އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމްގެ ރަނިންމޭޓަކަށް ސ. ހިތަދުއަށް ނިސްބަތްވާ ޑރ. އަދީލް ނަސީރު ހަމަޖައްސަވައިފި އެވެ.

ނާޒިމްގެ ރަނިންމޭޓަކަށް ޑރ. އަދީލް ހަމަޖެއްސިކަން އިއުލާން ކުރެއްވީ ބިލަބޮން ހައި އިންޓަނޭޝަނަލް ސްކޫލްގައި ބޭއްވި ހަފުލާއެއްގަ އެވެ.

ޑރ. އަދީލަކީ އައްޑޫ ސިޓީގެ އެކި ސްކޫލްތަކުގައި ޕްރިންސިޕަލްކަން ކުރެއްވި ބޭފުޅެކެވެ. އޭނާ ވަނީ 2019 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހިތަދޫ އުތުރު ދާއިރާގެ މެންބަރުކަމަށް އަމިއްލަގޮތުން ވާދަކުރައްވާފަ އެވެ.

މިރޭގެ ރަސްމިއްޔާތުގައި ޑރ. އަދީލް ވިދާޅުވީ ނާޒިމް ފަދަ ބޭފުޅަކާއެކު އެ މަސައްކަތް ކުރުމުގެ ފުރުސަތު ލިބުމުން ވަރަށް އުފާވާ ކަމަށެވެ.

އޭނާ ވިދާޅުވީ މުޖުތަމައުގައި ހިތާމަވެރި ކަންބޮޑުވާ މަންޒަރުތައް ފެންނަލެއް ގިނަ ވެއްޖެ ކަމަށެވެ. ބަލާލި ކޮންމެ ދިމާލަކުން ވެސް ފެންނަނީ ހާސް ކަމާއި ކަންބޮޑުވުން ކަމަށާއި މުޖުތަމައުއަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ޖަލްސާގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ ޑރ. އަދީލަކީ ފަސްބައިގައި ކިލަނބު ކަމެއް ނެތް ގައުމު އިސްކޮށް މަސައްކަތްކުރައްވާނެ ބޭފުޅެއް ކަމަށެވެ.

ރަނިންމޭޓަކު ކަނޑައެޅުމުގައި ރާއްޖޭގައި ހުރި ބޮޑެތި މަައްސަލަތަކަށް ހައްލު ހޯދައިދެވޭނެ ފަދަ އިލްމީ، ޒުވާން ބޭފުޅަކަށް އިސްކަން ދެއްވަން މަސައްކަތް ކުރެއްވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.