ކުރީގެ ރައީސް ޔާމީންގެ ޝަރީއަތަށް ސަރުކާރުން ނުފޫޒު ފޯރުވުމާ ހުރި ކަންބޮޑުވުންތައް ހިއްސާ ކުރުމަށް އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެރަން ރޮސްލާ އާއި ޕީޕީއެމް ކޯލިޝަން އިން މިއަދު ބައްދަލު ކުރައްވައިފި އެވެ.

ވ. އާރަށް މައްސަލާގައި ރައީސް ޔާމިންގެ މައްޗަށް ވަނީ 11 އަހަރުގެ ޖަލުހުކުމެއް އިއްވާފަ އެވެ. އެކަމާ ގުޅިގެން ޔާމީން އަށް ކުރިއަށް އޮތް ރިޔާސީ އިންތިހަބުގައި ވާދަކުރުމުގެ ފުރުސަތު ވަނީ ގެއްލިފަ އެވެ.

އެމައްސަލަ މިހާރު ވަނީ އިސްތިއުނާފަށް ހައިކޯޓަށް ހުށަހަޅާފަ އެވެ.

ރައީސް ޔާމީންގެ ފަރާތުން ރާއްޖޭގެ ހައި ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ މައްސަލަތައް ނުނިމި ދިގުލައިގެން ދިއުމުގެ ސަބަބުން ރައީސް ޔާމީންގެ އެތައް ސިޔާސީ ހައްގުތަކާއި އިންތިހާބީ ހައްގުތަކަށް ހުރަސް އެޅިފައިވާ ކަމަށް ރައީސް ޔާމީންގެ ވަކީލުންގެ ޓީމުން ވަނީ ބުނެފަ އެވެ. އެހެންވެ، އެ ހައްގުތައް ކަށަވަރުކޮށް ދިނުމަށްޓަކައި ޔާމީންގެ ފަރާތުން ރާއްޖޭގެ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ވަނީ ހުށަހަޅާފަ އެވެ.

ރައީސް ޔާމީންގެ އިންތިހާބީ ހައްގުތައް ކަށަވަރުކޮށްދިނުމަށާ އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު ހޯދުމަށް ޕީޕީއެމް ކޯލިޝަން އިން އަންނަނީ ކޮންމެ ދުވަހަކުވެސް އެކި މުއައްސަސާތަކާ ބައްދަލުކުރުމަށް މަސައްކަތް ކުރަމުންނެވެ. އެހެން ނަމަވެސް އެކަން އަދި ކާމިޔާބުވާގޮތެއް ނުވެ އެވެ.

އެގޮތުން ޕީޕީއެމް ކޯލިޝަނުން މިއަދު ވަނީ އިނގިރޭސިވިލާތުގެ ހައިކޮމިޝަނަރާވެސް ބައްދަލުކުރައްވަފަ އެވެ.

އިނގިރޭސި ހައިކޮމިޝަނާ އެކު ބޭއްވެވި ބައްދަލުވުމާ ގުޅެގޮތުން މާވަށު ދާއިރަގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވީ އިނގިރޭސި ސަފީރާއި އެކު ބޭއްވި ބައްދަލުވުމަކީ ރައީސް ޔާމީންގެ ޝަރީއަތަށް ސަރުކާރުން ނުފޫޒުފޯރުވަމުން ދާތީ އެކަމާ ހުރި ކަންބޮޑުވުންތައް ހިއްސާ ކުރުމަށާ ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގާ ބޮޑެތި ކަންކަން ހިއްސާ ކުރެއްވުމަށް ބޭއްވި ބައްދަލުވުމެއް ކަމަށެވެ.

ޕީޕީއެމް ކޯލިޝަނުން އެދެނީ ސިޔާސީ ގޮތުން ހިންގާ ނުރަނގަޅު ކަންކަން ވަގުތުން ނިމުމަކަށް ގެނައުމަށް ކަމަށް ސައީދު ވިދާޅުވި އެވެ.

ހައިކޯޓުގައިވާ މައްސަލައިގެ އިސްތިއުނާފީ ޝަރީއަތްތައް މިހާރު ވަނީ މެދުކެނޑިފަ އެވެ. އެއީ އެ މައްސަލަ ބައްލަވާ ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރަކު ޗުއްޓީ ނެންގެވުމުންނެވެ.

ރައީސް ޔާމީންއާ ދެކޮޅަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ނިހާއީ ހުކުމެއް ނައިސް ދިގުލައިގެން ދިއުމުގެ ފުރުސަތު އޮތުމުން އެމަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ދާނެތޯ ވަނީ ވަރަށް ބޮޑަށް ސުވާލު އުފެދިފަ އެވެ.