ޕީޕީއެމްގެ ނައިބު ރައީސް އަދި މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ބާއްވަން އުޅުން ނޫސްވެރިންގެ ބައްދަލުވުން ކުއްލިގޮތަކަށް ކެންސަލްކޮށްފި އެވެ.

މުއިއްޒުގެ ނޫސްވެރިންނާ ބައްދަލުކުރައްވަން އޮތީ މިއަދު މެންދުރުފަހު 2:30 ގައި އެބޭފުޅާގެ ދިމްޔަތު ހޮޓަލުގަ އެވެ.

މާލެ ސިޓީ ކައުންސިލްގެ އޮފިޝަލް ވިދާޅުވީ މުއިއްޒުގެ މިއަދު ބައްވަން އުޅުން ނޫސްވެރިންގެ ބައްދަލުވުން ފަހުގެ ތާރީހަކަށް ފަސްކޮށްފައިވާ ކަމަށެވެ. ފަސްކުރި ސަބަބެއްވެސް ހާމައެއް ނުކުރެ އެވެ.

އެނގިފައިވާ ގޮތުގައި މުއިއްޒު ބާއްވަން އުޅުން ނޫސްވެރިންގެ ބައްދަލުވުމަކީ މާލެ ސިޓީ ކައުންސިލްގެ މަސައްކަތްތަކާ ގުޅޭ ނޫސްވެރިންގެ ބައްދަލުވުމެއް ނޫނެވެ. އަދި މުއިއްޒު ބައްވަން އުޅުން ނޫސްވެރިންގެ ބައްދަލުވުމަކީ ޕީޕީއެމްއާ އެއްވެސް ގުޅުމެއް އޮތް އިވެންޓެއް ނޫން ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ.

ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލް ވިދާޅުވި ގޮތުގައި މުއިއްޒު ބާއްވަން އުޅުނު އިވެންޓަކީ ޕީޕީއެމްއާ އެއްވެސް ގުޅުމެއް ނެތް އިވެންޓެއް ކަމަށެވެ.

ތޮލާލް ވިދާޅުވީ އެބައްދަލުވުން ނުބާއްވަން ޕާޓިން ބުނެފައި ނުވާނެ ކަމާށާ އެއީ ޕާޓީ އިން ބައްވާ ކަމެއް ނޫން ކަމަށެވެ.

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީނެވެ. ނަމަވެސް އެ މަނިކުފާނު މިހާރު ހުންނެވީ 11 އަހަރުގެ ޖަލު ހުކުމެއްގަ އެވެ. އެމަނިކުފާނަށް އިއްވި ހުކުމް ހައިކޯޓުގައި ވަނީ އިސްތިއުނާފުކޮށްފަ އެވެ.

ރައީސް ޔާމީންގެ ޖަލު ހުކުމާއި ގުޅިގެން އެމަނިކުފާނަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އަދި ވަނީ ގެއްލިފަ އެވެ. އެހެން ނަމަވެސް ޕީޕީއެމް އިން ބުނަމުން އަންނަީ ރައީސް ޔާމީން އަށް ރިޔާސީ އިންތިހާބުގައި ވާދަކުރެވޭނެ ކަމަށެވެ.

ރައީސް ޔާމީން އަށް ރިޔާސީ އިންތިހާބުގައި ވަދަ ނުކުރެވޭ ހާލަތެއްގައި އެޕާޓިން މުއިއްޒު ނެރޭނެ ކަމަށް ވަނީ އަޑުތައް ފެތުރިފަ އެވެ. އެހެން ނަމަވެސް އެކަން ޕީޕީއެމްއިން ވެސް އަދި މުއިއްޒު ވެސް ދޮގުކުރެ އެވެ.

މުއިއްޒު އެ ވާހަކަތައް ދޮގު ކުރި ނަމަވެސް މާލެ ސިޓީ ކައުންސިލްގެ ޕީޕީއެމްގެ ބައެއް މެމްބަރުން މުއިއްޒުއަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓް ހޯދައިދޭން މަސައްކަތް ކުރާ ކަމުގެ ތުހުމަތު ވެސް ކޮށްފައިވެ އެވެ.