ފުވައްމުލަކުގެ އެއާޕޯޓާއި ބަނދަރު އަންނަ ދައުރުގައި ބޮޑު ކޮށްދެއްވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިރޭ ވިދާލުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ފުވައްމުލަކުގައި މިހާރު ކުރިއަށްދާ "އުފާވެރި އަމާން ރާއްޖެ" ކެމްޕޭން ޖަލްސާގަ އެވެ.

ރައީސް ވިދާޅުވީ ފުވައްމުލަކު ރައްޔިތުން އެންމެ ބޮޑަށް އެދިއެދި ތިބި ކަންކަން ވޭތުވެ ދިޔަ ފަސް އަހަރު ކޮށްދެއްވާފައިވާ ކަމަށެވެ. އެގޮތުން ރައްޔިތުން އެންމެ ބޮޑަށް ބޭނުންވީ ރަށުގެ މަގު ތައް ހެދުމާ ނަރުދަމާއާއި ބަނދަރުގެ މަސައްކަތްކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ އެމަސައްކަތްތައް ނިމިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ފުވައްމުލަކުގެ 19.7 ކިލޯ މީޓަރުގެ މަގުހަދާ ނިމިފައިވާ ކަމަށާއި ފެނާ ނަރުދަމާގެ މަސައްކަތްތަކުގެ އިތުރުން ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަސައްކަތައް ވެސް ވަރަށް އަވަހަށް ނިމޭނެ ކަމަށް ރަޢީސް ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފުވައްމުލަކުގައި ބޭއްވި ކެމްޕޭން ޖަލްސާގައި މިރޭ ވާހަކަދައްކަވަނީ. ފޮޓޯ: ކެމްޕޭން އޮފީސް

ރައީސް އިތުރަށް ވިދާޅުވީ ރާއްޖެ ތަރައްގީވަމުން އަންނަ އިރު ފުވައްމުލަކުގައި މިހާރު އޮތް ބަނދަރާއި އެއާޕޯޓު ކުޑަ ކަމަށެވެ. އެހެންވެ ކުރިއަށް އޮތް ފަސް އަހަރުގައި ފުވައްމުލަކުގެ އެއާޕޯޓާއި ބަނދަރު ބޮޑުކުރުމުގެ މަސައްކަތް ފަށާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"މިއަދު ވަނީ އެކަންތައްތައް އިތުރަށް ތަރައްގީ ކުރަން ޖެހިފައި. އިރާދަކުރެއްވިއްޔާ އަންނަ ދައުރުގަ އެއާޕޯޓު ބޮޑުކުރެވެން އޮތް މިންވަރެއް ބަލާ އެއާޕޯޓު ބޮޑު ކޮށްދޭނަން. އޭޓީއާރު މަތިންދާ ބޯޓު ޖެއްސޭ ވަރަށް. މިރަށުގަ އޮތް ބަނދަރަކީ އިންޖިނިއަރިން ވަރަށް ބޮޑު ދިރާސާ އެއްކޮށްފައި އަޅާފަ އޮތް ބަނދަރެއް. އަޅުގަނޑުމެންގެ ވިސްނުމަކީ ބަނދަރު ބޮޑުކުރެވެން އޮތީ ކިހިނެއްތޯ ބަލާ ކުރިއަށް އޮތް ދައުރުގައި ބަނދަރު ބޮޑު ކުރުން،" ރައީސް ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފުވައްމުލަކުގައި ބޭއްވި ކެމްޕޭން ޖަލްސާގައި މިރޭ ބޭއްވި ޖަލްސާގެ ތެރެއިން. ފޮޓޯ: ކެމްޕޭން އޮފީސް

ރައީސް އިތުރަށް ވިދާޅުވީ 2018ގެ ރިޔާސީ ވައުދުގައި ވައުދުވެވަޑައިގެންނެވި ބައެއް ކަންކަން އެކި ސަބަބު ތަކާ ހެދި ނުނިމި ހުރި ކަމަސެވެ. ސިންތެޓިކް ޓްރެކް ހެދުމާ ސްޓޭޑިއަމްގެ އިތުރުން އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސް ނުނިމި އެބަހުރި ކަން ރައީސް ފަހަގަ ކުރެއްވި އެވެ. އެހެން ނަމަވެސް އަންނަ ދައުރުގައި އެހުރިހާ ކަމެއް ނިމޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން މިހާރު ފުވައްމުލަކުގައި ހުރި ހޮސްޕިޓަލްގެ އިތުރުން ކުޑަކުދިންނަށް ހާއްސަ 50 އެނދުގެ ހޮސްޕިޓަލްއެއް އަޅުއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.