އެމްޑީޕީގެ ރިޔާސި ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރަނިންމޭޓަކަށް ވުމުގެ ޝައުގުވެރިކަން އެބަހުރި ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓީވީން މިއަދު ހެނދުނު ދެއްކި "ފަށާއިރު" ޕްރޮގްރާމްގައި ފައިސަލް ވަނީ ރައީސް ސޯލިހުގެ ރަނިންމޭޓަކަށް ވުމުގެ ޝައުގުވެރިކަން ހުރިކަން ފާޅުކޮށްފަ އެވެ.
ފުވައްމުލަކަށް އުފަން ފައިސަލް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރެއްވި ކޮންމެ މަސައްކަތެއް އިހްލާސްތެރިކަމާއި ފަރުވާތެރިކަމާ އެކު ކުރައްވާފައިވާ ކަމަށެވެ. އަދި ސަރުކަރުން ފަށަފައިވާ ވަރަށް ގިނަ މަޝްރޫއުތަކާއި މަސައްކަތްތައް އެބަހުރި ކަމަށާއި އެހުރިހާ މަސައްކަތެއް ނިންމަން ވެސް ބޭނުންފުޅުވާ ކަމަށެވެ.
ފައިސަލް ވިދާޅުވީ އެހުރިހާ މސައްކަތްތަކެއް ކުރަން ފަށާފައި ގޮސް ގެއަށްވަދެ ހުރުމަށް ވުރެ އެ މަސައްކަތްތައް ނިންމާލަން ފުރުސަތު ބޭނުންވާ ކަމަށެވެ.
ރަނިންމޭޓަކަށް ވުމުގެ ޝައުގުވެރިކަން ހުރިތޯ ސުވާލުކުރުމުން ފައިސަލް ވިދާޅުވީ އެކަމަށް ވެސް ޝައުގުވެރިކަން އެބަހުރި ކަމަށާއި އެކަމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް އެކަމުގައި ގޮތް ނިންމަވާނީ ރައީސް ސޯލިހު ކަމަށް ފައިސަލް ވިދާޅުވި އެވެ.
ފައިސަލް ނަސީމް އަކީ 2018 ވަނަ އަހަރު ކޯލިޝަނަކާއެކު މި ސަރުކާރު ވެރިކަމަށް އައިއިރު ޖުމްހޫރީ ޕާޓީގެ ސްލޮޓުގައި އެ މަގާމަށް ވަޑައިގެންނެވި ބޭފުޅެކެވެ.
ރައީސް ސޯލިހުއަށް ދެވަނަ ދައުރެއް ހޯއްދަވައިދެއްވުމަށް މިހިނގާ ސަރުކާރުގެ ކޯލިޝަންގައި ތިބި ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީއާއި އެމްއާރުއެމް އަށް ވެސް ރައީސް ވަނީ ތާއީދު ކޮށްދެއްވުމަށް އެދި ސިޓީ ފޮނުވާފަ އެވެ. އެހެން ނަމަވެސް ރައީސް ސޯލިހުއަށް ދެވަނަ ދައުރެއް ހޯއްދަވައިދެއްވަން ކޯލިޝަން ހެދީ އަދާލަތު ޕާޓީ އެކަންޏެވެ. ޖޭޕީ ވެސް ނިންމީ ވަކީން ކެންޑިޑޭޓެއް ނެރުމަށެވެ.
އަންނަ ސެޕްޓެމްބަރު މަހު 9 ވަނަ ދުވަހު ބައްވާ ރިޔާސީ އިންތިހާބަށް ރައީސް ސޯލިހު ގެންދަވަނީ ކެމްޕޭން ކުރައްވަމުންނެވެ. ރަނިންމޭޓެއް ނެގުމުގެ މަސައްކަތްތައް ވެސް ކުރިއަށްގެންދަވާ ކަމަށް ރައީސް މީގެ ކުރިން ވިދާޅުވެފައިވެ އެވެ. އެކަމާމެދު ޕާޓީ ތެރޭގައި މަޝްވަރާ ކުރާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހަޅާނީ ރަނިންމޭޓަކާއެކު ކަމަށެވެ.