ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ވޯޓު ބައިބައި ކުރަން ނަމެއްގައި އިންތިހާބަށް ކުރިމަތިލީ މީހުން ވެސް އެބަތިބި ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ޞޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް ޞޯލިހުގެ ކެމްޕެއިން ދަތުރުފުޅުގައި މިއަދު ގދ. ހޯޑެއްދޫ އަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ވިދާޅުވީ ބައެއް ބޭފުޅުން އިންތިހާބުގައި ނުހޮވޭނެކަން އެނގިހުރެ ވެސް އިންތިހާބަށް ކުރިމަތިލައްވައިގެން އުޅެނީ ވޯޓު ބައިބައިކުރައްވަން ކަމަށެވެ.
ރައީސްގެ ވާހަކަފުޅު އަމާޒުކުރައްވަފައި ވަނީ އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެހުންނަވާ އުފެއްދެވި ދަ ޑިމޮކްރެޓްސްގެ ބޭފުޅުންނަށެވެ.
އެބޭފުޅުންގެ ނަން ސީދާ ރައީސް ވިދާޅުވެފައި ނުވެ އެވެ. އެހެން ނަމަވެސް ރައީސް ވިދާޅުވީ ޕާޓީގެ ތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަކާ އެކު ޕާޓީ ދޫކޮށް ދިޔަ މެމްބަރުންގެ ސަބަބުން އެ ތާއީދަށް ކޮންމެވެސް ވަރަކަށް ބަދަލު އަންނާނެ ކަމަށެވެ.
ރައީސް ވިދާޅުވީ އެގޮތަށް ކުރިމަތިލީ އެއްވެސް ބޭފުޅެއްގެ ތަސައްވުރެއް ނެތް ކަމަށާއި އިންތިހާބަށް ކުރިމަތިލީ ނަމެއްގައި ކަމަށެވެ. އެބޭފުޅުންގެ ހަމައެކަނި މަގުސަދަކީ ލިބެން އޮތް ވޯޓު ބައިބައި ކޮށްލުން ކަމަށް ރައީސް ވިދާޅުވި އެވެ.
"ކަނޑައެޅިގެން ތިމާމެންނަށް ވެރިކަމަކަށް ނާދެވޭނެކަން އެނގޭ އިރު އެކަމަށް ހުރަސް އެޅުމަށް މަސައްކަތްކުރަމުން އެ ދަނީ ހަމަ އެކަނި މަގުސަދަކީ އެ އައި ހިޔާލުތަފާތުވުން ތަކުގައި، ސިޔާސީ ހިޔާލުތަފާތުވުންތަކުގައި ބަޔަކަށް ލިބެން އޮތް ފަސޭހައަކަށް ހުރަސް އެޅުން،" ރައީސް ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވެފައިވަނީ އެމެމްބަރުން އަލުން ވިސްނަވައި އެމްޑީޕީއަށް ވޯޓު ދިނުމަށް އެދިވަޑައިގެންފަ އެވެ.