ކުރީގެ ރައީސް އަދި އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީންގެ އިންތިހާބީ ހައްގުތައް ކަށަވަރު ކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ އެ ކޯޓުން ބަލައިނުގަންނަން ނިންމި ނިންމުން ފަނޑިޔާރުންގެ މަޖިލީހުގައި އިސްތިއުނާފު ކުރަން ރައީސް ޔާމީންގެ ގާނޫނީ ވަކީލުން ނިންމަވައިފި އެވެ.

ރައީސް ޔާމީންގެ ފަރާތުން ރާއްޖޭގެ ހައި ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ މައްސަލަތައް ނުނިމި ދިގުލައިގެން ދިއުމުގެ ސަބަބުން ރައީސް ޔާމީންގެ އެތައް ސިޔާސީ ހައްގުތަކާއި އިންތިހާބީ ހައްގުތަކަށް ހުރަސް އެޅިފައިވާ ކަމަށް ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އާދަމް ޝަމީމް ރޭ ވަނީ ވިދާޅުވެފަ އެވެ.

އެހެންވެ، އެ ހައްގުތައް ކަށަވަރުކޮށް ދިނުމަށްޓަކައި ޔާމީންގެ ފަރާތުން ރާއްޖޭގެ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ވަނީ ހުށަހަޅާފަ އެވެ.

އެމައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ މިއަދު ވަނީ ނިންމަވާފަ އެވެ. އެމައްސަލަ ބަލައިނުގަތުމަށް ނިންމެވީ އެމައްސަލައަކީ އެއީ ކޯޓުގެ ގާނޫނު ބަޔާން ކުރާފަދަ ދުސްތޫރީ މައްސަލައެއް ނޫން ކަމުން މައްސަލަ ބަލައިގަނެވެން ނެތް ކަމަށެވެ.

އެހެންވެ ރަޖިސްޓްރާގެ މި ނިންމުން ފަނޑިޔާރުންގެ މަޖިލީހުގައި އިސްތިއުނާފު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ޔާމީންގެ ގާނޫނީ ވަކީލުން ވަނީ ބުނެފަ އެވެ.

ހައިކޯޓުގައިވާ މައްސަލައިގެ އިސްތިއުނާފީ ޝަރީއަތްތައް މިހާރު ވަނީ މެދުކެނޑިފަ އެވެ. އެއީ އެ މައްސަލަ ބައްލަވާ ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރަކު ޗުއްޓީ ނެންގެވުމުންނެވެ.

ރައީސް ޔާމީންއާ ދެކޮޅަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ނިހާއީ ހުކުމެއް ނައިސް ދިގުލައިގެން ދިއުމުގެ ފުރުސަތު އޮތުމުން އެމަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ދާނެތޯ ވަނީ ވަރަށް ބޮޑަށް ސުވާލު އުފެދިފަ އެވެ.

ޕީޕީއެމް އިން އިއްޔެ ބުނެފައި ވަނީ ހައިކޯޓުން ގޮތެއް ނުނިންމި ނަމަވެސް ޔާމީން އިންތިހާބަށް ކުރިމަތިލުމުގެ ފޯމް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާނެ ކަމަށެވެ.

އީސީން އެ ކެންޑިޑެސީ ބަލައިނުގެންފި ނަމަ، ސުޕްރީމް ކޯޓަށް ދިއުމުގެ ފުރުސަތު ލިބިގެންވެ އެވެ. އެހެންވެ، އެހާލަތަށް ގޮސްފި ނަމަ، ބެލެވޭ ގޮތުގައި އެކަމުގައި ގޮތެއް ނިންމާނީ ސުޕްރީމް ކޯޓުންނެވެ.