ޕީޕީއެމްގެ ރިޔާސި ކެންޑިޑޭޓް ރައީސް ޔަމީން ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވުމަށް ހުށަހަޅުއްވަންޖެހޭ ލިޔުންތަކުގައި ސޮއިކުރައްވައި އެ ލިޔުންތައް ކަރެކްޝަނަލް ސާވިސް އިން ޕީޕީއެމްއާ ހަވާލުކޮށްފި އެވެ.

ޖަލުގައި ހުންނަވާ ރައީސް ޔާމީންގެ ކެންޑިޑަސީ ފޯމުގައި ސޮއިކުރުމާއި ފޯމު ފުރުމުގެ ކަންކަމުގައި ކަރެކްޝަންސް އިން އެހީތެރިކަން ފޯރުކޮށްދިނުމަށް ޕީޕީއެމް އިން ވަނީ އެދިފަ އެވެ. ކަރެކްޝަންސް އިން ބުނެފައިވަނީ އެކަމުގެ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ރައީސް ޔާމީންގެ ފަރާތްޕުޅުން އިލެކްޝަންސް ކޮމިޝަނަށް ހުށައަޅަން ޖެހޭ ލިޔުންތަކުގައި އެމަނިކުފާނު ވަނީ ސޮއި ކުރައްވާފައެވެ. އަދި އެ ލިޔެކިޔުންތައް ކަރެކްޝަންސް މެދުވެރިކޮށް ޕާޓީގެ އޮފީހަށް މިހާރު ލިބިފައިވާ ކަމަށް ޕީޕީއެމްއިން ބުނެ އެވެ.

ކްރިމިނަލް ކޯޓުން ޔާމީނަށް ކުރި 11 އަހަރުގެ ޖަލު ހުކުމް އިސްތިއުނާފު މައްސަލަ ހައިކޯޓުގައި ތާށިވެ ލަސްވާތީ، ޔާމީންގެ އިންތިހާބީ ހައްގު ކަށަވަރުކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އިއްޔެ ބޭރުކޮށްލުމުން، އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން ވަނީ އެ މައްސަލަ އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހަޅައިފަ އެވެ.

ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެވޭނެކަން ކަށަވަރު ވާނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ މައްސަލަ އެމަނިކުފާނާ އެއްކޮޅަށް ނިމުމުންނެވެ. އަންނަ މަހުގެ 7 ވަނަ ދުވަހުގެ ކުރިން ރައީސް ޔާމީނާ އެއްކޮޅަށް މައްސަލަ ނުނިމިއްޖެ ނަމަ، އިންތިހާބުގައި ޔާމީނަށް ވާދައެއް ނުކުރެއްވޭނެ އެވެ.