ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ ރަނިން މޭޓަކަށް އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު ޑރ. އަމީން އިބްރާހިމް ހަމަޖައްސައިފި އެވެ.

ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އަމީންއަކީ ފެށުނީއްސުރެ، ޖޭޕީގެ އިސް ސަފުގައި ހަރަކާތްތެރިވަމުން ގެންދަވާ ބޭފުޅެކެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ގާސިމުގެ ކެމްޕޭން މެނޭޖަރަކަށް ވެސް ހަމަޖައްސަވާފައިވާ އެއް ބޭފުޅަކީ އަމީން އެވެ.

އެގޮތުން ހއ. އަތޮޅުން ފެށިގެން އދ. އަތޮޅާ ދެމެދުގެ ކެމްޕެއިން މެނޭޖަރަކަށް ހަމަޖައްސަވާފައި ވަނީ އަމީން އެވެ. މީގެ އިތުރުން މާލޭގެ ދެބައިކުޅަ އެއްބައި ހަވާލުކުރައްވާފައި ވަނީ ވެސް އަމީނަށެވެ.

ބ. ތުޅާދޫއަށް އުފަން އަމީން ވަނީ ބިޒްނަސް އެޑްމިނިސްޓްރޭޝަން ދާއިރާއިން ޕީއެޗްޑީ ހާސިލުކުރައްވާފަ އެވެ.

އަމީންއަކީ ދިވެހި އަދަބިއްޔާތަށް ހިދުމަތް ކުރެއްވުމުގެ ދާއިރާއިން 2007 ވަނަ އަހަރު އާއްމު ހިދުމަތުގެ އިނާމު ވެސް ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ.

ސެޕްޓެމްބަރު 9 ގައި އޮންނަ ރިޔާސީ އިންތިހާބަށް ވާދަކުރުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އޮގަސްޓު 7 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 2:00 އާ ހަމައަށެވެ.