ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައިސް އަބްދުﷲ ޔާމީންއަށް ފުރުސަތު ނުލިބިއްޖެ ހާލަތެއްގައި ޕީޕީއެމް ކޯލިޝަނުން ނެރޭނެ ކެނޑިޑޭޓަކާ މެދު ގޮތެއް ނިންމަން މާދަމާ ޕީއެންސީ ސެނެޓްގެ ބައްދަލުވުމެއް ބޭއްވުމަށް ނިންމައިފި އެވެ.

ސެނެޓްގެ ބައްދަލުވުން މާދަމާ ބައްވަނީ ރައީސް ޔާމީންގެ އެންގެވުމަށެވެ.

ރައީސް ޔާމީންއަށް ކުރިމަތިނުލެވޭ ހާލަތެއްގައި އެހެން ކެންޑިޑޭޓެއް ނެރެން މީގެ ކުރިން ވެސް ސެނެޓުން ރައީސް ޔާމީން އަރިހުގައި އެދުމުން ވެސް އެމަނިކުފާނު ނަމެއް ދެއްވާފަ އެއް ނުވެ އެވެ. އަދި އިލެކްޝަންސް ކޮމިޝަނުން ރައީސް ޔާމީންގެ ކެންޑިޑަސީ ފޯމު ބަލައިނުގަންނަން ނިންމުމުން ކެންޑިޑޭޓަކާމެދު ގޮތެއް ނިންމުމަށް ސެނެޓުން ވަނީ ރައީސް ޔަމީންއަށް ފުރުސަތު ދެއްވާފަ އެވެ. އެހެން ނަމަވެސް ރައީސް ޔާމީން ނިންމަވާފައި ވަނީ ސެނެޓުގެ ބައްދަލުވުމަކުން އެކަން ފާސް ކުރުމަށެވެ.

މާދަމާ ބާއްވާ ޕީއެންސީ ސެނެޓްގެ ބައްދަލުވުމުގައި އެޖެންޑާކޮށްފައި ވަނީ ރިޔާސީ ކެންޑިޑޭޓެއް ކަނޑައެޅުމާމެދު ވަކި ގޮތެއް ނިންމުމެވެ. އަދި ޕީއެންސީގެ އަސާސީ ގަވާއިދަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމެވެ. ސެނެޓްގެ ބައްދަލުވުން ތާވަލްކޮށްފައި ވަނީ މާދަމާ ހެނދުނު 10:00 އަށެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގެ މައްސަލަގައި ރައީސް ޔާމީން ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެހެންވެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އެމަނިކުފާނަށް ވަނީ ގެއްލިފަ އެވެ.

ޕީޕީއެމް އިން މިމަހުގެ 1 ވަނަ ދުވަހު ވަނީ ރައީސް ޔާމީންގެ ކެންޑިޑަސީ ފޯމު ހުށަހަޅާފަ އެވެ. އެހެން ނަމަވެސް އިލެކްޝަން ކޮމިޝަނުން ނިންމާފައި ވަނީ ރައީސް ޔާމީންގެ ކެންޑިޑަސީ ބަލައިނުގަތުމަށެވެ.