އިތުބާރުނެތް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެމްބަރުން ފާސް ކުރިނަމަވެސް އިސްތިއުފާ ނުދެއްވާނެ ކަމަށް އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެ އެވެ.

އެ ކޮމިޝަނުގެ ރައީސް ފުއާދުގެ އިތުބާރު ނެތްކަމަށް އީސީން ވަނީ ފާސްކޮށްފަ އެވެ.

އެ މައްސަލައާ ގުޅިގެން ފުއާދު ވިދާޅުވީ އިތުބާރު ނެތް ކަމަށް ފާސް ކުރީ ކޮމިޝަންގެ ތިން މެމްބަރުން ގާނޫނާ ހިލާފަށް ކަމަށެވެ. އަދި މެމްބަރުން ބޭއްވި ޖަލްސާއެއްގައި އެޖެންޑާގައި އެހެނިހެން ޖަހައިގެން އިތުބާރު ނެތް ކަމަށް ފާސްކުރީ ގާނޫނާ ހިލާފަށް ކަމަށް ފުއާދު ވިދާޅުވި އެވެ.

އެޖެންޑާގައި އެމައްސަލަ ނުހިމަނާ އެގޮތަށް ފާސް ނުކުރެވޭނެ ކަމަށް ވެސް ފުއާދު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބަށް ދެ މަހަށް ވެފައި ވަނިކޮށް ފުއާދުގެ އިތުބާރު ނެތް ކަމަށް އިލެކްޝަންސް ކޮމިޝަނުން ފާސްކޮށްފައި ވަނީ މިމަހުގެ 18 ވަނަ ދުވަހު އޮތް ކޮމިޝަންގެ ބައްދަލުވުމުގަ އެވެ.

ފުއާދު ވިދާޅުވީ އިތުބާރު ނެތްކަމަށް ފާސްކުރި ނަމަވެސް އެމަގާމުން ވަކިކުރުމުގެ ބާރު އޮންނާނީ ރައްޔިތުންގެ މަޖިލީހަށް ކަމަށް ފުއާދު ވިދާޅުވި އެވެ.

ގާނޫނުގައި ބުނެފައިވާ ގޮތުން ކޮމިޝަނުގެ މެމްބަރުން ވަކި ކުރެވޭނީ ރައްޔިތުންގެ މަޖިލީހުންނެވެ.

އިލެކްޝަންސް ކޮމިޝަނުން ފުއާދުގެ އިތުބާރު ނެތް ކަމަށް ފާސްކުރި ނަމަވެސް އޭނާގެ މެންބަރުން ކަމުން ވަކިއެއް ނުވާނެ އެވެ. ކޮމިޝަނުގެ ގާނޫނުގެ 10 ވަނަ މާއްދާގެ ށ. ގައި ބުނެފައި އޮންނަނީ ކޮމިޝަނުގެ ރައީސްގެ މަގާމު ނުވަތަ ނައިބު ރައީސްގެ މަގާމު ހުސްވެއްޖެ ކަމަށް ބެލޭނީ، ކޮމިޝަނުގެ މެމްބަރުކަމުގެ މަގާމު ހުސްވެއްޖެ ކަމަށް ބެލެވޭ ހާލަތެއް ކުރިމަތިވުމުން" ނުވަތަ "ރައީސާއި ނައިބު ރައީސް އާއި ދެމީހުން ކުރެ މީހަކު އެމީހެއްގެ މަގާމުން އިސްތިއުފާ ދިނުމުން ކަމަށެވެ.

އެ ކޮމިޝަންގެ ގާނޫނުގައި ބުނެފައިވާ ގޮތުން ކޮމިޝަނުގެ މެމްބަރުން ވަކި ކުރެވޭނީ ރައްޔިތުންގެ މަޖިލީހުންނެވެ.

ފުވާދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ވައްދައި ފާސްކޮށްފައި މި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސް ރަޖިސްޓްރީ ކޮށްދޭން ފުވާދު ނުފޫޒު ބޭނުން ކުރެއްވި ކަމަށް ބުނެ ކޮމިޝަނުގެ ބައެއް މެންބަރުން ނުރުހުން ފާޅުކުރައްފައި ވާ ދަނޑިވަޅެއްގަ އެވެ.