިޔާމްގެ ޕާސްޕޯޓް ހިފަހައްޓައި ފުރުން މަނާކުރީ ހިލްޓަން މައްސަލައާ ގުޅިގެންނެވެ.

ސިޔާމް ސިންގަޕޫރަށް ދިޔައީ މިމައްސަލާގައި އެ ގައުމުގެ ހައިކޯޓުގައި ޝަރީއަތުގެ އަޑުއެހުމަކަށެވެ.

ސިޔާމްގެ މައްސަލައިގައި މިދިޔަ އަންގާރަ ދުވަހު ފޮރިން މިނިސްޓްރީގެ ލެޓާ ހެޑްގައި އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ ހުމައިދު ސޮއިކުރައްވާ ފޮނުއްވި ސިޓީގައި ބުނެފައި ވަނީ ސިޔާމަކީ ދެކުނު ކޮރެއާ އާއި ރޯމޭނިއާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނެވި އޮނަރަރީ ކޮންސުލްގެ މަގާމްގައި ހުންނެވި ރަނގަޅު ޝަހުސިއްޔަތެއް ބޭފުޅެއް ކަމަށެވެ. އަދި ރާއްޖޭގައި ހަތަރު ވަނަ އަށް އެންމެ ބޮޑު ސިޔާސީ ޕާޓީގެ ލީޑަރު ކަމަށާއި ރައްޔިތުންގެ މަޖިލީހުގައި އެންމެ ގިނަ ދުވަހު ހިދުމަތްކުރެއްވި މެންބަރުކަން ވެސް އެ ސިޓީގައި ވަނީ ފާހަގަކޮށްފަ އެވެ.

މީގެ އިތުރުން ސިޓީގައި ވަނީ ސިޔާމަކީ މަޖިލީހުގެ ރައީސް ނެތް ހާލަތެއްގައި އެމަޖިލީހުގެ ރިޔާސަތާ ހަވާލުވާނެ ފަރާތްކަން ވެސް ފާހަގަކޮށްފަ އެވެ. އެހެންނަމަވެސް ސިޔާމަކީ މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވާ މެންބަރެއް ނޫނެވެ. އަދި އޭނާ އަކީ މަޖިލީހުގެ ހާޒިރީގައި އަބަދުވެސް އެންމެ ދަށުގައި އުޅުއްވާ އެއް ބޭފުޅާ އެވެ.

ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިވަޑައިގެންނެވުމުގެ އިތުރަށް އޭނާއަކީ ރާއްޖޭގެ ޓޫރިޒަމް ދާއިރާ ކުރިއެރުވުމުން އެވޯޑް ލިބިވަޑައިގެން ހުންނެވި ދިވެހި ވިޔަފާރިވެރިއެއް ކަމަށްވެސް ފޮރިން މިނިސްޓްރީގެ ސިޓީގައި ވަނީ ފާހަގަ ކުރައްވާފަ އެވެ.

ފޮރިން މިނިސްޓްރީގެ ސިޓީގައި ބުނެފައިވަނީ ސިންގަޕޫރުގެ ކޯޓް އޮފް އާބިޓްރޭޝަންގައި ސިޔާމް އާ ދެކޮޅަށް ކުރިއަށްދާ މައްސަލައިގައި ގޮތް ނިންމާ އިރު، ސިޔާމްގެ ރަނގަޅު ސިފަތަކަށް ރިއާޔަތް ކުރަން އެދިފަ އެވެ.

ސިޔާމްގެ ޕާޓީއިން ވަނީ މި އަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީއާ އެކު ކޯލިޝަން ހަދަން ނިންމައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރަށްރަށަށް ކުރެއްވި ކެމްޕޭން ދަތުރުތަކުގައިވެސް ސިޔާމް ބައިވެރިވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އަހުމަދު ސިޔާމް މުހައްމަދު އަދި ހޯމް މިނިސްޓަރު އިމްރާން

ސިޔާމްގެ ސަން ޓްރެވަލްސްގެ މައްޗަށް އާބިޓްރޭޝަނުން ހުކުމްކުރީ ނ. އިރުފުށި ރިސޯޓް ހިންގަން ހިލްޓަނާ އެކު ހެދި އެއްބަސްވުން ބާތިލްކުރި މައްސަލައިގަ އެވެ. ދުނިޔޭގެ މަޝްހޫރު ހޮޓެލް ޗެއިނެއް ކަމަށްވާ ހިލްޓަންއާ އެއްކޮޅަށް ހުކުމް އައީ އެ ކުންފުންޏަށް 24 މިލިއަން ޑޮލަރު (368 މިލިއަން ރުފިޔާ) ގެ ބަދަލެއް ދޭން ޖެހޭނެ ކަމަށެވެ.

އެކަމަކު ހުކުމާ އެއްގޮތަށް އެ ފައިސާ ނުދެއްކުމުން އާބިޓްރޭޝަންގެ ނިންމުން ތަންފީޒު ކުރަން ހިލްޓަންއިން ސިންގަޕޫރުގެ ހައި ކޯޓަށް ހުށަހެޅީ އެވެ.

ހުކުމާ އެއްގޮތަށް ފައިސާ ނުދައްކާތާ 8 އަހަރުވީ މައްސަލާގައި ސިންގަޕޫރުގެ އާބިޓްރޭޝަންގައި ހިނގާ މައްސަލައިގެ ތެރެއަށް ސިޔާމްގެ ދިފާއުގައި ދިވެހި ސަރުކާރުން ވަން ސަބަބާ ގުޅޭ ގޮތުން ފޮރިން މިނިސްޓްރީގެ މިހާތަނަށް ޖަވާބެއް ނުދެ އެވެ.

ސިޔާމްގެ ދިފާއުގައި ދިވެހި ސަރުކާރުން މިފަދަ ސިޓީއެއް ފޮނުވުމުން ގިނަ ބަޔަކު އަންނަނީ ސަރުކާރާ ދެކޮޅަށް ނުރުހުން ފާޅުކުރަމުންނެވެ. މިއީ ސިންގަޕޫރުގައި ހިންގަމުންދާ މައްސަލައަށް ދިވެހި ސަރުކާރުން ނުފޫޒު ފޯރުވަން ކުރި ކަމެއްކަމަށްވެސް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. މިކަމުންވެސް ރައީސް ސޯލިހުގެ ސަރުކާރުން ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވާކަން ހާމަވާކަމަށް ގިނަ ބަޔަކު ބުނެ އެވެ.