މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގައި ބިއްލޫރި ޕެލެޓް ދަށުވި މަޖޫރީ މީހާ އަށް ފަރުވާ ދެމުން ދަނިކޮށް މަރުވެއްޖެ އެވެ.
ބިއްލޫރި ޕެލެޓް ދަށުވެގެން ފަރުވާދެމުން ދަނިކޮށް ރޭ ފަތިހު މަރުވެފައި ވަނީ ނ. ލަންދޫ، ފޭރުގަސްދޮށުގެ، އަބްދުﷲ އާސިމް، 27އ އެވެ.
އޭނާ މަރުވީ މަރުވީ ރޭ ފަތިހު 5:40 ހާއިރު އެވެ. އެ ހާދިސާގައި އެންމެ ބޮޑަށް ޒަހަމްވި މީހަކީ ވެސް އެއީ އެވެ.
އާސިމްގެ އާއިލާ އިން ކުރިން ބުނެފައި ވަނީ ބިއްލޫރި ޕެލެޓް ދަށުވެ އޭނާ އަށް ލިބުނު ޒަހަމްތަކުގެ ސަބަބުން އެތެރެހައްޓަށް ލޭ ފައިބަމުންދާ ކަމަށެވެ.
އޭނާ ބިއްލޫރި ޕެލެޓްގެ ދަށުވެ ޒަހަމްވީ މި މަހު ހަތް ވަނަ ދުވަހުގެ ރޭގަ އެވެ. އޭނާ ތާށިވީ ކޮންޓެއިނަރުގެ ބިތާއި ބިއްލޫރިތަކާ ދެމެދު އެވެ. ބިއްލޫރި ޕެލެޓް ވެއްޓުނީ އޭނާގެ މޭމައްޗަށެވެ. އޭގެ ސަބަބުން އޭނާ ވަރަށް ބޮޑަށް ޒަހަމްވެ އެތެރެހައްޓާއެކު ގިނަ އަނިޔާތަކެއް ލިބުނެވެ. އެ ގޮތުން އެތެރެހައްޓަށް ގިނަ އަދަދަކަށް ލޭ ފޭދި އަތުގެ އުޅަނބޮއްޓާއި ކުޑަހުޅާއި ފައިގެ އުކުޅުވަޅު ބިންދައިގެން ގޮސް މައިބަދަޔަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައި ވެ އެވެ.
ކޮންޓެއިނާއަކުން ބިއްލޫރި ޝީޓްތަކެއް ހުސްކުރުމަށް މަސައްކަތް ކުރަނިކޮށް ހިނގި އެކްސިޑެންޓްގައި އާސިމްގެ އިތުރުން އެހެން މީހަކަށް ވެސް އަނިޔާވި އެވެ. އެ މީހާގެ ދެ ފައި ބިނދި އިތުރު އަނިޔާ ލިބިފައިވާއިރު އޭނާ ވަނީ ފަރުވާއަށް ފަހު ހޮސްޕިޓަލުން ދޫކޮށްލައިފަ އެވެ.
މިއީ ފާއިތުވި ހައެއްކަ އަހަރު ތެރޭގައި އެމްޕީއެލްގައި ހިނގި އެންމެ ނުރައްކާތެރި ހާދިސާ އެވެ. އެންމެ ފަހުން އެމްޕީއެލްގައި ނުރައްކާތެރި ބޮޑު ހާދިސާއަކަށް ހިނގާފައި ވަނީ 2014 ވަނަ އަހަރު ކޮންޓޭނާއެއް ވެއްޓިގެން އެވެ. އެ ހާދިސާގައި ދެމީހަކު މަރުވި އެވެ.