ސެޕްޓެންބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ފުވައްމުލައް ސިޓީއަށް ވަޑައިގަންނަވާގޮތަށް ހަމަޖެހިއްޖެ އެވެ.

ރައީސް ސޯލިހު ފުވައްމުލަކަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގަ އެވެ. މި ދަތުރުފުޅުގައި ނައިބު ރައީސް ފައިސަލް ނަސީމްވެސް ބައިވެރިވެވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ފުވައްމުލަކުގައި މިރޭ ރައީސް ސޯލިހުގެ ހާއްސަ ކެމްޕޭން ޖަލްސާއެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފަ އެވެ. މިޖަލްސާގައި ރައީސް ސޯލިހުގެ ރަނިންމޭޓް އިއުލާނުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރަނިން މޭޓެއް ކަނޑައެޅުމާ ގުޅޭ ގޮތުން އެމްޑީޕީގެ އިސް ބޭފުޅުންނާއި ކޯލިޝަން ހަދާފައިވާ ޕާޓީތަކުގެ އިސް ބޭފުޅުންނާ އެކު މިހާރު ވެސް މަޝްވަރާ ކުރައްވަމުން އަންނަ ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފަ އެވެ.

ރައީސް ސޯލިހުގެ ރަނިން މޭޓަކަށް ވާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރައްވާ ބޭފުޅުންގެ ތެރޭގައި މިހާރުގެ ނައިބު ރައީސް ފައިސަލް ނަސީމް ހިމެނެ އެވެ. ފައިސަލްގެ އިތުރުން މި ލިސްޓްގައި ދެން ހިމެނެނީ ފޮރިން މިނިސްޓަރު ޝާހިދާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އެވެ

މިހާތަނަށް އައިރު ރަނިންމޭޓް އިއުލާނުކޮށްފައިވަނީ ރައީސް ޔާމީނެވެ. އެގޮތުން ރައީސް ޔާމީންގެ ރަނިންމޭޓަކަށް ކުރީގެ ނައިބް ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދު ވަނީ ހަމަޖައްސަވާފަ އެވެ.

އަންނަ ސެޕްޓެމްބަރު 9 ގައި ބާއްވާ އިންތިހާބަށް ރައީސް މިހާރު ވަނީ ކެމްޕޭން ފައްޓަވާފަ އެވެ. އެގޮތުން ރައީސް ވަނީ މީގެ ކުރިން މުލަކު އަތޮޅާއި ވ. އަތޮޅުގެ އިތުރުން ބޮޑުތިލަދުންމައްޗާއި ށ. އަތޮޅާއި ކ. އަތޮޅުގެ ބައެއް ރަށްރަށަށް ވަޑައިގެން ކެމްޕޭން ކުރަށްވާފައެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރަން ބޭނުންވާ ކެންޑިޑޭޓުންނަށް ނަން ހުށަހެޅުމުގެ ފުރުސަތު މިދިޔަ ހަފްތާގެ އާދީއްތަ ދުވަހު އިލެކްޝަން ކޮމިޝަން (އީސީ) އިން ވަނީ ހުޅުވާލައިފަ އެވެ. ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އަންނަ އޮގަސްޓް މަހުގެ 07 ވަނަ ދުވަހުގެ ނިޔަލަށެވެ.