ޕީއެންސީގެ ޓިކެޓު ލިބުނަސް އުންމީދަކީ އަދިވެސް ރިޔާސީ އިންތިހަބުގައި ރައީސް އަބްދުﷲ ޔާމީންއަށް ފުރުސަތު ލިބުން ކަމަށް ޕީއެންސީގެ ރިޔާސީ ޓިކެޓް ކާމިޔާބު ކުރެއްވި ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޕީއެންސީން އިންތިހާބުގައި ވާދަކުރަން ނިންމީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސް ޔާމީނަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމާ ގުޅިގެން އިންތިހާބުގައި ވާދަކުރުމުގެ ޝަރުތު ހަމަނުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމުމާ ގުޅިގެން "ބެކަޕް ކެންޑިޑޭޓް"އެއްގެ ގޮތުގައި ޕީއެންސީން ކެންޑިޑޭޓަކު ނެރުމަށް ރައީސް ޔާމީން އެދިވަޑައިގަތުމުންނެވެ.

މިއަދު ޕީއެންސީ ޓިކެޓް ކާމިޔާބު ކުރެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ އޭނާއަކީ ރައީސް ޔާމީނަށް ކުރިމަތި ނުލެވިއްޖެ ހާލަތެއްގައި ޕީޕީއެމް ކޯލިޝަނުން ކެންޑިޑޭޓެއް ނެރެން ބެކްއަޕް ޕްލޭނެއްގެ ގޮތުގައި ހޮވި ކެންޑިޑޭޓެއް ކަމަށެވެ. އެހެން ނަމަވެސް އުންމީދަކީ އަދިވެސް ރައީސް ޔާމީނަށް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ލިބުން ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"އިންތިހާބު ކުރީން އަޅުގަނޑުމެންގެ އުންމީދަކީ އެދުމަކީ އަދި ދުއާއަކީ އަދި ޖުޑީޝަރިއާ ހުރިހާ ފަރާތްތަކަށް ގޮވާލާ ގޮވާލުމަކީ ރައީސް ޔާމީނަށް ހައްގު އިންސާފު ގާއިމުކޮށްދެއްވާ އެމަނިކުފާނު މިނިވަން ކޮށްދެއްވުން. އަޅުގަނޑުމެންގެ އުންމީދަކީ އަޅުގަނޑު މިކަމާ ކުރިއަށްދާން ނުޖެހި ރައީސް ޔާމީން މިނިވަންވެ، ހުރިހާ ދިވެހީންގެ ކެންޑިޑޭޓެއްގެ ގޮތުގައި ނިކުތުން،" މުއިއްޒު ވިދާޅުވި އެވެ.

ރިޔާސީ އިންތިހަބުގައި ޕީއެންސީ އިން ކެންޑިޑޭޓަކު ނެރެން ނިންމުމާއެކު މުއިއްޒު ވަނީ ވަގުތުން ޕީއެންސީއަށް ސޮއި ކުރައްވައިފަ އެވެ.

މުއިއްޒު މި ޓިކެޓް ހޯއްދަވާފައި ވަނީ ޕީއެންސީ ސެނެޓުގައި މިއަދު ހަވީރު ނެގި ސިއްރު ވޯޓުގައި ދެ ވޯޓުން ކުރި ހޯއްދަވައިގެންނެވެ.

މުއިއްޒު އަށް ލިބުނީ ޖުމްލަ 25 ވޯޓެވެ. އޭނާއާ ދެން ވާދަ ކުރެއްވި ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފަށް ލިބިވަޑައިގެންފައި ވަނީ 23 ވޯޓެވެ. އެ އިންތިހާބުގައި ޖުމްލަ 48 ސެނެޓަރުން ވަނީ ވޯޓު ލައިފަ އެވެ.