ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިމުމުގައި ސަރުކާރުގެ ނުފޫޒު އޮތް މިންވަރަށް ބަލާއިރު މިއީ ޙައިރާންވާ ވަރުގެ ކަމެއް ނޫން ކަމަށް އެމަނިކުފާނުގެ ރަނިންގމޭޓް ޑރ. މުހައްމަދު ޖަމީލް ވިދާޅުވެއްޖެ އެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގެ މައްސަލަގައި ރައީސް ޔާމީން ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެހެންވެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އެމަނިކުފާނަށް ވަނީ ގެއްލިފަ އެވެ.

ޕީޕީއެމް އިން މިއަދު ވަނީ ރައީސް ޔާމީންގެ ކެންޑިޑަސީ ފޯމު ހުށަހަޅާފަ އެވެ. އެހެން ނަމަވެސް އިލެކްޝަން ކޮމިޝަނުން ނިންމާފައިވަނީ ރައީސް ޔާމީންގެ ކެންޑިޑަސީ ބަލައިނުގަތުމަށެވެ.

ރައީސް ޔާމީންގެ ރަނިންމޭޓް ގާނޫނީ ވަކީލް ޑރ. ޖަމީލް ވިދާޅުވީ ރައީސް ޔާމީންގެ ކެންޑިޑޭސީ ބަލައިނުގަންނަން އިލެކްޝަން ކޮމިޝަނުން ނިންމާފައިވަނީ ގާނޫނީގޮތުން ގޯސްކޮށް އަދި ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ (ޅ) ނުބައިކޮށް ތަތުބީގުކޮށްގެން ކަމަށެވެ.

ހީކުރި ގޮތަށް އީސީގެ ތެރޭގައި ސަރުކާރުގެ ނުފޫޒް އޮތް މިންވަރަށް ބަލާއިރު މިއީ ހައިރާންވާ ވަރުގެ ކަމެއް ނޫން ކަމަށާ ގާނޫނުގައިވާގޮތުގެ މަތިން މައްސަލަ ސްޕްރީމް ކޯޓުން ނަޞްރު ލިބޭނެ ކަމަށް ޖަމީލް ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ކެންޑިޑަސީ ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމުމުން އެޕާޓީން ވަނީ އެމައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމަށް ނިންމައިފަ އެވެ.

މީގެ އިތުރުން ޕީޕީއެމް ކޯލިޝަން މި ވަގުތު ހިންގެވުމާ ހަވަލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ރައީސް ޔާމީންގެ ކެންޑިޑަސީ އިލެކްޝަންސް ކޮމިޝަނުން ޤަބޫލުނުކުރުން އެއީ އެމަނިކުފާނުގެ ކެންޑިޑަސީ ބާތިލުވުން ނޫން ކަމަށެވެ. އަދި ސުޕްރީމް ކޯޓަށް ހުށަހަޅައިގެން ކާމިޔާބުވާނެ ކަމަށް އަދުރޭ ވިދާޅުވި އެވެ.

ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަދި ރައީސް ޔަމީންގެ އިންތިހާބީ އެޖެންޓް މުހައްމަދު ތޮލާލް ވެސް ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ ރައީސް، ޔާމީންގެ ފޯމު ބަލައިނުގަންނަން ނިންމާފައި ވަނީ ސަރުކާރުގެ ނުފޫޒުން ކަމަށެވެ.

ޔާމީން މިހާރު ހުންނެވީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރެއްވުމަށްޓަކައި ޖަލުގަ އެވެ. އެހެންވެ އެމަނިކުފާނަށް އިންތިހާބުގައި ވާދަކުރެއްވޭނެ ކަމާ މެދު ވަނީ ސުވާލު އުފެދިފަ އެވެ.

ހައިކޯޓުގައި އޮތް އެ މަނިކުފާނުގެ މައްސަލަ ނުނިމި ދިގުލައިގެން ދަނީ މައްސަލަ ބައްލަވާ ބައެއް ފަނޑިޔާރުން ޗުއްޓީގައި ތިއްބެވުމުންނެވެ.