މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައި ގައުމީ އިނާމް ލިބޭ ބޭފުޅުނަށް އިނާމް ދިނުމަށް ނިންމައިފި އެވެ. އެގޮތުން މިއަހަރު ހަތަރު ބޭފުޅަކަށާއި ކުންފުންޏަކަށް ޝަރަފުވެރިކަމުގެ ގައުމީ އިނާމް ލިބިގެންދާއިރު، ހިތްވަރު ދިނުމުގެ ގައުމީ އިނާމް 17 ބޭފުޅަކަށާއި، ޖަމުޢިއްޔާއަކަށް ދެއްވުމަށް ވަނީ ނިންމާފަ އެވެ.

މިކަމަށްޓަކައި ޖުލައި 26 ވަނަ ދުވަހު ހެނދުނު 10 ޖަހާއިރު ސޯޝަލް ސެންޓަރުގައި ހާއްސަ ޖަލްސާއެއް ބެއްވުމަށް ވަނީ ނިންމާފަ އެވެ.

މި ޖަލްސާގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދިވެހި ގައުމާ މުޚާޠަބު ކުރައްވާނެ އެވެ.

މި ޖަލްސާގައި، ޝަރަފުވެރިކަމުގެ ގައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ގައުމީ އިނާމާއި، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ މެޑެލް ދެއްވުމާއި، ކީރިތި ޤުރްއާން ހިތުދަސްކޮށް، 1 ވަނަ ދަރަޖައިގައި ފާސްވި ޙާފިޡުންނަށް ރައީސް ދެއްވާ ހާއްސަ މެޑެލް ދެއްވުން ވެސް އޮންނާނެ އެވެ

ރައީސް ދެއްވާ މެޑެލް، މި އަހަރު ހާސިލު ކުރައްވަނީ، މަތީ ތައުލީމާއި ތަމްރީނުގެ ކޯހަކުން އެންމެމަތީ ވަނަ ހޯއްދެވި 15 ބޭފުޅެކެވެ. ބައިނަލްއަޤްވާމީ މުބާރާތަކުން ނުވަތަ މިނޫން ވެސް ބައިނަލްއަޤްވާމީ މިންކުރުމަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފް ހޯދައިގެން އިނާމު ހާސިލުކުރަނީ ދެ ކުއްޖެކެވެ. މީގެ އިތުރުން، ހުނަރުވެރި، ފަންނުވެރި، މަސައްކަތްތެރި ޒުވާނުން ގައުމީ ތަރައްގީއަށް ކުރާ އުފެއްދުންތެރި އީޖާދީ މަސައްކަތުން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކުރަނީ އެންމެ ފަރާތަކުންނެވެ.

ކީރިތި ޤުރްއާން ހިތުދަސްކޮށް، މިއަހަރު 1 ވަނަ ދަރަޖައިގައި ފާސްވި 10 ޙާފިޡުންނަށް ރައީސް ދެއްވާ ހާއްސަ މެޑެލް ވެސް މި ޖަލްސާގައި ދެއްވާނެ އެވެ.