ކުރިއަށްއޮތް ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން އަށް ކުރިމަތި ނުލެވޭ ހާލަތެއްގައި ޕީޕީއެމް އިން އިންތިހާބަށް ނިކުންނަނެ ކެންޑިޑޭޓަކާ ގުޅޭ މަޝްވަރާތައް ފަށައިފި އެވެ.

ވ. އާރަށް މައްސަލާގައި ރައީސް ޔާމީން ގެންދަވަނީ 11 އަހަރުގެ ޖަލުހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.

މަނީލޯންޑަރިން އާއި ރިޝްވަތުގެ ދައުވާ ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެވޭނެކަމާ މެދު ވަނީ ސުވާލު އުފެދިފަ އެވެ. ސަބަބަކީ އެ މަނިކުފާނަށް އިއްވި ހުކުމުގެ އިސްތިއުނާފު މަރުހަލާ އަދި ނުނިމޭތީ އެވެ.

ރައީސް ޔާމީނަށް އިންތިހާބުގައި ވާދަ ނުކުރެވޭ ހާލަތެއްގައި ޕީޕީއެމް އިން އެހެން ކެންޑިޑޭޓެއް ނެރުމަށް އަންނަނީ މަޝްވަރާ ކުރަމުންނެވެ. ޔާމީންގެ އެދިވަޑައިގަތުމުން މަތިން ޕީޕީއެމްގެ ލީޑަޝިޕުން މިއަދު ވަނީ މިމަޝްވަރާތައް ފަށައިފަ އެވެ.

މަޝްވަރާތަކަށްފަހު އެހެން ކެންޑިޑޭޓެއް ނެރެން ނިންމާފައިވާ ކަމަށް ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައި ވީނަމަވެސް އެޕާޓީން އެކަން ދޮގުކުރެ އެވެ.

ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލް ވިދާޅުވީ ޕީޕީއެމް އިން ވަކި ކެންޑިޑޭޓަކު ނެރެނީ ނިންމި ކަމަށް ބުނެ މީޑިއާތަކުގައި ދައުރުވަމުންދާ ހަބަރާކީ ތެދު ހަބަރެއް ނޫން ކަމަށެވެ.

ޕީޕީއެމް ޕީއެންސީ ލީޑަޝިޕްގައި ޕީއެންސީ އިން ކެންޑިޑޭޓެއް ނެރުމުގެ މަޝްވަރާކުރެވުނު ނަމަވެސް ކެންޑިޑޭޓަކާ މެދު ގޮތް ނިންމާފައި ނުވާ ކަމަށާއި ކެންޑިޑޭޓްއަކާ މެދު ގޮތް ނިންމުމުގެ އިހްތިޔާރު ކޯލިޝަންގެ ލީޑަރު ރައީސް ޔާމީން އަށް ދިނުމަށް ނިންމާފައިވާ ކަމަށް ވެސް ތޮލާލް ވިދާޅުވި އެވެ.

ތޮލާލް ވިދާޅުވީ ޕީޕީއެމް ޕީއެންސީގެ ވެސް މުހިންމު ނިންމުންތައް ނިންމުމުގައި ލީޑާޝިޕް އިން ރައީސް ޔާމީންގެ ލަފާއާއި މަޝްވަރާ ހޯދާނެ ކަމަށެވެ.

ރައީސް ޔާމީންގެ ރަނިންމޭޓް ކަން އިއްޔެ ވަނީ ޑރ. މުހައްމަދު ޖަމީލް އަހުމަދު ހަމަޖައްސާފަ އެވެ.

މިސަރުކާރުގައި ރައީސް ޔާމީން ޖަލަށް ލެއްވި ފަހުން ޑރ. ޖަމީލް ގެންދަވަނީ ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި އެންމެ އިސް ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުންނެވެ.

ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން އަށް ވާދަ ކުރެއްވުމުގެ ފުރުސަތު ގެއްލިފައިވާއިރު، އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ އިންތިހާބުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލާފަ އެވެ. އެފުރުސަތު އަންނަ މިފެށޭ މަހުގެ 7 ވަނަ ދުވަހަށް ހަމަވާނީ އެވެ.